މި ފޯރަމް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ.
ޓޫރިޒަމް ތަފާސް ހިސާބުތަކާ ބެހޭ ބޮޑު ފޯރަމެއް ދުނިޔޭގެ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ބާއްވަން އެމްއެމްޕީއާރުސީ އިން ނިންމައިފި އެވެ.
އެމްބްރޭސިންގް ޑޭޓާ ފޯ ޑެސްޓިނޭޝަން ސަކްސެސް ނުވަތަ ތަފާސްހިސާބުގެ އަލީގައި ކާމިޔާބު ފަތުރުވެރިކަމުގެ މަންޒިލަކަށް ދަތުރުކުރުން މި ޝިއާރުގެ ދަށުން ބާއްވާ މި ފޯރަމް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ.
ޑޭޓާ ނުވަތަ ތަފާސްހިސާބު ބޭނުންކޮށްގެން ޓޫރިޒަމް މާކެޓްކޮށް ކުރިއެރުވުމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބޭރުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރުންނާ އެކު ޑޭޓާ ފޯރަމްގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވަން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)އިން ނިންމައި އެ ހަރަކާތުގައި ބައިވެރިވާން ރެޖިސްޓްރޭޝަނަށް ވަނީ ހުޅުވާލާފަ އެވެ.
މި ފޯރަމް ބާއްވަނީ ދުނިޔޭގައި މި ބާވަތުގެ ކަންކަން އިންތިޒާމުކުރާ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާ އެކުގަ އެވެ. އެގޮތުން އީ-ޓޫރިޒަމް ފްރޮންޓިއާސްއާ ގުޅިގެން ބާއްވާ ޑޭޓާ ފޯރަމް 2024 ގައި މެލްޓްވޯޓާ އާއި އަމަޑިއަސް އަދި އަދާރާ އާއި ޓްރިޕްއެޑްވައިޒާ އަދި ޓޫރިޒަމް އިކޮނޮމިކްސް އޮކްސްފޯޑުގެ އިތުރުން ފޯވާޑް ކީސް އަދި ޔޫނިއަން ޕޭގެ އެކްސްޕާޓުން މި ފޯރަމްގައި ބައިވެރިވާނެ އެވެ.
ޑޭޓާ ފޯރަމް 2024 އާ ބެހޭ ތަފްސީލީ މައުލޫމާތުތަކާއި އެޖެންޑާ އަދި ފޯރަމްގައި ރަޖިސްޓްރީކުރުމަށް ހާއްސަ ވެބްސައިޓެއް މި ކޯޕަރޭޝަނުން މިހާރު ވަނީ އިފްތިތާހުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މި އިވެންޓަކީ ފަތުރުވެރިކަމުގެ ދާއިރާ އަށް އަންނަ ފަހުގެ ބަދަލުތައް ތަފާސްހިސާބުގެ އަލީގައި ދެނެގަނެ ކާމިޔާބު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދުނިޔޭގައި ދެމެހެއްޓުމަށް އެހީވެދޭނެ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ ހަރަކާތަކަށް ވާނެ އެވެ.
"ދުނިޔޭގެ ފަތުރުވެރިކަމުގެ މުހިންމު މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށްޓަކައި މި ކޯޕަރޭޝަނުން ކުރާ މަސައްކަތުގައި ޑޭޓާ ފޯރަމް 2024 އަކީ އަނެއްކާ ވެސް ފަތުރުވެރިކަމުގެ ސިނާއަތްތެރިންނަށް ހޯދައިދެވޭ ވަރަށް ބޭނުންތެރި ޕްލެޓްފޯމެއް. މި ހަރަކާތުގެ ސަބަބުން ފަތުރުވެރިކަމާ ގުޅުންހުރި ތަފާސް ހިސާބުތައް ދިރާސާކޮށް އޭގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ނިންމުންތައް ނިންމަން މަގުފަހިވެގެންދާނެ. އަދި ރާއްޖެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމުން އަރައިގަންނަން ފަސޭހަވެގެންދާނެ،" ޝިއުރީ ވިދާޅުވި އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑްތައް ހީވެސް ނުކުރާހާ ހަލުވި މިނެއްގައި ކުރިއަރަމުން އަންނައިރު ތަފާސްހިސާބު ދިރާސާކުރުމުގެ ގާބިލުކަން އިތުރުކުރުން މިހާރު ވަނީ ކުރިއަށްވުރެ މުހިންމުވެފަ އެވެ.
ޑޭޓާ ފޯރަމް 2024 ގެ ސަބަބުން ރާއްޖެއަކީ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދަމަހައްޓަން ނިންމަން ޖެހޭ މުހިންމު ނިންމުންތައް ނިންމުމުގައި ތަފާސްހިސާބަށް ބުރަވެ ގޮތް ނިންމަން އެހީވެދޭނެއެވެ. އަދި ކުރިއަރަމުން އަންނަ ފަހުގެ ޓްރެންޑްތަކަށް ފައިހަމަކޮށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދަން ބޭނުންވާ ތަމްރީނާއި ތަޖުރިބާ މި ފޯރަމްގެ ސަބަބުން ލިބިގެންދާނެ އެވެ.
އީ-ޓޫރިޒަމް ފްރޮންޓިއާސްގެ ސީއީއޯ ސާރާ މެތިއުސް ވިދާޅުވީ ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ޒަމާނީ ހުރިހާ ސިފަތަކެއް ހިމެނޭ ރާއްޖެއަކީ ފަތުރުވެރިކަމުގެ ނަމޫނާ މަންޒިލެއް ކަމަށެވެ. އަދި މިފަދަ މަންޒިލެއްގައި ޑޭޓާ ފޯރަމް ބޭއްވޭ ކަމީ ލިބޭ ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"މި ފޯރަމަކީ ހަމައެކަނި ނަމްބަރުތަކުގެ ވާހަކައެއް ނޫން. މިއީ ޓޫރިޒަމްގެ މުސްތަގުބަލު ބައްޓަންކުރާނެ އެކްޝަނަބަލް ސްޓްރެޓެޖީތަކެއް ތަފާސްހިސާބުގެ އަލީގައި އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުމެއް. އެކަމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ސާރާ ވިދާޅުވި އެވެ.
މި މުހިންމު ހަރަކާތުގެ ސަބަބުން ފަތުރުވެރިކަމާ ގުޅުންހުރި ތަޖުރިބާކާރު އެކި ފަރާތްތަކާ ފޯރަމްގެ ބައިވެރިންނާ ގުޅުން ބަދަހިކުރަން ލިބޭ މިއީ މުހިންމު ފުރުސަތެކެވެ. އަދި ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކުރުމަށް ގެންނަން ޖެހޭ ޒަމާނީ ބަދަލުތައް މި ފޯރަމްގެ ސަބަބުން އެނގިގެންދާނެއެވެ. އެހެންކަމުން ޑޭޓާ ފޯރަމް 2024 ގައި އަވަހަށް ރަޖިސްޓްރީކޮށް ތިޔަބޭފުޅުންގެ ޖާގަ ކަށަވަރުކުރުމަށް ދައުވަތު އަރުވަމެވެ.