ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ޓްރެންޑުތައް ފެންނަނީ ރާއްޖެއަށް ފަހިކޮށެވެ. އޮއިވަރު ހުރި ގޮތުގެ ފައިދާ ރާއްޖެއަށް ނެގިއްޖެނަމަ ފަތުރުވެރިކަން އިތުރު ދަރަޖައަކަށް އުފުއްލައިލެވޭނެ އެތައް ފުރުސަތެއް މި ޓްރެންޑުތަކުން ފާހަގަވެ އެވެ.
މި އަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހެވެ. ގައުމީ ފެންވަރުގައި ފާހަގަކުރާ މި ދުވަހު ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑުތައް ހުރި ގޮތަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލު ފެންނަ ގޮތާމެދު ކުރެވޭ ސުވާލަށް ޖަވާބު ދޭން ޖެހެ އެވެ. ރިސޯޓުތަކަށް ލިބޭ އާމްދަނީ ދަށްވެ، ފަތުރުވެރިން ގެސްޓުހައުސް ތަކަށް އަމާޒު ހިފާފައިވާ ވާހަކައާއި މަތީ ފަންތީގެ ފަތުރުވެރިކަމުގެ މުސްތަގުބަލެއް ނެތްކަމަށް ދެކެވޭ ވާހަކަތަކަކީ ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ އޮއިވަރަށް ބަލާއިރު ކިހައި ބުރަދަން ހުރި ވާހަކައެއް ތޯ ބަލައިލަންޖެހެ އެވެ.
ކޮވިޑް-19ގެ އާލަމީ ވަބާގައި ދުނިޔޭގެ ދަތުރުފަތުރު އެކީ ހުއްޓުނެވެ. ފަތުރުވެރިކަން ވަރަށް ބޮޑަށް މަޑުޖެހުނެވެ. އދގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާ، ޔޫއެންޑަބްލިއުޓީއޯ އިން ބުނި ގޮތުގައި ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ފަތުރުވެރިކަން 70 އިންސައްތަ ދަށްވި އެވެ. ނަމަވެސް 2021 އާއި 2022 ގައި ފަތުރުވެރިކަން އިތުރުވާން ފެށި އެވެ. 2022 ގައި ބައިނަލްއަގުވާމީ ފަތުރުވެރިކަން 72 އިންސައްތަ ކުރިއެރި އެވެ.
ޔޫއެންޑަބްލިއުޓީއޯ އިން އަންދާޒާ ކުރާ ގޮތުގައި 2024 ވަނަ އަހަރު ބައިނަލްއަގުވާމީ ފަތުރުވެރިކަން ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް ވާސިލުވާނެ އެވެ. އަދި 1.8 ބިލިއަން އެރައިވަލް އަންނަ އަހަރު ރެކޯޑުކުރެވޭނެ ކަމުގައިވެސް އެ ޖަމްއިއްޔާއިން އަންދާޒާކުރެ އެވެ. 2019 ވަނަ އަހަރު ކޮވިޑްގެ ކުރިން ރެކޯޑުކުރެވިފައި ވަނީ 1.5 ބިލިއަން އެރައިވަލް އެވެ. އެހެންކަމުން އަންނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަން ކޮވިޑުގެ ކުރީގެ ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ވާސިލުވާނެ އެވެ.
ސަރަހައްދީ ކުރިއެރުމަށް ބަލާއިރު ކޮވިޑަށްފަހު އެންމެ ހަލުއިކޮށް ފަތުރުވެރިކަން ކުރިއަރާ ސަރަހައްދަކީ ޔޫރަޕެވެ. ޔޫރަޕަށް 2019 ވަނަ އަހަރު ފަތުރުވެރިން އައި އަދަދުގެ 80 އިންސައްތަ 2022 ވަނަ އަހަރު އެ ސަރަހައްދަށް އައެވެ. މެދުއިރުމައްޗަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު 2022 ވަނަ އަހަރުވަނީ 2019 ވަނަ އަހަރަށްވުރެ ތިން އިންސައްތަ އިތުރުވެފަ އެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށްވެސް ފަތުރުވެރިން ދަތުރުކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2021 އާ އަޅާބަލާއިރު 2022 ގައި އޭޝިއާ ޕެސިފިކް ގައުމުތަކަށް އައި ފަތުރުވެރިންގެ އަދަދު 48 އިންސައްތަ އިތުރުވި އެވެ.
