ޓޫރިޒަމް އިންވެސްޓްމަންޓް | މާވަހަރުގެ އަގު ހިފަހައްޓަން ޖެހިފައި

ނުހެދި 60 ރިސޯޓް އެބަހުއްޓެވެ. ރަށްތައް ނަގާ އިންވެސްޓަރުންނަށް ހުއްދަތައް އަވަސްކޮށް އިންވެސްޓަރުންނަށް ފަސޭހަކޮށްދޭން ޖެހެ އެވެ. އިންވެސްޓަރުންނަށް ފަހި ކުރަން ދައުލަތުގެ ނިޒާމުގެ ތެރޭން މިހާރަށްވުރެ ހިދުމަތް އަވަސްވާން ޖެހެ އެވެ.

ޓޫރިސް އައިލެންޑެއްގެ ބައެއް : ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތަކުގެ ކަންކަން އަވަސް ކުރުން މުހިންމު

ރާއްޖޭގެ ޓޫރިޒަމް އުފެދުނުތާ މި އަދަދަށް 54 އަހަރު ފުރިގެން އެ ވާހަކަ ދައްކާއިރު ރާއްޖެވެފައިވަނީ ޓޫރިޒަމް އިންވެސްޓްމަންޓުގެ އޭންގަލަކުން ވިސްނާއިރު ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ހަބަށެވެ. ރާއްޖޭގެ ޓޫރިޒަމަކީ އިންވެސްޓްމަންޓުގެ ގޮތުން ބަލާއިރު ތެޔޮ ނަގާފަ ދުނިޔޭގައި އޮތް އެންމެ ފައިދާހުރި ވިޔަފާރި އެވެ. ރިސޯޓެއް ތަރައްގީ ކުރުމަށްފަހު ކުރިން ހަތް އަހަރުތެރޭގައި އިންވެސްޓްމަންޓް ރިކަވާ ކުރެވެ އެވެ. އެކަމަކު މިހާރު މި އަދަދު 10 އަހަރަށް އިތުރުވިނަމަވެސް އަދިވެސް ރާއްޖެވެފައިވަނީ ރިޓާން އޮފް އިންވެސްޓްމަންޓް އެންމެ އަވަސް އެއް ގައުމަށެވެ. މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއުތަކެއް ފެށެން ގިނަ ޕްރޮޕޯސަލް ތަކެއް އެބަހުއްޓެވެ. މީގެތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ ނަން ހިނގާ ބްރޭންޑުތަކުން ހުޅުވާނެ ރިސޯޓު ތަކެއް ވެސް ހިމެނެ އެވެ. ސަބަބަކީ ރާއްޖެ، ޓޫރިޒަމް އިންވެސްޓްމަންޓުގައި ދުނިޔޭގައި އޮތް އެންމެ އަވަހަށް ފައިދާ ލިބޭ ގައުމުގެ ގޮތުގައި އޮތުމެވެ. ޓޫރިޒަމް އިންވެސްޓްމަންޓުގައި ރާއްޖެ ވެފައިވަނީ މާވަހަރެއް ފަދަ އަގު ބޮޑު މުދަލަކަށެވެ. އެކަމަކު މިހާރު ރާއްޖޭން ކުރަން ޖެހިފައިވާ ކަމަކީ މި މާވަހަރުގެ އަގު ހިފެއްހެއްޓުމެވެ. 

ރާއްޖޭގެ ޓޫރިޒަމްގައި މި އަހަރުކޮށްފައިވާ އިންވެސްޓްމަންޓް ތަކަށް ބަލާއިރު ކުރިއަށް އޮތް ތިން އަހަރު މީގެތެރޭން ގިނަ ރިސޯޓު ތަކެއް ހުޅުވޭނެ ކަމަށް ބެލެވެ އެވެ. މިގޮތުން މީގެ ބައެއް މަޝްރޫއުތައް ވަނީ ރާއްޖޭގައި އިފުތިތާހު ވެސް ކޮށްފަ އެވެ. މި މަޝްރޫއުތަކަކީ އަވަހަށް ތަރައްގީކޮށް މަޝްރޫއު ނިންމާލައިފިނަމަ އެ މަޝްރޫއެއް ހިންގާ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު މަންފާއެއް ލިބޭނެ މަޝްރޫއު ތަކެވެ.  ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިޒަމަށް 17 ރަށެއް ނެރެން އިންވެސްޓަރުން ހޯދަން ހުޅުވާލާފަ އެވެ. މި ރަށްތަކުގެ ތެރޭން ވެސް ގިނަ ތަންތަން ކުރިއަށް އޮތް ދުވަސްތަކުގައި ހަވާލު ކުރެވޭނެ ކަމަށްވެ އެވެ. 

