ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ރިސޯޓް އޯނަރުންގެ ޖަމިއްޔާ ދެކޮޅު

ރާއްޖޭގެ ޓޫރިޒަމްގެ ސައިޒަކީ ފަސް ބިލިއަން ޑޮލަރުނަމަވެސް ބޭންކިން ނިޒާމަށް ވަންނަ އެންމެ 1.8 ބިލިއަން ޑޮލަރެވެ.

މަޓީގެ އިސް ދެ ފައުންޑަރުން : މަޓީން ވަނީ މިއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފަ -- ސަން

ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރެވޭނެ ނިޒާމެއް ގެންނަން މަރުކަޒީ ބޭންކުން މަސައްކަތް ކުރިނަމަވެސް، އެފަދަ ނިޒާމެއް ތައާރަފު ކުރަން ރިސޯޓު އޯނަރުންގެ ޖަމިއްޔާ ދެކޮޅުކަން ހާމަވެއްޖެ އެވެ.  

މަރުކަޒީ ބޭންކުން އިއްޔެ ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދު އާއި މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދެއް ހަދައި އާއްމުކޮށްފަ އެވެ. މި ގަވައިދު އާއްމު ކުރުމުގެ ކުރިން މަރުކަޒީ ބޭންކުން ވަނީ ޓޫރިޒަމް ތަމްސީލް ކުރާ ގިނަ ޖަމިއްޔާތަކާއެކު މަޝްވަރާކޮށްފަ އެވެ. 

މަޓީއިން މި ގަވައިދާ ބެހޭ ގޮތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގަވައިދު ނެރުމުގައި ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރި ކަމަށް ބުނި ނަމަވެސް އެކަން ހިނގާފައިވަނީ އެމްއެމްއޭއިން ބުނި ގޮތަށް ނޫން ކަމަށް ހިތާމައާއެކު ފާހަގަ ކުރާ ކަމަށެވެ. 

ރާއްޖޭގައި ތިބި ޓޫރިސްޓް ރިސޯޓްތަކުގެ ގިނަ އޯނަރުން ހިމެނޭ މި ޖަމިއްޔާއިން ބުނި އެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި ބޭރު ފައިސައާ ބެހޭ ގަވައިދުގައި ހިމަނަން އެމްއެމްއޭއިން ހުށަހަޅާފައިވާ ހުށަހެޅުން ތަކަކީ އެ ޖަމިއްޔާ އަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫންކަމަށް ބުނެފައިވާނެ އެވެ. 

"ގަވާއިދު ގެޒެޓް ކުރިއިރު އެ ޖަމިއްޔާ [މަޓީ] އިން ހުށަހެޅި އެއްވެސް ކަމަކަށް އިޖާބަދެއްވާފައި ނުވާކަން ފާހަގަ ކުރަމެވެ،" މަޓީގެ ކުރު ބަޔާނުގައިވެ އެވެ. 

ނޫސް ބަޔާނުގެ ފަހު ބަހެއްގެ ގޮތުގައި މަޓީން ބުނެފައިވަނީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވާން އެ ޖަމިއްޔާއިން ތައްޔާރަށް އޮތް ވާހަކަ ދައްކަންވާ ކަމަށެވެ. 

މިހާރު ބޭންކިން ނިޒާމަށް ވަންނަ ޑޮލަރު މަދު

އެމްއެމްއޭއިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖަށް ޒަމާނުއްސުރެން ފެށިގެން ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދާށެވެ. ރާއްޖޭގެ ޓޫރިޒަމްގެ ސައިޒަކީ ފަސް ބިލިއަން ޑޮލަރު ނަމަވެސް ބޭންކިން ނިޒާމަށް ވަންނަ އެންމެ 1.8 ބިލިއަން ޑޮލަރެވެ. މިއީ ރާއްޖެއަށް ލިބޭ ޑޮލަރުގެ 53 ޕަސެންޓެވެ. މިހާރުގެ އިސްލާހުގެ ސަބަބުން މި އަދަދު 70 އާއި 80 ޕަސެންޓަށް އުފުލިގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ. މިކަން ހައްލު ކުރަން ގަވައިދުގައިވާ ގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަން ލާޒިމްކޮށްފައިވެ އެވެ. މިގޮތަށް މި ގަވައިދު އޮތްނަމަވެސް ގިނަ އިސްތިސްނާތަކެއް ހިމަނާފައިވެ އެވެ. 

މަރުކަޒީ ބޭންކުން މީޑިޔާތަކާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2019 ވަނަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީއަށްވުރެ 2023 ވަނަ އަހަރު ލިބުނު އާމްދަނީ ވަނީ 34 އިންސައްތައިން އިތުރުވެފަ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކަށް 2019 ވަނަ އަހަރު ޖުމްލަ ސޭލްސްގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ޑޮލަރެވެ. 2023 ގައި އެ އަދަދުވަނީ 4.5 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެ ހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވެއްދި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު އާމްދަނީގެ 74 އިންސައްތަކަމަށްވާ 2.5 ބިލިއަން ޑޮލަރުވަނީ ބޭންކުތަކަަށެވެ.

ޑޮލަރުން ރިސޯޓުތަކަށް 2023 ގައި ލިބުނު އާމްދަނީ 2019 އާ އަޅާބަލާއިރު އިތުރުވި ނަމަވެސް ރިސޯޓުތަކުން ބޭންކުތަކަށް ވެއްދި ޑޮލަރުވަނީ އާމްދަނީގެ ނިސްބަތުން ވަރަަށް ބޮޑަށް މަަދުވެފަ އެވެ. 2019 ވަނަ އަހަރު ރިސޯޓުތަކުގެ އާމްދަނީގެ 74 އިންސައްތަ ބޭންކުތަކަށް ވެއްދި ނަމަވެސް 2023 ގައި ވައްދާފައިވަނީ އާމްދަނީގެ 52 އިންސައްތަަކަމަށްވާ 2.3 ބިލިއަން ޑޮލަރެވެ.

ބޭންކުތަކަށް ރިސޯޓުތަކުން މާރުކުރި ނުވަތަ ބޭންކުތަކަށް ވިއްކި ޑޮލަރުވެސް 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ވަރަށް ބޮޑަށް މަދުވެފައިވެ އެވެ. އެގޮތުން 2019 ވަނ އަހަރު ޓޫރިޒަމުން ބޭންކުތަކަށް ވަން ފައިސާގެ %6 ބޭންކުތަކަށް ވިއްކި އެވެ. އެއީ 152 މިލިއަން ޑޮލަރެވެ. ނަމަވެސް 2023 ވަނަ އަހަރު ބޭންކުތަކަށް ވަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް ވިއްކާފައިވަނީ އެންމެ 3 އިންސައްތަ އެވެ. އެއީ 68 މިލިއަން ޑޮލަރެވެ.

ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވަން މިންވަރު މަދުވިއިރު އެ މުއްދަތުގައި ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކި މިންވަރުވަނީ އިތުރުވެފަ އެވެ. އެގޮތުން 2019 ވަނ އަހރު 76.6 މިލިއަން ޑޮލަރު ވިޔަފާރި ބޭންކު ތަކަށް އެމްއެމްއޭ އިން ދޫކުރިއިރު، 2023 ގައި ބޭންކުތަކަަށް ދޫކުރި ޑޮލަރު 27 އިންސައްތައިން އިތުރުވެ 480.1 މިލިއަން ޑޮލަރު އެމްއެމްއޭއިން ދޫކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.