އަލްހާންގެ ތިން ބެއިންގެ މައްސަލަ ރިވިއުކޮށްދޭން ޕީޖީގައި އެދިއްޖެ

އަލްހާނާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުން 39 ދައުވާ އުފުލާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ކޯޓުގައި ބާއްވާފައިވާއިރު، އެމީހުންގެ ފަރާތުން ވަނީ މައްސަލަ މަޑުޖައްސާލަން އެދިފަ އެވެ.

އަލްހާން، ޝަހުބާން އަދި ޝަޒްބާން މިއަދު ކްރިމިނަލް ކޯޓުގައި: އެމީހުންގެ ޝަރީއަތް މިއަދު ވަނީ ފަށާފައި --

ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުން ތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލާގައި އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަ ރިވިއުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

ޕީޖީ އޮފީހުން ވަނީ މިހާރު ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހެޅަން 20 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އަލްހާނާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުން 39 ދައުވާ އުފުލާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އެމީހުންގެ ފަރާތުން ވަނީ މައްސަލަ މަޑުޖައްސާލަން އެދިފަ އެވެ. އެގޮތަށް އެދުނީ ޕީޖީ އޮފީހަށް ދައުވާތައް ރިވިއުކުރަން ހުށަހަޅާފައިވާތީ ކަމަށް ދިފާއީ ވަކީލް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އެ ހުށަހެޅުން، ގާޒީ އިސްލާއިލް ޝަފީއު ބަލައިގެންފައެއް ނުވެ އެވެ. ގާޒީ ވިދާޅުވީ ޝަރީއަތް ކުރަން މަދު ދުވަސްތަކެއް ލިބޭތީ، އަޑުއެހުން މަޑުޖައްސާލައިފިނަމަ ޝަރީއަތް ދިގުލައިގެންދާނެ ކަމަށެވެ. އެހެންކަމުން ޕީޖީން ވަކި ގޮތެއް ނުނިންމިޔަސް ޝަރީއަތް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

މި މައްސަލައިގައި މީގެ ކުރިން އޮތް އަޑުއެހުމުގައި ތިން މީހުންނަށް ވެސް ވަނީ ދައުވާތައް އިއްވާފަ އެވެ. މިއަދު އޮތީ ދައުވާއަށް ޖަވާބުދާރީވުމުގެ ބައެވެ. ނަމަވެސް ތިން މީހުންގެ ފަރާތުން އައްޔަނުކުރަން ހުށަހަޅާފައިވާ އިތުރު ވަކީލަކު އައްޔަނުވެފައި ނުވާތީ ދިފާއުން ވަނީ އަޑުއެހުން ކުރިއަށް ގެންދަން ދެކޮޅު ހަދާފަ އެވެ.

އަލަށް އައްޔަނު ކޮށްފައި ވަނީ ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އައްޔަނު ނުވެ އޮތީ ވަކީލު އައްޔަނުކުރާ ފޯމުގައި ސޮއިކޮށްފައި ނެތުމުންނެވެ. އާޒިމާއާ ނުލައި އަޑުއެހުން ކުރިއަށް ގެންދަން ގާޒީ އެދުނު ނަމަވެސް ދިފާއުން އިންކާރު ކުރުމުން މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ.

މި މައްސަލައިގައި ދައުވާތަކަށް ޖަވާބުދާރީވާން ގާޒީ ވަނީ އަންނަ އާދީތަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. ބަލިވެ އުޅޭތީ މިއަދުގެ އަޑުއެހުމަށް އަލްހާން ހާޒިރުވެފައެއް ނުވެ އެވެ.

މައްސަލައިގެ ހުލާސާ - ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އަލްހާނާއި ޝަހުބާނާއި ޝަޒްބާންގެ މައްޗަށް ދައުވާކޮށްފައި ވަނީ ތިން ބެއިންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސް އިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާ އިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައި ވާތީ ކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ.

މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން އެ ބައިތައް ދިރާސާ ކުރުމަށް ފަހު މި މައްސަލައިގައި އިތުރު ދައުވާ ތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ. މި މައްސަލައާ ގުޅިގެން އެމީހުންގެ ބޭންކް އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.