ޓޫރިޒަމްގައި ރާއްޖެއަކީ އިންވެސްޓަރުން އަބަދު ވެސް އިތުބާރު ކުރާ ގައުމެއްގެ ގޮތުގައި ބާއްވަން މިގޮތަށް އަންނަ މަޝްރޫއުތައް އަވަހަށް ހުއްދަތައް ދީ އެ މަސައްކަތް ފަށަން ފުރުސަތު ފަހި ކުރުމަކީ ގައުމަށް އެންމެ ހެޔޮ ގޮތެވެ. އިންވެސްޓަރުން ހުށަހަޅާ ޕްރޮޕޯސަލްތައް އަވަހަށް ބަލައި އެއަށް ޖަވާބުދީ އެކަމުގެ ހުއްދަތައް އަވަށް ދެވޭނެ މެކޭނިޒަލެއް ގާއިމް ކުރުން މުހިންމެވެ. ސަބަބަކީ ރާއްޖެއަކީ އިންވެސްޓަރުންގެ ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ ބޮޑެތި އިންވެސްޓްމަންޓް ކުންފުނި ތަކުން ގަބޫލު ކުރުމެވެ. 

ޖޭއެލްއެލް ފަދަ ކުންފުނިތައް ރާއްޖެއަށް އިތުބާރުކުރޭ

ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ވިއްކުމުގައި ހަރަކަތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ޖޭއެލްއެލް އޭޝިއާ ޕެސިފިކް ރީޖަންގެ ސީއީއޯ ނިހާތު އެރްކާން ދުވަހު ނޫސް މިހާރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ އަކީ މި ސަރަޙައްދުގެ އެންމެ އިންވެސްޓްމަންޓަށް ފަސޭހަ ގައުމެވެ. އަދި އަހަރުން އަހަރަށް ރާއްޖޭގެ ޝައުގުވެރިކަން ދަނީ މަތިވަމުންނެވެ. އަދި ކުރިން ރިސޯޓް ހަދާ އިންވެސްޓަރުން ޝައުގުވެރިވިނަމަވެސް މިހާރު އެހެން ދާއިރާތަކުންވެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ދަނީ ރާއްޖެ އަށް އިތުރުވަމުންނެވެ. 

"ރާއްޖޭގައި ޔޫރަޕުންނާއި މެދުއިރުމަތިން އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު. ރިސޯޓުތައް ދޫކުރާ މުއްދަތު 99 އަހަރަށް އިތުރު ކުރުމުން ވެސް އިންވެސްޓަރުންގެ ޑިމާންޑު ވަރަށް ބޮޑު،" ނިހާތު ވިދާޅުވި އެވެ. 

ޓޫރިޒަމަށް 700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި 76 އަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މި އިންވެސްޓްމަންޓުގެ ތަކުގެ އަގު 800 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާ އަށް ވުރެ މަތިކަމަށް ދައްކަ އެވެ. މި އަހަރު ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ޓޫރިޒަމް ސެކްޓާގައިކޮށްފައިވާ 60 އަށްވުރެ ގިނައިންވެސްޓްމަންޓް ހިމެނެ އެވެ. މި އިންވެސްޓްމަންޓުތަކުގެ ވެލިއު ނުވަތަ އަގު 767 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. ޓޫރިޒަމް ސެކްޓާގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި 300 މިލިއަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓުތައް ވެސް ހިމެނެ އެވެ. އެވްރެޖުކޮށް ޓޫރިޒަމް އިންވެސްޓްމަންޓްތަކުގެ އަގު ހުރީ އެހެން އިންވެސްޓްމަންޓްތަކަށްވުރެ އަގު މަތިކޮށް ކަމަށް ވެސް ދައްކަ އެވެ.

