ބިދޭސީއެއްގެ ކަރުގައި ވަޅި އަޅައި، ފޯނު ފޭރުނު މީހެއްގެ މައްޗަށް ކުށް ސާބިތުނުވި

ރިލްވާން ވަނީ ފުރަތަމަ މި ދައުވާއަށް އިއުތިރާފްވެފައެވެ. އެހެން ނަމަވެސް އަނިޔާ ނުދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ފަހުން ޝަރީއަތުގެ މަރުހަލާގައި ހުރިހާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް --

މައްޗަންގޯޅި ސަހަރާ ކައިރީގައި ހުރި ކެފޭއެއް ކުރިމަތީ މަޑުކޮށްގެން ތިބި ދެ ބިދޭސީއަކު، މަސައްކަތެއް ކުރުވަން ކަމަށްބުނެ ގެއަކަށް ވައްދައި، ކަރުގައި ވަޅި އެޅުމަށްފަހު، ފޯނު ފޭރުމުގެ ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ މއ. އަމީލީހިޔާ، ރިލްވާން މަންސޫރުގެ މައްޗަށެވެ.

މިއީ 2022 ވަނަ އަހަރުގެ މާޗު މަބުގެ 12 ވަނަ ދުވަހުގެ އިރުއޮއްސި 18:45 ގައި މައްޗަންގޮޅި ސަހަރާ ކައިރީގައި ހުރި، ބަންގްލަދޭޝްގެ އާކާޝް ހޮސައިން އާއި އަލް އަމީން ލައްވައި މަސައްކަތެއް ކުރުވަން ކަމަށްބުނެ ކުރިކީލަ މަގުގެ ކޮޅުގައި ހުރި، އަމީލީހިޔާގެ ފަސް ވަނަ ފަންގިފިލާގައި ހުފި އެޕާޓުމަންޓަކަށް ވެއްދުމަށްފަހު އެމީހުންނަށް ބިރު ދައްކައި ފޭރުނު މައްސަލައެކެވެ.

ހުއްދަނޫން އެއްޗަކަށް ބާރުފޮރުވުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، ބިރުދެއްކުމިގެ ދައުވާ ރިލްވާންގެ މައްޗަށް ވަނީ ކޮށްފައެވެ.

ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، އަލް އަމީން އާއި އާކާޝް ހޮސައިން މި އެޕާޓުމެންޓަށް ގެންގޮސް ކަރުގައި ވަޅި ޖައްސަ،އި އެމީހުންގެ ފޯނާއި އާކާޝްގެ ޖީބުގައި އޮތް 100 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ. އަދި އާކާޝްގެ ކަރުގެ ވަޅި އަޅާފައި ހުރި އިރު، އޭނާގެ އަތުގެ އިނގިލިތަކަށްވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

އެގެ ހުރި ގޯޅިގަނޑުން ދުވެފައި ރިލްވާން ދަނިކޮށް އާކާޝް އޭނާ ހިފަހައްޓައި، އާންމުންގެ އެހީތެރި ކަމާއެކު އޭނާ ފުލުހުންނާއި ހަވާލުކުރި ކަމަށްވެސް ހުކުމުގައިވެއެވެ. އަދި ފުލުހުން ދިޔަ އިރުވެސް އާކާޝްގެ ކަރުން ލޭ އަންނާތީ ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗަށް އޭނާ ވަނީ ގެންގޮސްފައެވެ.

ހުކުމުގައިވާ ގޮތުން ރިލްވާން ފުލުހަށް ހާޒިރުކޮށް ބަލައި ފާސްކުރަނިކޮށް، އޭނާގެ ޖިންސުގެ ޖީބުން 100 ރުފިޔާ އަދި އޭގެ ފައިކުރި އޮޅާލާފައި ހުރި ތަނުން ސެމްސަންގް ފޯނެއް ވަނީ ފެނިފައެވެ. މި ފޯނަކީ ރައްޓެއްސަކު އޭނާއަށް ދިން ފޯނެއް ކަމަށް ރިލްވާން ބުނެފައިވީނަމަވެސް، އެ ރައްޓެއްސެއްގެ ތަފުސީލެއް އޭނާ ނުދޭ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން މި ފޯނަކީ ރިލްވާން ފޭރުނު ކަމަށް އާކާޝް ބުނާ ފޯނާއި ވައްތަރު ފޯނެއް ކަމަށްވާތީ އެ ފޯނު ހުޅުވުމަށް އާކާޝް ލައްވައި ޕެޓާން އެއް ކުރެހި ކަމަށްވެސް ހުކުމުގައިވެއެވެ. އަދި އޭނާ ކުރަހާފައިދިން ޕެޓާން އިން އެ ފޯނު ހުޅުވުނު ކަމަށާއި އެހެން ކަމުން މިއީ އާކާޝް އަތުން ފޭރުނު ފޯނުކަން ޔަގީންވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ރިލްވާން ވަނީ ފުރަތަމަ މި ދައުވާއަށް އިއުތިރާފްވެފައެވެ. އެހެން ނަމަވެސް އަނިޔާ ނުދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ފަހުން ޝަރީއަތުގެ މަރުހަލާގައި ހުރިހާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. 

ދައުލަތުން އޭނާ އާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހެޅި ނަމަވެސް، އޭނާގެ މައްޗަށް ޝައްކެތް ނެތް މިންވަރަށް ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.