ބޭރު ފައިސާގެ ވިޔަފާރިކުރުމުގެ ލައިސެންސަށް އެދި ހުށަހަޅަން ހުޅުވާލައިފި

ކުރިން އަމަލުކުރި ގަވާއިދުގެ ދަށުން ލައިސެންސް ދޫކޮށްފައިވާ ފަރާތްތަކަށް އައު ގަވާއިދުގެ ދަށުން ލައިސެންސް އައު ކުރުމަށް ދެ މަސް ލިބޭއިރު އެ މުއްދަތުގައި ލައިސެންސް އައުކުރަން ހުށަނާޅާ ވިޔަފާރިތަކުގެ ލައިސެންސް ބާތިލުވާނެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ

ބޭރު ފައިސާގެ ބާޒާރު ރެގިއުލޭޓުކުރުން ހަރުދަނާކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން އަލަށް އެކުލަވައިލި "މަނީ ޗޭން ވިޔަފާރިއާ ބެހޭ ގަވާއިދު"ގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ. 

އަލަށް އެކުލަވައިލި ގަވާއިދުގެ ދަށުން ދެ ބާވަތެއްގެ ލައިސެންސް ދޫކުރެ އެވެ. ފުރަތަމަ ފަންތީގެ ލައިސެންސަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް ދޭ ހުއްދަ އެވެ. ދެވަނަ ލައިސެންސަކީ ހަމައެކަނި ބޭރު ފައިސާ ވިއްކުމަށް ދޭ ހުއްދައެކެވެ. 

ފުރަތަމަ ބާވަތުގެ ލައިސެންސް ދޫކުރާނީ ކުންފުނީގެ ގާނޫނުގެ ދަށުން ހަމައެކަނި ފައިސާ ގަތުމާއި ވިއްކުމަށް ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށެވެ. އަދި އެ ކުންފުނިތަކުގެ ހަގީގީ ވެރިންނަށް ވާންޖެހޭނީ ދިވެހިންނެވެ. މާނައަކީ އެއިން ކުންފުންޏެއްގައި އެހެން ވިޔަފާރިއެއްގެ ހިއްސާ އޮތަސް އެ ވިޔަފާރީގެ މިލްކުވެރިންނަކީވެސް ދިވެހިންކަމަށްވާން ޖެހޭނެ އެވެ. އަދި އެ ވިޔަފާރީގައި ހަރަކާތްތެރިވާ މުވައްޒަފުންވެސް ދިވެހިންނަށްވާންޖެހޭނެ އެވެ.

ފަސް އަހަރުގެ މުއްދަތަށް އެފަދަ ވިޔަފާރިތަކަށް ދޫކުރާ ލައިސެންސް ހޯދުމަށް ހުށަހަޅާއިރު އެޕްލިކޭޝަން ފީއެއްގެ ގޮތުގައި 20،000 ރުފިޔާ އަދި ލައިސަންސް ފީއެއްގެ ގޮތުގައި އަހަރަކު 24،000 ރުފިޔާ ދައްކަންޖެހޭނެ އެވެ. ޑިޕޮސިޓުގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު ބަހައްޓަންޖެހޭނެ އެވެ.

މި ކެޓަގަރީގެ ވިޔަފާރިތަކަށް އެއް ފަހަރާ ކަސްޓަމަރަކަށް ނަގުދު ފައިސާއން ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދަކަށް ބޭރު ފައިސާއިންކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ ފަރާތުން ކުރާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުރިހާ މުއާމަލާތްތަކެއް މޮނީޓާ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރަންޖެހޭނެ އެވެ. 

ބޭރު ފައިސާ ވިއްކަން އެކަނި ހުއްދަ ދޭނީ ޓޫރިޒަމް ރިސޯޓު ހިންގުމުގެ ހުއްދަ އޮންނަ ކުންފުނިތަކަށް އެކަންޏެވެ. އެ ދަރަޖައިގެ ހުއްދައަށް އެދޭއިރު ފީގެ ގޮތުގައި 1،300 ޑޮލަރު އަދި ލައިސެންސްގެ އަހަރީ ފީގެ ގޮތުގައި މަހަކު 1،800 ޑޮލަރު ދައްކަންޖެހޭނެ އެވެ.

އެ ކުންފުނިތަކަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރެވޭނީ ބޭންކެއް މެދުވެރިކޮށް ކަމށާއި، އަދި އެއްވަނަ ދަރަޖައިގެ ހުއްދަ އޮތް ވިޔަފާރިއަކާއެކު ނަގުދު ފައިސާއިން މުއާމަލާތް ކުރެވިދާނެ ކަމށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ. މި ކުންފުނިތަކުންވެސް ލައިސެންސް ހޯދުމަށް ހުށަހަޅާއިރު 50،000 ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓަންޖެހޭނެ އެވެ.

ކުރިން ބޭރު ފައިސާގެ މުއާމަލާތް ކުރުމުގެ ހުއްދަ ދީފައިވާ ވިޔަފާރިތަކަށް، އައު އުސޫލުން ލައިސެންސް ހޯދަން ހުށަހަޅަން ދެ މަސް ދުވަސް ލިބޭނެ އެވެ. އެ މުހުލަތުގައި ލައިސެންސް އާކުރަން ހުށަނާޅައިފިނަމަ ލައިސެންސް ބާތިލުވާނެ އެވެ. ނަމަވެސް ލައިސެންސް ހޯދުމަށް އެ މުހުލަތުގައި ހުށަހަޅާ ވިޔަފާރިތަކަށް ލައިސެންސްއާމެދު އެމްއެމްއޭއިން ގޮތެއް ނިންމުމާ ހަމައަށް ވިޔަފާރި ކުރެވޭނެ އެވެ. 

އެމްއެމްއޭއިން މިއަދު ބުނެފައިވަނީ ދެ ގިންތީގެ ލައިސެންސް ހޯދުމަށް އެ އިދާރާގެ ވެބްސައިޓު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ. ކުރިން އަމަލުކުރި ގަވާއިދުގެ ދަށުން ލައިސެންސް ދޫކޮށްފައިވާ ފަރާތްތަކަށް އައު ގަވާއިދުގެ ދަށުން ލައިސެންސް އައު ކުރުމަށް ދެ މަސް ލިބޭއިރު އެ މުއްދަތުގައި ލައިސެންސް އައުކުރަން ހުށަނާޅާ ވިޔަފާރިތަކުގެ ލައިސެންސް ބާތިލުވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.