ނުހެދޭ ރިސޯޓުތަކުން 107 ބިލިއަންގެ ގެއްލުން

ރާއްޖޭގައި ނުހެދި 60 އަށްވުރެ ގިނަ ރިސޯޓު އެބަހުއްޓެވެ. މީގެތެރޭގައި ދޫކޮށްފައި އޮންނަތާ 15 ނޫނީ 20 އަހަރުވެފައިވާ ރިސޯޓުތައްވެސް ހިމެނެ އެވެ. މިދިޔަ ތިން ސަރުކާރުންވެސް މި ރިސޯޓުތައް ހަދަން ދެއްކީ ހުސްވާހަކަ އެވެ. މި ރަށްތައް ނުހެދޭތީ ޓޫރިޒަމުން ސަރުކާރަށް ލިބެން ޖެހޭ އާމްދަނީ ދަނީ ގެއްލެމުންނެވެ. އަދި ރިސޯޓްތަކުން އިގްތިސޯދުގެ އެހެނިހެން ދާއިރާތަކަށް ނުސީދާ ގޮތުން ލިބެން އޮތް މަންފާ ވެސް ގެއްލިފައި ވެއެވެ. އެ ރަށްތައް ހުޅުވިއްޖެނަމަ އެންމެ މަދުވެގެން 21،000 އެނދު އުފެދޭނެ އެވެ. އެ ރަށްތައް ނުހެދި ލަސްވަމުން ދިއުމާއެކު މި ފުރުސަތު ވެސް ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން އެ ރިސޯޓްތަކުގެ ސަބަބުން ކައިރި ރަށްތަކުން އުފެދެން ޖެހޭ ވަޒީފާތަކެއް ނޫފެދި ވަނީ ގެއްލިފަ އެވެ. އަންދާޒާ ކުރެވިފައިވާ ގޮތުގައި އެ ރިސޯޓުތައް ހުޅުވިއްޖެނަމަ 16،000 ވަޒީފާ އުފެދޭނެ އެވެ. މި ރަށްތަށް ނުހެދުމުގެ ސަބަބުން އަހަރަކު 1.4 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 21.5 ބިލިއަން ރުފިޔާ) ނުވަތަ ފަސް އަހަރު ދުވަހަށް ބަލާނަމަ ހަތް ބިލިއަން ޑޮލަރު ނުވަތަ 107 ބިލިއަން ރުފިޔާގެ ގެއްލުމެއް ދަނީ ރާއްޖެއަށް ވަމުންނެވެ.

ހުއްޓިފައިވާ ބައެއް ރަށްތައް ހުރި އަތޮޅުތައް

  • ކ. އަތޮޅު ހިންގަނީ 55 ރިސޯޓް | ހުއްޓިފަ 29 ރަށް
  • އދ. އަތޮޅު ހިނގަނީ 17 ރިސޯޓް | ހުއްޓިފަ އެއް ރަށް
  • ބ. އަތޮޅު ހިނގަނީ 16 ރިސޯޓް | ހުއްޓިފަ ފަސް ރަަށް
  • ރ. އަތޮޅު ހިންގަނީ 16 ރިސޯޓް | ހުއްޓިފަ ހަތަރު ރަށް
  • ގއ. ހިންގަނީ ހަ ރިސޯޓް | ހުއްޓިފަ 10 ރަށް
  • ގދ. ހިނގަނީ ތިން ރިސޯޓް | ހުއްޓިފަ ހަތަރު ރަށް
  • ނ. އަތޮޅު ހިންގަނީ އަށް ރިސޯޓް | ހުއްޓިފަ ފަސް ރަަށް
  • ށ. ހިނގަނީ ދެ ރިސޯޓް | ހުއްޓިފަ ހަތަރު ރަަށް
  • ލ . ހިނގަނީ ދެ ރިސޯޓް | ހުއްޓިފަ ހަތް ރަށް
  • ހއ. ހިނގަނި ދެ ރިސޯޓް | ހުއްޓިފަ އެއް ރަށް
  • ހދ. ހިނގަނީ އެއް ރިސޯޓް | ހުއްޓިފަ ދެ ރަށް
  • ވ. ހިނގަނީ ހަތަރު ރިސޯޓް | ހުއްޓިފަ ތިން ރަށް
  • މ. އަތޮޅު ހިނގަނި ތިން ރިސޯޓް | ހުއްޓިފަ ތިން ރަށް
  • ތ. ހިނގަނި އެއް ރިސޯޓް | ހުއްޓިފަ ހަތަރު ރަށް

