ފާޑުކިޔުންތައް އަމާޒުވުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އިގުތިސޯދު މިވަގުތު އޮތް ގޮތުން މިބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ވަގުތު ނޫން ކަމަށެވެ.
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނު ބާތިލުކުރަން ނިންމައިފި އެވެ.
މިނިސްޓްރީން އިއްޔެ އެ އިއުލާނުކޮށްފައި ވަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅިގެން މުންނާރު ކައިރީ މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދުމަށެވެ.
ގައުމުގެ އިގްތިސޯދީ ހާލަތު ހީނަރުވެފައިވާ މިދުވަސްވަރު އެފަދަ ހަރަދެއް ކުރަން އުޅޭތީ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ އެ އިއުލާނާ ގުޅިގެން ސަރުކާރަށް ފާޑުކިޔާފަ އެވެ.
ފާޑުކިޔުންތައް އަމާޒުވުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އިގުތިސޯދު މިވަގުތު އޮތް ގޮތުން މިބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ވަގުތު ނޫން ކަމަށެވެ. އެހެންވެ، އެ އިއުލާނު ބާތިލުކުރަން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަސްލު އެ ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރު ކައިރީގައި އޮންނަ ފެންގަނޑެއް. އެތަން މަރާމާތު ކުރުމުގެ މަސައްކަތެއް ދަނީ،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
މާލޭގެ އިސްލާމީ މަރުކަޒާއި ބޮޑުތަކުރުފާނަށް ނިސްބަތްވާ ބޮޑު ބިޔަ މިސްކިތް އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު 1984 ވަނަ އަހަރު ހުޅުވި މިސްކިތެކެވެ. އަދި އެއީ ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތާއި އިސްލާމީ ދަންމަރު އެންމެ ވަރުގަދައަށް ފާޅުކޮށްދޭ ރަމްޒުވެސް މެއެވެ.