މި ތަފާސްހިސާބު ތަކުން ދައްކަނީ ފަތުރުވެރިކަމުގެ މާކެޓަށް އައި ހީނަރުކަން ރަނގަޅުވެ، 2019 ވަނަ އަހަރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ވާސިލުވާނެ ކަމެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ބޮޑު އުންމީދެކެވެ.
ކޮވިޑް-19އަށްފަހު އެންމެ އަވަހަށް ކުރިއެރި ފަތުރުވެރިކަމުގެ ސެގްމެންޓަކީ މަތީ ފަންތީގެ ސެގްމެންޓެވެ. ވާޗުއޯސޯއިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، 2022 ވަނަ އަހަރުގެ މެދު ތެރޭގައި މަތީ ފަންތީގެ ދަތުރުފަތުރަށް ބުކިން ހެދި މިންވަރު 2019 ގައި ބުކިން ހަދާފައިވާ މިންވަރަށްވުރެ އިތުރުވި އެވެ.
ގްލޯބަލް ބިޒްނަސް ޓްރެވެލް އެސޯސިއޭޝަން (ޖީބީޓީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ގައި ދުނިޔޭގެ ފަތުރުވެރިކަން ކޮވިޑުގެ ކުރީގައި ހުރި މިންވަރުގެ 70 އިންސައްތައަށް ވާސިލުވިއިރު، ލަގްޒަރީ ފަތުރުވެރިކަން 85 އިންސައްތައަށް ވާސިލުވެފައިވެ އެވެ.
ލަގްޒަރީ ޓޫރިޒަމް ސެގްމެންޓު ވަރުގަދަކަން ފެންނަ އަނެއް ހެއްކަކީ ޕްރައިވެޓު ޖެޓުތައް ބުކްކުރި މިންވަރު އިތުރުވުމެވެ. ނެޓްޖެޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު ޕްރައިވެޓް ޖެޓުތައް ބުކްކުރި މިންވަރުވަނީ 40 އިންސައްތަ އިތުރުވެފަ އެވެ.
ގްރޭންޑް ވީއު ރިސާޗްގެ ދިރާސާއެއްގައި ބަޔާންކޮށްފައިވާ ގޮތުން، 2021 ވަނަ އަހަރު ބައިނަލްއަގުވާމީ ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާގެ ޖުމްލަ އަގަކީ 945 ބިލިއަން ޑޮލަރެވެ. އަދި އެ ދިރާސާގައި ލަފާކޮށްފައިވާ ގޮތުން 2022 އާއި 2030 ގެ ދެމެދުގައި އެ ސެގްމެންޓު އަހަރެއްގެ މައްޗަށް 7.6 އިންސައްތައިން ކުރިއަރައި، 2030 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު އެއް ޓްރިލިއަން ޑޮލަރަށް އަރާނެ އެވެ.
މި ޓްރެންޑު ރާއްޖޭގެ ފަތުރުވެރިކަމުން ވެސް ފެނެ އެވެ. ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ސޮނޭވާއާއި ފޯ ސީޒަން ފަދަ ރިސޯޓުތަކުންވަނީ 2022 ވަނަ އަހަރު 90 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ އޮކިއުޕަންސީ ރޭޓެއް ރިޕޯޓުކޮށްފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ގިނަ އަދަދަކަށް ފައިސާ ހަރަދުކުރާ ދަތުރުވެރިން ރާއްޖެއަށް އަންނަ ގައުމުތައް ކަމުގައިވާ އިނގިރޭސިވިލާތާއި، ޖަރުމަނާއި އެމެރިކާ ފަދަ ގައުމުތަކުން ފަތުރުވެރިން އަންނަ މިންވަރުވެސް އިތުރުވެފައިވެ އެވެ. 2022 ވަނަ އަހަރު އެމެރިކާއިން އައި ފަތުރުވެރިންގެ އަދަދު 25 އިންސައްތަ އިތުރުވި އެވެ.
