ރިސޯޓު އޯނަރުންނަށް ސައިފްގެ ރައްދު؛ ސައުދާގަރުންގެ އަތްމަތިދަތިވާ ވާހަކައަށް ހަމްދަރުދީއެއް ނެތް

އާންމުންނަށް ޑޮލަރު ނުލިބިގެން ގަނަތެޅޭއިރު، އެންމެންގެ ގުދުރަތީ ވަސީލަތްތަކާއި މުއްސަނދިކަމުން އުފެއްދި ޑޮލަރުގައި އެއްބަޔަކު ފަތަމުންދާކަމަށް ސައިފު ސިފަކުރެއްވި އެވެ.

މާލޭގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކިން ނިޒާމަށް ވައްދައި، އެ އާމްދަނީގެ މިންވަރެއް ބޭންކުތަކުގައި މާރުކުރަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލާޒިމުކުރުމުން ރިސޯޓު އޯނަރުން ފާހަގަކުރާ ކަންބޮޑުވުންތަކަށް މާލޭ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ރައްދު ދެއްވައިފި އެވެ. 

އެމްއެމްއޭއިން އެކުލަވައިލާ އާންމުކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ކޮންމެ މަހަކު ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހަކާ ޖެހިގެން ތިންވަނައަށް އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކަކަށް ޖަމާކުރުން ލާޒިމުކޮށްފައިވެ އެވެ. 

އޭގެ އިތުރަށް ރިސޯޓުތަކާއި 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓުހައުސްތަކާއި ސަފާރީ ޔޮޓުފަހަރުތަކުން އެތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މަހެއްގެ މައްޗަށް ބޭންކުތަކަށް މާރުކުރުން އެ ގަވާއިދުގައި ލާޒިމުކޮށްފައިވެ އެވެ. 50 ކޮޓަރިއަށްވުރެ މަދު ކޮޓަރި ހުންނަ ގެސްޓުހައުސްތަކުން މާރުކުރަންޖެހޭނީ ޓޫރިސްޓެއްގެ ބޮލަކަށް މަހެއްގެ މައްޗަށް 25 ޑޮލަރެވެ. 

މި ބަދަލު ގެނައީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ބޮޑު ބައެއް ދިވެހިރާއްޖޭގެ މާލީ ނިޒާމަށް ނުވަންނަ މައްސަލަ ހައްލުކޮށް، ބޭންކުތަކަށް ޑޮލަރު ނުލިބުމުގެ ސަބަބުން ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް ލުޔެއް ހޯދުމުގެ ބޭނުމުގަ އެވެ. 

މި ބަދަލާއެކު ރިސޯޓު އޯނަރުންގެ ޖަމްއިއްޔާ މަޓީއިން ކަންބޮޑުވުން ފާޅުކޮށް އެ ނިންމުން ނިންމާފައިވަނީ އެ ޖަމްއިއްޔާއިން ފާހަގަކުރި އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް ކަމަށް ބުނެފައިވެ އެވެ. އަދި އެ ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވާނެކަމަށް ބައެއް ރިސޯޓު އޯނަރުން ނޫސްތަކަށް މައުލޫމާތު ދެމުން ގޮސްފައިވެ އެވެ. 

ގެސްޓުހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނާޝިދު (ކާނި)ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ ފަތުރުވެރިއެއްގެ ބޮލަކަށް 50 އަށްވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓުހައުސްތަކުން މާރުކުރަންޖެހޭ އަދަދަކީ މާ ބޮޑު އަދަދެއް ކަމަށެވެ. 

ރިސޯޓު އޯނަރުންނާއި ބޮޑެތި ގެސްޓުހައުސްތައް ހިންގާ ފަރާތްތަކުން ފާހަގަކުރަމުންދާ ކަންކަމާ ގުޅިގެން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ސައިފު ވިދާޅުވީ ދިވެހި ކިޔަވާ ކުދިންނާއި، ބޭސްފަރުވާއަށް ބޭރު ގައުމުތަކަށް ދާ މީހުންނާއި، މުދާ އިމްޕޯޓުކޮށް ރީޓެއިލް ވިޔަފާރިކުރާ  ފަރާތްތައް ހިމެނޭހެން އާދައިގެ ރައްޔިތުން ޑޮލަރަށް ޖެހިގެން ގަނަތެޅެމުންދަނީ ކަމަށެވެ. 

އާންމު ރައްޔިތުންނަށް ޑޮލަރު ނުލިބި ގަނަތެޅެންޖެހިފައިވާ މި ހާލަތުގައި ރާއްޖޭގެ އެއްބަަޔަކު ޑޮލަރުގައި ފަތަމުންދާކަމަށް ސައިފު ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޑޮލަރަކީ އެންމެންގެ ގުދުރަތީ ވަސީލަތާއި މުއްސަނދިކަން ބޭނުންކޮށްގެން އުފައްދާ ޑޮލަރެވެ. 

އަދި ޑޮލަރު އާމްދަނީން މިންވަރެއް މާރުކުރުވުމަކީ އިތުރު ޓެކުހެއް ނެގުން ނޫންކަން ފާހަގަަކުރައްވައި ސައިފު ވިދާޅުވީ ކުރަން އުޅޭ ކަމަަކީ ދިވެހި ބޭންކުތަކަށް އެ ޑޮލަރުން މިންވަރެއް މާރުކުރުވުން ކަމަށެވެ. 

"އެއީވެސް އަތްމަތިދަތިވެގެން ސަހަރޯވެރިވާވަރު ކަމެއް ކަމަށް މަހުޖަނުން، ސައުދާގަރުން ބުންޏަސް ހަމްދަރުދީވާން ދަތި،" ސައިފު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.