ޓޫރިޒަމަކީ ރާއްޖެއަށް އެންމެ ގިނައިން ޑޮލަރު ވަންނަ ސިނާއަތްކަމަށްވީ ނަމަވެސް އެ ސިނާއަތަށް ލިބޭ ބޭރު ފައިސާގެ ބައިކުޅަ ބައިވެސް ދިވެހި އިގުތިސާދުގައި ދައުރުނުކުރެ އެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވައިލި ގަވާއިދެއްގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކުގައި ހިފަހައްޓައި، އެ އާމްދަނީގެ ތެރެއިން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމަކީ ވަރަށް މުހިއްމު ބޮޑު ބަދަލެއް ކަމަށް ގިނަ ރައްޔިތުން އިއްތިފާގުވެ އެވެ. ނަމަވެސް މި ބަދަލުން ހާސިލުވާ ބޮޑު މަންފާއަކީ ކޮބައިކަން އެންމެންނަށް އެހައި ސާފު ވެފައި ނުއޮވެދާނެ އެވެ. އަދި އެ ބަދަލާމެދު ފަތުރުވެރިކަމުގެ ސިނާއަތުން ފާހަގަކުރާ ކަންބޮޑުވުންތަކުގެ ހަގީގަތްވެސް އެންމެންނަށް ނުވިސްނި އޮވެދާނެ އެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވީ އެވެ. އެ ސިނާއަތުން ދިވެހިންނަށް މަންފާއާއި ފައިދާ ލިބުނު ނަމަވެސް މިހާތަނަށް އެ ސިނާއަތް ބައްޓަންކުރެވިފައި އޮތީ ރާއްޖޭގެ އިގުތިސާދަށް އެންމެ މަންފާކުރަނިވި ގޮތަށް ކަމުގައި ބުނެވޭކަށް ނެތެވެ. ގައުމެއްގެ އިގުތިސާދުގެ އިންޖީނަކީ އެ ގައުމެއްގެ މާލީ ނިޒާމު ކަމަށްވާއިރު ފަތުރުވެރިކަން ބައްޓަންވެފައި އޮތް ގޮތުން ދިވެހިރާއްޖޭގެ މާލީ ނިޒާމާ ފަތުރުވެރިކަން ލާމެހިފައި އޮތީ ވަރަށް ކުޑަކޮށް ކަމުގައި ގަބޫލުކުރަންޖެހެ އެވެ. ހިސާބު އަދަދުތަކުން އެ ހަގީގަތް ވަރަށް ސާފުވެ އެވެ.
ދިވެހި ފަތުރުވެރިކަމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމެވެ. "އެއް ރަށް، އެއް ރިސޯޓު" ކޮންސެޕްޓާއެކު ދިވެހި ފަތުރުވެރިކަމަކީ ދުނިޔޭގެ އެންމެ އަގު ބޮޑު، އެންމެ ހައިބަތު ބޮޑު ބްރޭންޑުތަކުން އިންވެސްޓުކޮށްފައި އޮތް ސިނާއަތެކެވެ. ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ސައިޒާއި، އެ ސިނާއަތަށް ލިބޭ އާމްދަނީ ފުޅާވީ ހަލުއި ދުވެލީގަ އެވެ.
ނަމަވެސް ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ އާމްދަނީން ދިވެހިރާއްޖޭގެ މާލީ ނިޒާމަށް ފައިސާ ވަންނަނީ ވަރަށް މަދުންނެވެ. އެމްއެމްއޭގެ ހިސާބުތަކުން ފެންނަ ގޮތުގައި ކޮވިޑް-19ގެ ކުރިން ލިބުނު އާމްދަނީއަށްވުރެ ފާއިތުވި އަހަރު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބުނު އާމްދަނީ އިތުރުވި އެވެ. ނަމަވެސް ކޮވިޑަށްފަހު ބޭންކުތަކުގައި ފަތުރުވެރިކަމުގެ އާމްދަނީ ޖަމާކުރި މިންވަރު ވަަރަށް ބޮޑަށް ދަށްވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އެންމެ ބޮޑަށް ރަނގަޅުވި 2019 ވަނަ އަހަރު ފަތުރުވެރިކަމުގެ ސޭލްސްގެ ގޮތުގައި ރަސްމީ ހިސާބުތަކުން ދައްކަނީ 3.4 ބިލިއަން ޑޮލަރެވެ. އެއިން %74 ކަމަށްވާ 2.5 ބިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރި އެވެ. ނަމަވެސް 2023 ވަނަ އަހަރު ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީ 4.5 ބިލިއަން ޑޮލަރަށް އިތުރުވިއިރު އެ އަހަރު ބޭންކުތަކަށް ޖަމާކުރީ އާމްދަނީގެ %52 ކަމަށްވާ 2.3 ބިލިއަން ޑޮލަރެވެ.