އޭގެ އިތުރަށް ޕްރައިވެޓް އައިލެންޑުތަކާއި ޕްރައިވެޓް އެކްސްޕީރިއެންސްތަކަށް އޮތް ޑިމާންޑު ވެސް ބޮޑުވެފައިވެ އެވެ. ލަގްޒަރީ އެސްކޭޕްސް އިން ރިޕޯޓުކުރި ގޮތުގައި ރާއްޖޭގައި ޕްރައިވެޓް އެކްސްޕީރިއެންސްތައް ތަޖުރިބާކުރަން ފަތުރުވެރިން ބޭނުންވާ މިންވަރު 50 އިންސައްތައަށް 2022 ގައި އިތުރުވި އެވެ.
އަދި 2022 ގައި ރާއްޖޭގައި ޕްރައިވެޓް އައިލެންޑް ބުކިންތައް 2022 ގައި ހަދާފައިވާ މިންވަރު 30 އިންސައްތަ އިތުރުވިކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ލަގްޒަރީ ފަތުރުވެރިކަަމުގައި ވިލުންތެރިކަން އެބަހުއްޓެވެ. އެކަމުގެ މަންފާ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް ވެސް ދަނީ ކުރަމުންނެވެ. އެހެންކަމުން ލަގްޒަރީ ރިސޯޓުތަކުގެ މުސްތަގުބަލެއް ނެތްކަމަށް ބުނާ ވާހަކައަކީ ގްލޯބަލް ޓްރެންޑްސް ހުރި ގޮތާ މުޅިން ހިލާފު ދެކޮޅުނުޖެހޭ ވާހަކައެކެވެ.
ލަގްޒަރީ ފަތުރުވެރިކަން ބިނާވެފައި އޮންނަނީ "ހައި-ނެޓް ވޯތު އިންޑިވިޖުއަލްސް" ނުވަތަ ތަނަވަސްކަން ލިބިފައިވާ ފަރުދުންގެ މައްޗަށެވެ. ޔޫރޯމޮނީޓާއިން 2023 ވަނަ އަހަރު ހެދި ސާވޭއަކުން ދައްކާ ގޮތުގައި އެފަދަ ފަރުދުންގެ 87 އިންސައްތަ މީހުންނަކީ އިންފްލޭޝަންގެ ސަބަބުން އެމީހުންގެ ދަތުރުގެ ޕްލޭނަށް ބަދަލުގެންނަން ނުވިސްނާ މީހުންނެވެ.
އެހެންނަމަވެސް ތަފާސްހިސާބު ތަކުން ފެންނަ ގޮތުގައި މެދުފަންތީގެ އަދި އަގުހެޔޮ ދަތުރުތައް އިހުތިޔާރުކުރާ ފަތުރުވެރިންގެ ދަތުރުތަކުގެ ޕްލޭނަށް އިގުތިސާދީ ހީނަރުކަމުން އަސަރުކުރެ އެވެ. އެގޮތުން އެކްސްޕީޑިއާއިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 2022 ވަނަ އަހަރު ފަތުރުވެރިންގެ 30 އިންސައްތަ މީހުން އެމީހުންގެ ދަތުރުތަކުގެ މުއްދަތު ކުރިން ޕްލޭންކުރި ވަރަށްވުރެ ކުރު ކުރިކަމަށެވެ.
ދަތުރުގެ މުއްދަތު ކުރު ކުރި ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައަކީ ޒުވާނުންނާއި މެދު ފަންތީގެ އާއިލާތަކެވެ. އެގޮތުން ޔޫރަޕަށް ދަތުރުކުރި ފަތުރުވެރިންގެ 43 އިންސައްތަ ފަތުރުވެރިން ނިމުނު އަހަރު އެމީހުންގެ ދަތުރުތަކުގެ ދިގުމިން ކުރުކޮށްފައިވާކަން ހިސާބުތަކުން ފެނެ އެވެ.
