ބޭންކިން ނިޒާމަށް ޑޮލަރު ވައްދަން ދިވެހި ޓްރެވަލް އެޖެންޓުން ބާރުވެރި ކުރުވަންވީ

ރިޔާޒު ވަނީ ޓްރެވަލް އެޖެންޓުންގެ ގާނޫނު ފާސްކުރުން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމުން ފޮރިން ކަރަންސީގެ މައްސަލަައަށް ބޮޑު ލުއިކަމެއް އަންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ލެޓްސްގޯ މުހައްމަދު ރިޔާޒު -- އަވަސް

ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދިވެހި ޓްރެވަލް އެޖެންޓުން ބާރުވެރި ކުރުވައި ހިމާޔަތް ދިނުން ކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) އިން ބުނެފި އެވެ.

އާޓާގެ ފައުންޑިން މެންބަރު އަދި ލެޓްސްގޯ ކުންފުނީގެ ވެރިޔާ މުހައްމަދު އިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވި ގޮތުގައި ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދިވެހި ޓްރެވަލް އެޖެންޓުންގެ ގާނޫނު ފާސްކުރުމެވެ. އަދި އެ ގާނޫނުގައި ހުރި ކަންކަން ތަންފީޒު ކުރަން ފެށުމާއެކު ދިވެހި ކުންފުނިތައް ބާރުވެރިވެ ދިވެހިންނަށް ޑޮލަރު ލިބެން ފަށާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ޓޫރިޒަމަށް 54 އަހަރުވެފައިވާއިރު ދިވެހި އެޖެންޓުން ބާރުވެރި ކުރުވަން މަސައްކަތް ނުކުރުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުކަންތައް ވަނީ އެހެންނޫން. ބޭރަށް މިދަނީ ޑޮލަރު. މިސާލަކަށް ލެޓްސްގޯއިން ރޮނާލްޑޯ ގެންނަން އުޅެނިކޮށް މިގެނައީ ސައޫދީ ބަޔަކު އޭނަ. މިހާލަތުގައި ރާއްޖެއަށް ލިބޭނީ ހަމައެކަނި ޓެކްސްކޮޅު. އެހެން ހުރިހާ ފައިސާއެއް ދާނީ ބޭރަށް،. ބޭރުގެ ބޭންކްއަކަށް އެކަމަކު ދިވެއްސެއް ގެނައިނަމަ ފައިސާ ހުންނާނީ ބޭންކް އޮފް މޯލްޑިވްސްގަ. އެ ފައިސާ އެނބުރޭނީ ބޭންކުގަ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭއިން މިހާރު ނެރެފައިވާ ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ކުރީގައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ދިވެހި ކުންފުނިތަކަށް ފުރުސަތު ފަހި ކުރުމެވެ. އަދި އެކަންނުކޮށް ގަވައިދެއް ހަދައިގެން ފޮރިން ކަރަންސީގެ މައްސަލަ ހައްލު ކުރަން ފަސޭހަނުވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި މިހާރު އެމްއެމްއޭއިން ނެރުނު ގަވައިދުގައި ހުރި ބައެއް ކަންތައްތައް އޭނާ ފާހަގަ ކުރެއްވި އެވެ. މީގެތެރޭގައި ރިސޯޓްތަކުން ވަކި އަދަދެއް ބޭންކިން ނިޒާމަށް މާރުކުރަން ބުނާއިރު ރިސޯޓްތަކުގައި ބޭރު ފައިސާއިން ބޭރަށް ދައްކަން ޖެހޭ ލޯނާއި އެހެން ފައިސާ ހުންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ އެ ގަވައިދު އެހާ ހަމަ ނުޖެހޭ ކަމަށް ރިޔާޒު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި 700 ޓްރެވަލް އެޖެންސީ

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 791 ޓްރެވަލް އެޖެންސީ ރަޖިސްޓްރީކޮށްފައިވެ އެވެ. ނަމަވެސް މީގެ ގިނަ ތަންތަން ނުހިނގައިރު ދިވެހި ޓްރެވަލް ކުންފުނިތަކަށް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. 