ރާއްޖޭގެ ބޭންކުތަކަށް ފަތުރުވެރިކަމުގެ އާމްދަނީ ޖަމާނުކުރާ ސަބަބު ތަކެއް ވެސް އެބަހުއްޓެވެ. ބޭންކުތަކުގައި ބޭރު ފައިސާ ބެހެއްޓުމަށް އެކަށީގެންވާ އިންސެންޓިވް ތަކެއް ނެތުމަކީ އޭގެ އެއް ސަބަބެވެ. ބޭންކުތަކުން ޑޮލަރުން މުއާމަލާތް ނުކުރުމާއި، ލޯނު ހޯދުމުގައި ހުރި ގޮންޖެހުންތައް ފަދަ ކަންކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުން ބޭންކުތަކުގައި ޑޮލަރު ނުބަހައްޓާ ސަބަބުތައް ގޮތުގައި އެ ސިނާއަތުން ފާހަގަކުރާ ކަންކަމެވެ.
ނަމަވެސް ބޭންކުތަކުގައި ޑޮލަރު ހުންނަ މިންވަރު ދަށްވުމަކީ މިދެންނެވި ފަދަ އިންސެންޓިވްތަކެއް ގާއިމުކުރުމަށް ބޭންކުތަކަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ބޭންކުތަކުން ފާހަގަކުރެ އެވެ. ހާއްސަކޮށް ކޮވިޑް-19ގެ ތެރޭގައި ބޭންކުތަކަށް ނަގަންޖެހުނު ރިސްކުތަކަށްފަހު، ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ޑޮލަރު މަދުވުމުގެ ސަބަބުން ބޭންކުތަކަށް ޑޮލަރުގެ މުއާމަލާތްތައް ހިންގުމަށް ގޮންޖެހުންތައް ކުރިމަތިވި އެވެ.
ޓޫރިޒަމް ސިނާއަތުން ދިވެހި އިގުތިސާދަށް ޑޮލަރު ވަންނަ ހަމައެކަނި މަގެއްގެ ގޮތުގައި ޓެކުސް ނިޒާމު އޮތުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ބޭންކުތަކުން އެމްއެމްއޭއަށް ޑޮލަރެއް ނުލިބެ އެވެ. އެމްއެމްއޭއަށް ޑޮލަރު ލިބޭނެ މަގެއްގެ ގޮތުގައި އޮންނަނީ ޓެކުހުން ލިބޭ އާމްދަނީ އެވެ. ނަތީޖާއަކަށްވަނީ އެ އާމްދަނީން އެމްއެމްއޭއިން ކުރަންޖެހޭ ކަންކަން ގިނަވުމެވެ.
އެމްއެމްއޭގެ މައިގަނޑު އެއް ޒިންމާއަކީ ބޭރު ފައިސާގެ އަގު ރެގިއުލޭޓުކުރުމެވެ. އެކަމަށް އެ އިދާރާއިން ބޭނުންކުރަން ޖެހެނީ އެ އިދާރާގެ ރިޒާވްގައި ހުންނަ ފައިސާ އެވެ. އޭގެ އިތުރަށް ވިޔަފާރިތަކާއި ފަރުދުންނަށް ބޭނުންވާ ޑޮލަރުވެސް ފޯރުކޮށްދެނީ އެމްއެމްއޭއިންނެވެ. އެ ފައިސާ ވެސް ފޯރުކޮށްދޭންޖެހެނީ ރިޒާވްއިންނެވެ. ރިޒާވް އަށް ފައިސާ ލިބެނީ ސަރުކާރަށް ލިބޭ ޑޮލަރު އާމްދަނީގެ ތެރެއިންނެވެ.
