އުސޫލާ ހިލާފަށް ޕީސީބީއާއި މިނިސްޓްރީގެ އޮފިޝަލުން ޝާމިލުނުކޮށް ބައެއް ކުންފުނިތަކުން އަހަރީ އާންމު ޖަލްސާތަކާއި ހާއްސަ ޖަލްސާތައް ބާއްވަމުންދާކަން އެ ބޯޑުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ ބޯޑުން ބުނެފައިވެ އެވެ.
ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ކުންފުނިތަކުގެ އާންމު އަދި ހާއްސަ ޖަލްސާތައް ބޭއްވުމުގައި އަމަަލުކުރަންޖެހޭ އުސޫލާ ހިލާފުވާކަން ފާހަގަކުރެވިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީން) އުސޫލަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި އެވެ.
ޕީސީބީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ "ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް"ގެ 18 ވަނަަ ނަންބަރުގައި ކުންފުނިތަކުގެ އަހަރީ ޖަލްސާ ބާއްވާއިރު، ޕީސީބީއާއި ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ބައިވެރިކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ އުސޫލާ ހިލާފަށް ޕީސީބީއާއި މިނިސްޓްރީގެ އޮފިޝަލުން ޝާމިލުނުކޮށް ބައެއް ކުންފުނިތަކުން އަހަރީ އާންމު ޖަލްސާތަކާއި ހާއްސަ ޖަލްސާތައް ބާއްވަމުންދާކަން އެ ބޯޑުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ ބޯޑުން ބުނެފައިވެ އެވެ.
އެ ބޯޑުން ކުންފުނިތަކަށް އިލްތިމާސްކޮށްފަައިވަނީ އަހަރީ އާންމު ޖަލްސާތަކާއި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް އިންތިޒާމުކުރުމުގައި ގަވަނެންސް ކޯޑާ އެއްގޮތަށް، ޕީސީބީއާއި ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން އެ ޖަލްސާގައި ހިމެނޭކަން ކަށަވަރުކުރުމަށެވެ.
އަދި އެފަދަ ޖަލްސާއެއް ބޭއްވުމުގެ ކުރިން ކުންފުނިތަކާއި ހިސާކުރެވިފައިވާ އޮންލައިން ޗެކްލިސްޓެއް ފުރިހަމަކުރުމަށްވެސް އެ ބޯޑުން އެދިފައިވެ އެވެ. އެ ފޯމުގެ ލިންކު ކުންފުނިތަކުގެ ސެކްރެޓަރީންނާ ހިއްސާކޮށްފައިވެ އެވެ.
އަދި ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން ޕީސީބީން އަންގާ އެންގުންތަކަށް ކުންފުނިތަކުން ތަބާވުމަކީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ވިޔާފާރީގެ އުސޫލުން ހިންގާ ސަރުކާރުގެ ހުރިހާ ތަނަކަށް ލާޒިމުކަމެއްކަން އެ ބޯޑުން ހަދާންކޮށްދީފައިވެ އެވެ.