މި ރަށްތައް ހެދޭނެ މަގު ސަރުކާރުން ހޯދާނެ

ޓީޓީއެމް ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވާހަކަ ދައްކަވަނީ -- ޓީޓީއެމް

މި ސަރުކާރުން ވަނީ މި ރިސޯޓުތައް ހަދާނެ މަގު ހޯދާނެ ކަމަށް ވައުދުވެފަ އެވެ. ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ ދޫކޮށްފައިވާ ރަށްތަކުގެ ތެރޭގައި 30 އަހަރުވެފައިވާ ރަށްތަށް ވެސް ރާއްޖޭގައި ނުހެދި އެބަހުރި ކަމަށެވެ.

މިރަށްތައް ފަތުރުވެރިކަމަށް އަވަހަށް ނެރުމަށްޓަކައި އިކޮނޮމިކް ކައުންސިލަށް ކަރުދާހެއް ހުށަހަޅައިގެން ދެ ގޮތެއް ފާސްކޮށްފައިވާކަމަށް ފައިސަލް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއްގޮތަކީ އެއްވެސް ވަރަކަށް މަސައްކަތް ފަށާފައިނުވާ ރަށްތައް އެއްވެސް ޝަރުތަކާއި ނުލާ ދައުލަތަށް އެރަށް ދޫކޮށްލުންކަން ވަޒީރު ފާހަގަ ކުރެއްވި އެވެ. 

"އޭރުން އެބޭފުޅުން ދައުލަތަށް ދައްކަންޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ، ފިނޭންސް އާއި މީރާ އާއި މަޝްވަރާކޮށްގެން ލުއިގޮތްތަކެއް ހަމަޖައްސާދޭ ނަން،" ފައިސަލް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެވެސް ވަރަކަށް ފަށާފައި އަދި އެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައި ހުރި ރަށްތަކާއި މެދުވެސް އަމަލުކުރާނެ ގޮތެއް ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމުގައި އެހީތެރިވުމާއި އެހެން ފަރާތަކަށް އެ އިންވެސްޓުމަންޓު ވިއްކުމަށް ވެސް އެހީވުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.  

"މިސާލަކަށް %50 ނޫނީ %60 މަސައްކަތް ހެދިފައި، ފަންޑްސް ދަތި ވެގެން އެކަން ނުކުރެވި ހުރި ފަރާތްތަކާއި އެކު މި ދަނީ މަޝްވަރާކުރަމުން، ފަންޑްސް ހޯދޭނެ ގޮތްތަކެއް ނުވަތަ ފޮރިން އިންވެސްޓަރަކު ބޭނުންވަނީ އެރަށް ގަންނަން، ހެޑް ލީސް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނަން." ފައިސަލް ވިދާޅުވި އެވެ. 

އާ ގާނޫނު ވެސް ބަދަލުތަކެއް އަންނާނެ

ސަރުކާރުން ވަނީ ފޮރިން އިންވެސްޓްމަންޓު އިތުރުކޮށް ހަރުދަނާ ކުރަން ގާނޫނެއް ހަދާފަ އެވެ. ރާއްޖޭގައި އަމަލު ކުރަމުން ދިޔައީ 1979 ވަނަ އަހަރު އެކުލަވާލާފައިވާ ފޮރިން އިންވެސްޓުމެންޓާ ބެހޭ ގާނޫނުގެ ބަދަލުގައި ޒަމާނަށް ފެތޭ ގިނަ ކަންތައްތަކެއް ހިމެނޭ މި ގާނޫނުގައި މުހިންމު ގިނަ ކަންތައްތަކެއް އިސްލާހުކޮށް ހަރުދަނާކޮށްފައިވެ އެވެ. 