ގަވައިދުގައި އިސްތިސްނާތަނެއް ދީފައިވޭ

އެމްއެމްއޭގެ ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ރިސޯޓްތަކަށް ކުރިމަތިވާ މިފަދަ މައްސަލަތަކުގެ ހައްލު ދޭނެ ގޮތްތަކެއްވެސް ބުނެދީފައިވެ އެވެ. މިގޮތުން ގިނަ އިސްތިސްނާ ތަކެއް  މި ގަވައިދުގައި ހިމަނާފައިވެ އެވެ. 

އެމްއެމްއޭ ގަވާއިދުގައި ބުނެފައިވަނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ކުރަންވަނީ ދިވެހި ރުފިޔާ އިންނެވެ. ނަމަވެސް އެ އުސޫލުން އިސްތިސްނާވާ ކަންތައްތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަންނަނިވި ކަންކަމުގައި ބޭރު ފައިސާ ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 

  •  ގަވާއިދެއް/ ގާނޫނެއްގެ ދަށުން ބޭރު ފައިސާއިން ސަރުކާރަށް/ދައުލަތަށް ދައްކަންޖެހޭ ފައިސާ
  •  ބޭންކުތަކާއި ފައިނޭންސް ކުންފުނިތައް/ ރެމިޓެންސް ހިދުމަތްދޭ ކުންފުނިތަކުގެ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންނާ ކުރާ މުއާމަލާތްތައް
  •  ޓޫރިޒަމް ވިޔަފާރިތަކަށް އިންޝުއަރޭންސް ހިދުމަތްދޭ ކުންފުނިތަކުން ކަސްޓަމަރުންނަށް ގިއްކާ ޕޮލިސީތަކާ ގުޅިގެން ކަސްޓަމަރުންނާއި އިންޝުއަރެންސް އިންޓަމީޑިއަރީތަކާއި ކުރެވޭ މުއާމަލާތްތައް
  •  ބައިނަލްއަގުވާމީ މުއާމަލާތްތައް
  •  ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
  •  އެކްސްޕޯޓު ކުރާ މުދަލާއި ހިދުމަތުގެ އަގު
  •  ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން މުދަލާ ހިދުމަތަށް ބޭރު ފައިސާއިން އަގު ދެއްކުން
  •  ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއް ޑިވިޑެންޑު ދިނުމާއި ހިއްސާދާރުންގެ މެދުގައި ކުރާ މުއާމަލާތްތަކާއި ގުޅުންހުރި އެހެން ފަރާތްތަކާ ކުރާ މުއާމަލާތްތައް
  •  ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެ ވިއްކުން
  •  ބޭރު ފައިސާއިން އާމްދަނީ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތްތައް ދިނުން
  •  ޑިއުޓީ ފިހާރަތަކުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު

މި ބަދަލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޭންކިން ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވީ މި ގަވާއިދުގެ ސަބަބުން ބޭންކުތަކަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން ނިމުނު އަހަރުގެ ފަތުރުވެރިކަމުގެ ހިސާބުތަކަށް ބަލާއިރުވެސް މަދުވެގެން 800 މިލިއަން ޑޮލަރު ބޭންކުތަކަށް ލިބޭނެ ކަމުގައި އޭނާ ލަފާކުރެެއްވި އެވެ.

އެމްއެމްއޭއިން ބުނެފައިވަނީ މި ބަދަލު ގެނައުމުން އެމްއެމްއޭއަށް ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާ ލިބި، ބޭންކުތަކުން ރައްޔިތުންނަށް ޑޮލަރު ދޫކުރަން ބޭނުންވާ އަދަދަށް ބޭރު ފައިސާ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭންކުތަކުން ދެމުންދާ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ދިނުމަށް ބާރު އެޅޭނެ ކަމުގައި މަރުކަޒީ ބޭންކުން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.