ޓޫރިޒަމް ފުޅާވާނީ ފަސޭހަ ދަތުރުން ފަތުރުން، ރިސޯޓް އެޅިޔަސް ނުހިނގާނެ

މުހައްމަދު އުމަރު މަނިކް ވިދާޅުވި ގޮތުގައި އެއާޕޯޓް ތަކެއް އެޅިޔަސް އެތަނަށް އިތުރު ފްލައިޓްތައް ބޭއްވޭނެ ގޮތްތަކެއް އިންތިޒާމު ކުރަން ޖެހެ އެވެ. އެ ސަރަހައްދެއް ތަރައްގީވާނީ އެގޮތަށް ކަންކަން ކުރުމުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޔުނިވާސަލްގެ ވެރިޔާ އަދި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކް

ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ހިސާބުން މައްޗަށް ގެންދެވޭނީ ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް އޮވެގެން ކަމަށާއި ރިސޯޓްތަކެއް އެޅިޔަސް އެ ތަންތަނެއް ނުހިނގާނެ ކަމަށް ދިވެހި ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކް (އެމްޔޫ) ވިދާޅުވެއްޖެ އެވެ. 

ގައުމީ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ކުރުނބާ މޯލްޑިވްސްގައި ރިސޯޓް އޯނަރުންގެ ޖަމިއްޔާ މަޓީން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި އެމްޔޫ މަނިކް ވިދާޅުވީ މީގެ 52 އަހަރު ކުރީގައި ޓޫރިޒަމް އުފެދިގެން އައިއިރު މިކަމުގައި އުޅުނު މީހުންނަށް މާލެ އަތޮޅުން ބޭރަށް ދިއުން ވެސް ވީ ބޮޑު ކަމަށެވެ. އެހެންވެ މިހާރު އެންމެ ބޮޑަށް ކުރަން ޖެހޭ ކަމަކީ އިންޓާނަލް ޓްރާންސްޕޯޓް ފުޅާ ކުރުންކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ޓޫރިޒަމް އެންމެ ފުރަތަމަ އުފެދިގެން އައިއިރު އަރި އަތޮޅަށް ދަތުރުކުރަން ވެސް ކަނޑު ބޯޓަކަށް އަރައިގެން އަށް ގަޑިއިރު ދުއްވަން ޖެހުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

"ކަންތައް ހުރި ގޮތަކީ މިއީ. މިހެން ގޮސް ސީޕްލޭން އާއި ހެލިކޮޕްޓަރު ދުއްވަން ފެށީމަ މި [ޓޫރިޒަމް] ހިނގައިގަތީ، މިގޮތަށް މާލެއާ ދުރު އަތޮޅުތަކުގައި ހިނގައެއް ނުގަންނާނެ މިގޮތަކަށް. އަޅުގަނޑުމެން އެއާޕޯޓް ހެދިދާނެ. އެކަމަކު އެތަނަށް ޕްލޭންތަކެއް ނުދޭ. އެތަނަށް ފްރީކްއެންޓް ފްލައިން ހެދިގެން ނޫނީ އެތަނެއް ރިވައިވެއް ނުވާނެ،" ޔުނިވާސަލްގެ ޗެއާމަން މަނިކް ވިދާޅުވި އެވެ. 

މީހުން ނާންނަމަ ރިސޯޓެއް ނުހިނގާނެ

ވަރަށް އާދައިގެ ގޮތަކަށް ޓޫރިޒަމް ވިޔަފާރި ފެއްޓެވި ކާމިޔާބު ވިޔަފާރި ވެރިޔާ އެމްޔޫ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިންޓާނަލް ޓްރާންސްޕޯޓް ވިއުގަ ވަރުގަދަ ކުރަން ޖެހޭ ކަމަށާ އެހެން ނޫންނަމަ މާލެއާ ދުރުގައި ހުރި ޓޫރިޒަމް ޕްރޮޕަޓީތައް ނުހިނގާނެ އެވެ. 

"ރިސޯޓް އެޅިޔަސް އެކަމަކު އެ ތަންތަނެއް ނުހިނގާނެ. ބޭނުވަނީ ޓްރާންސްޕޯޓް. މިއީ ވަރަށް ބޮޑު ކަމެއް. އަޅުގަނޑަކަށް ނޭނގެ ކޮން ބައެއް ކަމެއް މިކަމަށް އިނީޝިއޭޓް ނަގާނީ،" އެމްޔޫ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި އެތެރޭގެ ދަތުރުފަތުރު ވަރުގަދަކުރުމުން ރާއްޖޭގެ އެކި ހިސާބުތަކަށް އިންވެސްޓަރުންނާއި ވިޔަފާރީގެ ޝައުގުވެރިކަން ވެސް އިތުރުވާނެ އެވެ. 

"މިނިސްޓަރަށް ވެސް ދަންނަވަން ބޭނުން. އެހެންނޫނީ މި [ރާއްޖެ / ޓޫރިޒަމް] އެއް ހިނގައެއް ނުގަންނާނެ. އަޅުގަނޑަކަށް އެނގޭ ގއ. އަދި ގއ. ހިސާބުގެ އަތޮޅުތައް އުޅޭ ހާލު. ގަދަވެއްޖެނަމަ ދަތުރު ކުރަން އުޅޭ ހާލު. އެ ތަނަށް ކޮންމެ ދުވަހަކު ދެތިން ހަތަރު ފްލައިޓް ނުދަންޏާ ނުވާނެ އެނގޭ ތޯ؟ ކޮމާޝަލީ ފީޒިބަލެއް ނުވާނެ މިކަމެއް،" އެމްޔޫ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.