މިދެންނެވި ހުރިހާ ކަމެއްގެ ނަތީޖާއަކީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްއަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެ، ހަލުއިކޮށް ހީނަރުވަމުން ދިއުމެވެ. ސަރުކާރުގެ މާލީ އިލްތިޒާމުތައް އަދާކުރަންޖެހޭ ބޭރުގެ ދަރަނި ބޮޑުވި މިންވަރަކަށް ރިޒާވްއަށް ފައިސާ ލިބޭ މިންވަރު ދަށްވެ އެވެ.
އެމްއެމްއޭ އިން ނޫސްވެރިންނަށް މައުލޫމާތު ދިން ގޮތުގައި ފާއިތުވި 15 ވަރަކަށް އަހަރު ތެެރޭ އެއްވެސް ބޭންކަކުން އެމްއެމްއޭ އަށް ބޭރު ފައިސާއެއް ނުލިބެ އެވެ. ސަބަަބަކީ އެ ބޭންކުތަކަށް ބޭރު ފައިސާ ލިބޭ މިންވަރާއި ބޭރު ފައިސާ ހޭދަކުރަންޖެހޭ މިންވަރުގެ ފަރަގު ބޮޑުވުމެވެ.
އިންޑޮނޭޝިޔާގެ މަރުކަޒީ ބޭންކު، ބޭންކް އޮފް އިންޑޮނޭޝިޔާ އިން ވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ އެތެރޭގައި އެއްވެސް މުއާމަލާތެއް ކުރުމަށް ބޭރު ފައިސާ ބޭނުންކުރުން މަނާކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމަށް ދާ ފަތުރުވެރިންނަށް ޖެހެނީ ބޭރު ފައިސާ އިންޑޮނޭޝިޔާގެ ރުޕިޔާ އަށް މާރުކުރާށެވެ. އެއީ ރުޕިޔާގެ ބާރުގަދަކޮށް ބޭރު ފައިސާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ.
އޭގެ އިތުރަށް އިންޑޮނޭޝިޔާގެ އެކްސްޕޯޓަރުންނަށް ލިބޭ އާމްދަނީ ގައުމަށް ގެނެސް އެ ގައުމުގެ ބޭންކުތަކުގައި ބަހައްޓަންޖެހެ އެވެ. އެއީ އެކްސްޕޯޓުގެ މުޅި އާމްދަނީ އެވެ. އަދި އެ އާމްދަނީގެ ތެރެއިން މަދުވެގެން %30 ރުޕިއާ އަށް ބަދަލުކުރަން ޖެހެ އެވެ. މިއީ އެކްސްޕޯޓުން ލިބޭ އާމްދަނީ އެ ގައުމުގެ މާލީ ނިޒާމަށް ވައްދައި، ރުޕިޔާ އަށް އެހީތެރިވުމަށް އަޅާފައިވާ ފިޔަވަޅެކެވެ.
އަވައްޓެރި އިންޑިޔާ އަށް ބަލާއިރު އެ ގައުމުގެ އެކްސްޕޯޓަރުން ވެސް ނުވަ މަސްދުވަހުގެ ތެރޭގައި އެ މީހުންނަށް ލިބޭ އާމްދަނީ ގައުމުގެ އިގުތިސާދަށް ވައްދަންޖެހެ އެވެ. މެލޭޝިޔާގައި އެކްސްޕޯޓަރުންނަށް އެ މީހުންގެ އާމްދަނީ އެ ގައުމުގެ ބޭންކުތަކަށް ވައްދަން ލިބެނީ ހަ މަސްދުވަހުގެ މުހުލަތެކެވެ.
