ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިގްތިސޯދުގައި އިތުރަށް އަށް ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މީގެ ސަބަބުން ޑޮލަރަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.
މިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރުމުން އިގްތިސޯދުގައި ގިނަވެފައިހުރި ދިވެހ ފައިސާ ހަޒާނާއަށް ވައްދަން އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) އަންނަ މަހު ފަށާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
ވިޔަފާރި އާއި އިގްތިސޯދީ ނިއުސް ކަވަރު ކުރާ ނޫސްވެރިންނާއެކު މަރުކަޒީ ބޭންކުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ގަވަނަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި އިގްތިސޯދުގައި ޑޮލަރަށް ކުރަމުންދާ ލޯޑު ކުޑަ ކުރުމުގެ ގޮތުން އިގްތިސޯދުގައި އިތުރުވެފައިވާ ފައިސާ ނަގަން އޯއެމްއޯ އޮޕަރޭޝަން އަންނަ މަހު ފަށާނެ ކަމަށާ މި އޮޕަރޭޝަންގެ ތެރެއިން ފަސް އަށް ބިލިއަން ރުފިޔާ މަޑުމަޑުން އަނބުރާ އެމްއެމްއޭ އަށް ނަގާނެ އެވެ. އަދި މި މަސައްކަތާއެކު ކުރިއަށް އޮތް މުސްތަގުބަލުގައި ރާއްޖޭގެ އިގްތިސޯދަށް އޭގެ ފައިދާ ކުރާނެކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.
ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި މާލީ ދާއިރާގެ ތަޖުރިބާކާރު މުނައްވަރު ވިދާޅުވި ގޮތުގައި އެކްސެސް މަނީ އަނބުރާ މަރުކަޒީ ބޭންކްއަށް ނަގަން ފަށާ މަސައްކަތުގެ ސަބަބުން ސަރުކާރުގެ ކޭޝް ފްލޯ މެނޭޖު ކުރަން ދަތިތަކެއް އަންނާނެ އެވެ. ނަމަވެސް ފަހުން ރަނގަޅު ވެގެންދާނެކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.
ޑޮލަރަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަން ފަށަން ޖެހިދާނެ ކަމަށް މިދިޔަ އަހަރު މަޖިލީހުގައި އެމްއެމްއޭއިން ބުނެފައިވެ އެވެ. މީގެ ސަބަބަކީ ކޮވިޑުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމާއި އޭގެފަހުންވެސް ގިނަ އަދަދެއްފެ ފައިސާ ޗާޕު ކުރުމެވެ. ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޑީޕީ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެ އެވެ. މި ފައިސާ ޗާޕު ކުރީ ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން އަހަރަކު 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕު ކުރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްގެންނެވެ. ނަމަވެސް ފަހުން މި ސަރުކާރުން ވަނީ އެކަން އެގޮތަށް ނުކުރަން ނިންމާފަ އެވެ.
ގަވަރުނަރު މިއަދުގެ ބަދައްލުވުމެއްގައި ވަނީ ސަރުކާރުން ފަށާފައިވާ ފިސްކަލް ރިފޯމް ޕްރޮގްރާމް އަވަސް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ. މިގޮތުން އާސަންދަ އާއި އެސްއޯއީތައް އަދި ސަބްސިޑީގެ ނިޒާމު އިސްތިހާރު ކުރަން ލާޒިމްވެފައިވާކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.