އިގުތިސާދީ ދަތިތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ޓްރެންޑަށް އައި ދެވަނަ ބަދަލަކީ އޮފް ސީޒަނުގައި ދަތުރުކުރާ ފަތުރުވެރިން އިތުރުވުމެވެ. އެގޮތުން ސްކައިސްކޭނާގެ ރިޕޯޓެއްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ އޮފް ސީޒަނުގައި ފަތުރުވެރިން ދަތުރުކުރި މިންވަރު 27 އިންސައްތަ އިތުރުވި ކަމަށެވެ. އެއީ ޕީކް ދުވަސްވަރަށްވުރެ އަގުހެޔޮކޮށް ދަތުރުކުރުމުގެ ބޭނުމުގައި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ ހީނަރުކަމެއް އަންނާނީ މެދުފަންތީގެ ފަތުރުވެރިކަމުގެ އެސްޓަބްލިޝްމެންޓު ތަކަށެވެ. ރާއްޖެއިން ކޮންމެވެސް މިންވަރަކަށް މި މަންޒަރު ދަނީ ފެންނަމުންނެވެ. ހަތަރު ތަރީގެ އަދި ތިން ތަރީގެ ރިސޯޓުތަކަށް ދިއުމުގެ ބަދަލުގައި ގެސްޓުހައުސް ތަކަށް ދިއުމުގެ ޓްރެންޑެއް ރާއްޖޭގައި އަންނަނީ ފެންނަމުންނެވެ.
އޭގެ އިތުރަށް ސްޕްލިޓް-ސްޓޭ ނުވަތަ ދަތުރު ބައިކޮށްލައިގެން ރާއްޖޭގައި ވަގުތު ހޭދަކުރުމުގެ ޓްރެންޑެއްވެސް ފާހަގަވަމުންދާކަމަށް މާހިރުން ވިދާޅުވެ އެވެ. އެގޮތުން ގެސްޓުހައުސްތަކުގައި ދަތުރުގެ އެއްބައި ހޭދަކޮށްފައި އަނެއްބައި ރިސޯޓެއްގައި ހޭދަކުރާ ފަތުރުވެރިން މިހާރު ކުރިއަށްވުރެ ގިނަކަން ފާހަގަވާކަމަށް އެ ސިނާއަތުގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ކޮވިޑް-19އަށްފަހު ދަތުރުފަތު ފެށުމާއެކު ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ތެރެއިން ފާޅުވި އިތުރު އެއް ޓްރެންޑަކީ ކުރިން ނޭނގޭ މަޝްހޫރު ނޫން މަންޒިލުތަކަށް ދަތުރުކުރުމުގެ ޝައުގުވެރިކަން ބޮޑުވުމެވެ. ޔޫއެންޑަބްލިއުޓީއޯގެ ރިޕޯޓުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު މުޅިން އައު މަންޒިލުތަކަށް ފަތުރުވެރިން ދަތުރުކުރި މިންވަރު އަށް އިންސައްތަ އިތުރުވި އެވެ.
ބުކިން.ކޮމްގެ ރިޕޯޓަކުން ފެންނަ ގޮތުގައި ދުނިޔޭގެ ދަތުރުވެރިންގެ 53 އިންސައްތަ މީހުން މުޅިން އައު މަންޒިލަކަށް ދަތުރުކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަައިވެ އެވެ. އަދި ގްލޯބަލް ޑެސްޓިނޭޝަން އިންޑެކްސްއިން ދައްކާ ގޮތުގައި ޖޯޖިއާއާއި ޕެރޫއާއި ޕޯޗުގަލް ފަދަ އާ ބައެއް މަންޒިލުތަކަށް 2022 ވަނަ އަހަރު ފަތުރުވެރިން ދަތުރުކުރި މިންވަރު 25 އިންސައްތަ އާއި 35 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް އިތުރުވި އެވެ.