ރަޝިޔާ އަށް ބަލާއިރު އެ ގައުމުގެ އެކްސްޕޯޓަރުން އެ މީހުންގެ އާމްދަނީގެ %80 ގައުމަށް ގެނެސް އެ ގައުމުގެ ފައިސާކަމަށްވާ ރޫބްލްސް އަށް މާރުކުރަންޖެހޭނެ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން އެކުލަވައިލާފައިވާ ބޭރު ފައިސާގެ އާމްދަނީ ކޮންވާޓްކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
ބްރެޒިލުގައިވެސް އެ ގައުމުގެ އެކްސްޕޯޓަރުންނަށް އެމީހުންގެ އާމްދަނީ ގައުމަށް ގެންނަންޖެހެ އެވެ. އަދި އެ އާމްދަނީގެ ވަކި މިންވަރެއް އެ ގައުމުގެ ފައިސާއަށް މާރުކުރަންޖެހެ އެވެ. މާރުކުރަންޖެހޭ ނިސްބަތް މަރުކަޒީ ބޭންކުން ކަނޑައަޅަނީ އެއިރެއްގެ އިގުތިސާދީ ހާލަތަށް ބަލައިގެންނެވެ. އެ ގައުމުގައި އެކްސްޕޯޓަރުންނަށް ބޭރުގެ މާލީ މުއާމަލާތްތައް ހިންގުމަށް ވަކި ހާއްސަ އެކައުންޓުތަކެއް ގާއިމުކޮށް އެ އެކައުންޓުތަކުގައި ބޭރު ފައިސާ ވަކި މިންވަރަކަށް ބެހެއްޓުމުގެ ފުރުސަތު އޮވެ އެވެ.
މި ހުރިހާ ގައުމެއްގައި ވެސް މި ފިޔަވަޅުތައް އަޅާފައިވަނީ މައިގަނޑު ދެ މަގުސަދެއް ހާސިލުކުރުމަށެވެ. އެ ގައުމުތަކަށް ބޭރު ފައިސާ ލިބޭ ސިނާއަތްތައް މާލީ ނިޒާމާ ގުޅުވައި ގައުމުގެ އިގުތިސާދާ ލާމެހުވުމެވެ. އަދި ބޭރު ފައިސާގެ ކުރިމަަތީގައި ގައުމުގެ ފައިސާ ހިމާޔަތްކުރުމެވެ.
ޓޫރިޒަމް ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރަންޖެހުނު ނަމަވެސް އެ ފައިސާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެމްއެމްއޭއިން ހުރަހެއް ނާޅަަ އެވެ. ގަވާއިދުގައި ލާޒިމުކުރަނީ ފަތުރުވެރިކަމުގެ އާމްދަނީ ރާއްޖޭގެ ރަސްމީ މާލީ ނިޒާމަށް އެތެރެކުރުމެވެ. އެތެރެކުރުމަށްފަހު ވަކި މުއްދަތަކަށް އެ ނިޒާމުގެ ތެރޭގައި ބެހެއްޓުން ލާޒިމުނުކުރެ އެވެ.
ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށް ބަލާއިރު ޗައިނާ ފަދަ ގައުމުތަކުގައި އެ ގައުމުތަކުގައި ކުރާ ވިޔަފާރީގެ އާމްދަނީ ބޭރުކުރެވޭ މިންވަރު ހުންނަނީ ހިފަހައްޓާފަ އެވެ. އިންޑިޔާގަައިވެސް އެ ގައުމުގެ ރައްޔިތުންނަށް ބޭރަށް ބޭރު ފައިސާ ގެންދެވޭނެ އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 250،000 ޑޮލަރު ކަނޑައަޅާފައިވެ އެވެ. މާލީ ދަތިތަކުގައި މި ގައުމުތަކުގައި މި ހިފަހެއްޓުންތައް މިއަށްވުރެ ހަރުކަށިވެސް ކުރެ އެވެ.
2008 ވަނަ އަހަރުގެ އާލަމީ މާލީ ކާރިސާއަށްފަހު އައިސްލޭންޑުގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް ގައުމުން ބޭރަށް ގެންދެވޭ ފައިސާގެ އަދަދު ވަކި ވަރެއްގައި ހިފަހެއްޓުމަށް ނިންމި އެވެ. އެކަމުގެ ސަބަބުން އެ ގައިމުގެ ފައިސާ ކްރޯނާގެ އަގު ދަށްނުވެ އިގުތިސާދު އޭގެ އަސްލު ހާލަަތަށް އަވަހަށް އިއާދަކުރެވުނެވެ.
