މީރާއިން މި ލިސްޓުގައި ނެރެފައިވަނީ އިންކަމް ޓެކްސް ނުދައްކާ ބޮޑެތި ކުންފުނިތަކެވެ. މި ކުންފުނިތަކަކީ އަހަރެއްގެ މައްޗަށް އެ ކުންފުނިތަކުގެ އާމްދަނީ 200 މިލިއަނުން މަތީގެ ކުންފުނިތަކެވެ.
ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމު ކުރުމުގެ އުސޫލުގެ ދަށުން އިންކަމް ޓެކްސް ނުދައްކާ ބޮޑު 43 ކުންފުނީގެ ނަން މީރާ އިން އާއްމުކޮށްފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ މިދިޔަ އަހަރު އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތައް ވެސް ހިމެނެ އެވެ. މި ފަރާތްތަކަކީ އަހަރެެއްގެ ތެރޭ އެ ފަރާތްތަކުގެ ޖުމްލަ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ.
މި ލިސްޓު ނެރެފައިވަނީ އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑި މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވީއިރު މި ފަރާތްތަކުން އިންކަމް ޓެކްސް ދައްކާފައި ނުވާތީ އެވެ.
މީރާއިން ބުނީ މި ފަރާތްތަކުގެ ނަންތައް އާއްމު ކުރުމުގެ ކުރިން އީމެއިލް އާއި އެސްއެމްއެސް އަދި ފޯނުގެ ޒަރިއްޔާއިން މުއާމަލާތް ކުރެވި ފައިސާ ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތައް ހަނދާކޮށްދީ، އެ އިލްތިމާސްތައް އަދާކުރަން ތަކުރާރުކޮށް ވަނީ ނަސޭހަތް ދެވިފަ އެވެ.
މީރާއިން މިއަދު އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތައްވެސް ހިމެނެ އެވެ. މިގޮތުން އެންމެ މަޝްހޫރު ކުންފުންޏެއްގެ ގޮތުގައި އޮތީ ޗައިނާ މެޝިނަރީ އިންޖިއަރިއަރިން ކޮޕަރޭޝަން އެވެ. އަދި ލަންކާގެ ސަންކަން އޯވަސިސް ކުންފުނީގެ އިތުރުން ސައޫދީ ބިންލާދިން ގްރޫޕު ހިމެނެ އެވެ.
މި ކުންފުނީގެ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ގިނަ ކުންފުނިތަކެއް ހިމެނެ އެވެ. މިގޮތުން ގިނަ އަދަދެއްގެ އިމާރާތް ކުރުމުގެ ވިޔަފާރި ކުރާ ކުންފުނިތައް ހިމެނެ އެވެ. މި ކުންފުނިތަކުގެ ތެރޭގައި އައިމާ ކޮންސްޓްރަކްޝަން އާއި ސާވޭ ކޮންސްޓްރަކްޝަން ހިމެނެ އެވެ. މީގެ އިތުރުން ޓެކްސް ނުދައްކާ ލިސްޓުގައި އަބަދުވެސް އޮންނަ ތްރީއޭގެ ދަށުން ހިންގާ ހުރިހާ ވިޔަފާރިތަކުންވެސް ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ދައްކަމުން ނުދެ އެވެ. އަދި ސައިކަލް ވިއްކާ ޝީޝާ ވެސް އިންކަމް ޓެކްސް ނުދައްކާ ލިސްޓުގައި ހިމެނެ އެވެ.