ދިރާސްތައް ބުނާ ގޮތުން އައު މަންޒިލުތަކަށް އޮތް ޝައުގުވެރިކަން އިތުރުވަނީ ސަގާފަތާއި އާދަކާދައާއި ތާރީހުތައް ތަޖުރިބާކުރުމުގެ ޝައުގުވެރިކަން ފަތުރުވެރިންގެ މެދުގައި އިތުރުވަމުންދާތީ އެވެ. އަދި އެޑްވެންޗާ ތަޖުރިބާކުރުމަށް އޮތް ޝައުގުވެރިކަން އިތުރުވުމަކީވެސް އާ މަންޒިލުތަކަށް އޮތް ޝައުގުވެރިކަން އިތުރުވާ ސަބަބެކެވެ.
އާ މަންޒިލުތަކަށް ދިއުމުގެ ޝައުގުވެރިކަން ފަތުރުވެރިންގެ މެދުގައި އުފެދިފައި އޮތް ސަބަބުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ރާއްޖެ އިން ލިބޭ ތަޖުރިބާތައް ނުވަތަ އެކްސްޕީރިއެންސްތަކުގެ ބާވަތްތައް ތަފާތުކުރެވިއްޖެނަމަ މިއީވެސް ރާއްޖެއަށް އެއިން ފައިދާވާނެ ޓްރެންޑެކެވެ.
ރާއްޖޭގައި އެއް ފަޅަކުން ގުޅިފައިހުރި ރަށްތައް ބޭނުންކޮށްގެން އެޑްވެންޗާގެ އެކްސްޕީރިއެންސް އުފެއްދެން އޮތްއިރު، ދިވެހި ސަގާފަތާއި އާދަކާދަ މިހާރަށްވުރެ ބޮޑަށް ފެންނާނެ ގޮތަށް ބައެއް ކަހަލަ މަންޒިލުތައް ތަރައްގީކުރެވޭނެ އެވެ.
ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ އޮއިވަރު ހުރީ ރާއްޖެއަށް ފަހިކޮށް ކަމުގައި ދެންނެވިދާނެ އެވެ. 2022 ވަނަ އަހަރު ބައިނަލްއަގުވާމީ ފަތުރުވެރިންގެ 56 އިންސައްތަ ދަތުރުކުރާ ސަބަބެއްގެ ގޮތުގައި ފާހަގަކުރީ "އިރާއި މޫދު" އެވެ. އެއީ ދިވެހިރާއްޖޭގެ މައިގަނޑު ތަޖުރިބާ އެވެ. އެހެންކަމުން ރާއްޖެ އަށް އޮތް ޑިމާންޑު ކުޑަ ވާން ޖެހޭ ސަބަބެއް ނެތެވެ.
ނަމަވެސް ރާއްޖެ އަށް މި ސިނާއަތުގެ މަންފާ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ރާއްޖެ އިން ފަތުރުވެރިންނަށް ތަޖުރިބާކުރަން ލިބޭ ކަންކަން އިތުރުކުރުމެވެ. ލަގްޒަރީ ފަތުރުވެރިކަން ފުޅާކުރަންވީ އެވެ. މެދުފަންތީގެ ފަތުރުވެރިކަމުގެ ޓްރެންޑާ އެއްގޮތަށް އެ ސެގްމެންޓަށް ހިދުމަތްދޭ ތަންތަން ބަދަލުވާންވީ އެވެ. ގެސްޓުހައުސްއާއި ހޮޓާތައް މިންކުރާ ގޮތްވެސް ބަދަލުކޮށް، ބައިނަލްއަގުވާމީ ޓްރެންޑުތަކަށް ފެތޭ ގޮތަށް ސިނާއަތަށް އަންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނަންވީ އެވެ. މާކެޓިން ސްޓްރެޓެޖީ ވެސް ހަރުދަނާކުރަންވީ އެވެ.