މި ގައުމުތަކާ ހިލާފަށް ރާއްޖޭގައި އައު ގަވާއިދުންވެސް އިންވެސްޓަރުންނަށް ވިޔަފާރިން ލިބޭ ފައިދާ ބޭރަށް ގެންދިއުމަށް ހުރަހެއް ނެތެވެ. ޑޮލަރު ބޭންކަށް ޖަމާކުރުމަށްފަހު، ޖެހިގެން އަންނަ ދުވަހު ނުވަތަ ހަފުތާގައިވެސް އެ އާމްދަނީ ރާއްޖެއިން ބޭރަށް ގެންދަންވީ އެވެ. ނަމަވެސް ރަސްމީ މާލީ ނިޒާމުގެ ތެރެއިންނެވެ.
އެމްއެމްއޭ އިން އިއްޔެ އަލަށް އެކުލަވައިލި ގަވާއިދާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންބޮޑުވުން ގުޅިފައި އޮތީ މާރުކުރުން ލާޒިމުކުރުމާ އެވެ. ނަމަވެސް އެ ނުކުތާގައި ސިނާއަތުން ދައްކާ ވާހަކައާމެދު ވިސްނައިލަންޖެހޭ ދެތިން ކަމެއް އެބައޮތެވެ. ފަތުރުވެރިކަމުގެ ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ ބޮލަކަށް މާރުކުރަން ޖެހޭ ފައިސާ ކޮޓަރި ކުއްޔަށް ދޫކުރާ އަގަށްވުރެ ބޮޑުވުމެވެ.
ރިސޯޓުތަކާއި ޔޮޓުތަކާއި ސަފާރީތަކުގެ އިތުރަށް 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސްތަކުން މަހެއްގެ މައްޗަށް އެތަނަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ލާޒިމުކުރުމުން، އެއީ ގެސްޓުހައުސްތަކާއި މެދުފަންތީގެ ރިސޯޓުތަކުން ކޮޓަރިއެއް ވިއްކާ އަގަށް ބަލާއިރު އެކަށީގެންވާ އަދަދެެއް ނޫންކަމަށް ޓޫރިޒަމް ސިނާއަތުން ފާހަގަކުރެ އެވެ.
ފަތުރުވެރިކަމުގެ މި ޝަކުވާއާ ގުޅިގެން "މިރާ" އަށް މައުލޫމާތު ދެއްވި ތަޖުރިބާކާރަކު ފާހަގަކުރެއްވީ ގެސްޓުހައުސްތަކާއި މެދު ފަންތީގެ ރިސޯޓުތަކުގެ އާމްދަނީގެ ވަރަށް ބޮޑު އިންސައްތައަކީ ކޮޓަރީގެ އަގުން ލިބޭ އާމްދަނީ ނޫން ކަމެވެ. މެދު ފަންތީގެ ރިސޯޓުތަކުން ދޭ އެހެނިހެން ހިދުމަތްތަކުން ލިބޭ އާމްދަނީއަކީ ރިސޯޓުތަކުގެ އާމްދަނީގެ %50 އަށްވުރެ ކުޑަ ނޫން މިންވަރެއް ހިއްސާކުރާ އާމްދަނީކަމަށް އޭނާ އަންދާޒާކުރައްވަ އެވެ. ގެސްޓުހައުސްތަކަށް ވެސް ބޮޑު އާމްދަނީއެއް އިތުރު ހިދުމަތްތަކުން ލިބެ އެވެ.