ފޮރިން އިންވެސްޓްމަންޓް ގާނޫނު

  • ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން އުފައްދައި އެ ޝައުގުވެރިކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މައިދާނުގައި އިންވެސްޓުމެންޓު ޕްރޮމޯޓު ކުރުމަށް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން
  • ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރެވޭނެ ދާއިރާތަކާއި އިންވެސްޓު ކުރެވޭނެ ޝަރުތުތައް
  • ރާއްޖޭގައި އިންވެސްޓުކުރާ ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތައް ކަނޑައެޅުން
  • އިންވެސްޓުކުރާ ބޭރުގެ އިންވެސްޓަރުންގެ އިންމާ އާއި އެ ފަރާތްތަކަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ ދާއިރާ ކަނޑައެޅުމުގެ އިތުރުން ގާނޫނާއި ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުން

ގާނޫނުގެ އިތުރުން ސަރުކާރުން ހުޅުވަން މަސައްކަތް ކުރާ ރާއްޖޭގެ ފުރަތަމަ ޑިވްލޮޕްމަންޓް ބޭންކްއަކީވެސް މުހިންމު ކަމެކެވެ. މި ބޭންކުގެ ހަގީގީ މަސައްކަތަކަށް ވާން ޖެހޭނީ ރާއްޖެ އަށް އިންވެސްޓްމަންޓް ގެނައުމެވެ. ސަރުކާރުން މި ބޭންކް ހުޅުވާ ސަބަބަކީ ވެސް މި އެވެ. އެމްއެމްއޭއިން މިހާރު ވަނީ ޑިވްލޮޕްމަންޓް ބޭންކަށް ލައިސަންސް ދޫކުރަން ތައްޔާރުވެފަ އެވެ. 

ހަމަ އެކަނި ގާނޫނެއް ހެދުމަކުން ނުފުދޭ

ޓޫރިޒަމަށް ކިތަންމެ އިންވެސްޓްމަންޓް ތަކެއް އެބައާދެ އެވެ. މި އިންވެސްޓްމަންޓްތައް ރިއަލައިޒް ވާނެ މަގެއް ހޯދުމަކީ މި ވަގުތު އަވަސް ކުރަން ޖެހޭ ކަމެކެވެ. މުޅިރާއްޖޭގެ އެކި ހިސާބުތަކުގައި މި މަޝްރޫއުތައް ފެށިއްޖެނަމަ ހަމަ ގައިމު ވެސް މީގެން ގައުމަށް ފައިދާ ކުރާނެ އެވެ. ކޮންމެ އަހަރަކު ވެސް ގައުމުގައ ވަކި މިންވަރެއްގެ ފޮރިން އިންވެސްޓްމަންޓް ހިނގުމަކީ އިގްތިސޯދަށް ކޮންމެހެން ބޭނުން ކަމެކެވެ. އާ ގާނޫނާއެކު "ވަން ސްޓޮޕް" ސޮލިއުޝަނެއްގެ ގޮތުގައި އެފްޑީއައިތަކުގެ ހުއްދަ ލިބޭނެ ވަކިތަނެއް އޮންނަން ޖެހެ އެވެ. އޭރުން އިންވެސްޓަރަށް ދާންވީ މަގު ސާފުކޮށް އޮންނާނީ އެނގޭށެވެ. އަދި އިންވެސްޓަރުންގެ ޕްރޮޕޯސަލްތަކަޑް އަވަހަށް ޖަވާބުދެވެން ޖެހެ އެވެ. އޮފީސްތަކުގެ މޭޒުމަތީގައި ޕްރޮޕޯސަލްތައް ބާއްވައިގެން ގައުމަށްވާނެ ފައިދާއެއް ނެތެވެ. މި ހުއްދަތައް އަވަސްކޮށް މަސައްކަތް ހިންގަން ފަށާނެ މަގު ކޮށުމަކީ ގައުމުގެ އިގްތިސޯދު ވަރުގަދަވެ ލޮޅުން ތަކުން ސަލާމަތް ވާނެ ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.