ރިސޯޓުތަކާއި ގެސްޓުހައުސް ތަކަށް އާމްދަނީ ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި އެކްސްކާޝަންތަކާއި، ޑައިވިން ހިދުމަތާއި، ރެސްޓޯރެންޓު ފަދަ ހިދުމަތްތައް ހިމެނެ އެވެ. އެހެންކަމުން އެ ހިދުމަތްތަކުން ލިބޭ އާމްދަނީއާއި ކޮޓަރި ވިއްކައިގެން ލިބޭ އާމްދަނީ އެއްކޮށްލުމުން ބޮލަކަށް 500 ޑޮލަރު މާރުކުރުމުގައި މާ ބޮޑު މައްސަލައެއް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތަށާއި ބޭންކުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން މާރުކުރުވާ ފައިސާގެ އަދަދުތަކަށް ބަލާއިރު ގަވާއިދުތަކަށް އިސްލާހު ގެނެސް ބޭރު ފައިސާގެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުވުން ލާޒިމުކުރުން ނޫން ހައްލެއް މިހާރު ނެތެވެ.
މަރުކަޒީ ބޭންކުން ބޭންކުތަކަށް 2019 ވަނަ އަހަރު 376.6 މިލިއަން ޑޮލަރު ދޫކުރި އެވެ. 2023 ވަނަ އަހަރު އެ އަދަދުވަނީ 480.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މާނައަކީ މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ދޫކުރަންޖެހޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމެވެ. އެހެންވާންޖެހެނީ ބޭންކުތަކުން ބޭރު ފައިސާ ބޭނުންކުރަންޖެހޭ ކަންކަން އިތުރުވުމުންނެވެ. ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ދޫކުރާ މިންވަރު އިތުރުވާތީ އެވެ.
ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރަންޖެހޭ ބޭރު ފައިސާގެ އަދަދު އިތުރުވާ މިންވަރަކަށް ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ހީނަރުވާނެ އެވެ. އަދި އެއީ ދުރު ރާސްތާގައި ދިވެހި ދައުލަތުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރުމަށް ހުރަސްއެޅޭނެ ކަމެކެވެ.
ރާއްޖޭގެ މައިގަނޑު އެކްސްޕޯޓު ނުވަތަ ބޭރު ފައިސާ ގައުމަށް ވަންނަ ސިނާއަތަކީ ފަތުރުވެރިކަމެވެ. އެ ސިނާއަތަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ބޭންކުތަކަށް ނިމުނު 2023 ގައި މާރުކުރީ އެންމެ 68.0 މިލިއަން ޑޮލަރެވެ. އެއީ އާމްދަނީގެ އެންމެ ތިން އިންސައްތަ އެވެ.
މިހާރު މިގެނައި ބަދަލާއެކު ބޭންކުތަކަށް އަންނާނެ ބަދަލަކީ ކޮބައިތޯ ބަލާއިރު، ނިމުނު އަހަރު ރިސޯޓުތަކަށް 1.5 މިލިއަން ފަތުރުވެރިން ދިޔަ އެވެ. ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ބޭންކުތަކަށް މާރުކުރިނަމަ އެއީ 750 މިލިއަން ޑޮލަރެވެ. އެއީ 1053 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ ގެސްޓުހައުސްތަކުން މާރުކުރަަންޖެހޭ އަދަދު ނުހިމަނައި ހިސާބުކުރީމަ ނުކުންނަ އަދަދެވެ. ގެސްޓުހައުސްތަކުން ބޮލަކަށް 25 ޑޮލަރު މާރުކުރުމުން އެ އަދަދު 800 މިލިއަން ޑޮލަރަށް އަރާނެ އެވެ.
އެމްއެމްއޭ އިން އެކުލަވައިލި ގަވާއިދުގެ ތެރެއިން ބޭންކުތަކަށް މާރުކުރާ ފައިސާގެ %60 މަރުކަޒީ ބޭންކަށް ބޭންކުތަކުން ވިއްކަންޖެހޭނެ އެވެ. ނިމުނު އަހަރު މި ފައިސާ ބޭންކުތަކަށް މާރުކުރިނަމަ އެމްއެމްއޭއަށް 450 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެއީ އެމްއެމްއޭއަށް ފަހުން ބޭންކުތަކަށް ދޫކުރަން ލިބޭ ބޭރު ފައިސާ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ބޭންކުތަކުން ވިއްކާ ޑޮލަރު ބޭނުންކުރާނީ އާންމުންނަށް ޑޮލަރު ދޫކުރާ ބޭންކުތަކަށް ޑޮލަރު ފޯރުކޮށްދިނުމަށެވެ. މިވަގުތު އާންމުން މައިގަނޑު ގޮތެއްގައި ޑޮލަރު ގަންނަނީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. އެ ދެ ބޭންކަށް ޑޮލަރު ދޫކުރުމަށް އެމްއެމްއޭއަށް ވަރަށް ބޮޑު ފުރުސަތެއް މި ބަދަލުން ލިބޭނެ އެވެ. ނަތީޖާއަކަށްވާނީ ދިވެހި ރުފިޔާ ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްކުރަން އޮތް ލިމިޓަށްވެސް ލުޔެއް ލިބުމެވެ.
ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، ލިބޭ އާމްދަނީ އިތުރުވަމުންދާއިރު، ޑޮލަރު ތާށިވެގެން އުޅެންޖެހޭ ސަބަބަަކީ، މާލީ ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ ޑޮލަރު ނުވަނުމެވެ. ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ދިވެހި މާލީ ނިޒާމުގައި ޑިޕޮސިޓުކުރާ ބޭރު ފައިސާއާއި ބޭންކުތަކަށް މާރުުކުރާ ބޭރު ފައިސާ މަދުވުމެވެ. އެއީ ފަތުރުވެރިކަން މުޅިން ވަކި އިގުތިސާދެއްގެ ގޮތުގައި އޮތުމުގެ ސަބަބުން އުފެދިފައި އޮތް ހާލަތެކެވެ. އެމްއެމްއޭގެ ނިންމުމާއެކު ފަތުރުވެރިކަން އިގުތިސާދާ ލާމެހުނީ އެވެ.
އިގުތިސާދުގެ އެންމެ މުހިއްމު އެއް ބިންގަލަކީ ބޭރު ފައިސާގެ އަގެވެ. ރާއްޖެއަކީ އެކްސްޕޯޓުކުރުމަށް ބަރޯސާވެފައި އޮތް ގައުމަކަށްވާއިރު، ބޭރު ފައިސާ ބޭންކުތަކުން ލިބޭ މިންވަރު މަދުވުމުގެ ސަބަބުން ބޭރު ފައިސާގެ އަގު އިންތިހާއަށް އުފުލި ކަޅު ބާޒާރެއް ވުޖޫދުވެފައި އެބައޮތެވެ. އެއީވެސް މިދެންނެވިހެން ބޭރު ފައިސާ އިގުތިސާދަށް ވަންނަ މައިގަނޑު ސިނާއަތް އިގުތިސާދާއި މާލީ ނިޒާމާ ވަކިވެފައި އޮތުމުގެ ނަތީޖާ އެވެ.
އެހެންކަމުން އެމްއެމްއޭއިން ގެނައި ބޮޑު ބަދަލާއެކު ފަތުރުވެރިކަމުގެ އިގުތިސާދު މާލީ ނިޒާމާ ލާމެހި، ދިގުރާސްތާގައި ބޭރު ފައިސާގެ އަގު އިސްތިގުރާރުކުރެވި، ބޭންކުތަކަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުމަށް ހައްލު ލިބިގެންދާނެ އެވެ. މިއީ ރައްޔިތުންގެ ހައްގުގައި އިގުތިސާދީ ހަމަޖެހުމަށް ކުރަންޖެހޭ ކަމެކެވެ. އެ ސިޔާސަތު ހިންގަން ފެށުމުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިނަމަ އެކަންކަން އެނގި ބަދަލުތައް ގެނައުމުގެ ފަހި ފުރުސަތު އޮންނާނެ އެވެ. ނަމަވެސް މިކަން ކޮންމެވެސް ހިސާބަކުން ނުފަށައި 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގޮތަށް ދޫކޮށްލާފައި ބޭއްވުމަކީ، ދިވެހިންނަށް ފަތުރުވެރިކަމަށް އައި، އަދި އަންނަމުންދާ ބޮޑު ކުރިއެރުމުގެ ހަގީގީ މަންފާ ނުލިބޭ ގޮތަށް ބޭއްވުމެވެ. އެއީ އޮތް ހިޔާރެއް ނޫނެވެ.