އިސްރާއީލު އަސްކަރިއްޔާއިން ބުނި ގޮތުގައި ރޭ އިސްރާއީލު ބޯޑަރާ އިންވެފައި ހުރި ލުބުނާނުގެ ބައެއް އަވަށްތަކުގައި ހިންގަން ފެށި އޮޕަރޭޝަނަކީ އެ ތަންތަނުގައި ހަރަކާތްތެރިވާ ހިޒްބުﷲގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ފެށި އޮޕަރޭޝަނަކެވެ.
އިސްރާއީލު އަސްކަަރިއްޔާއިން އެއްގަމު މަގުން ލުބުނާނުގެ ދެކުނަށް އަރައިގަނެ ހަމަލާތައް ދޭން ފަށައިފި އެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނި ގޮތުގައި ރޭ އިސްރާއީލު ބޯޑަރާ އިންވެފައި ހުރި ލުބުނާނުގެ ބައެއް އަވަށްތަކުގައި ހިންގަން ފެށި އޮޕަރޭޝަނަކީ އެ ތަންތަނުގައި ހަރަކާތްތެރިވާ ހިޒްބުﷲގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ފެށި އޮޕަރޭޝަނަކެވެ.
މި ހަމަލާތަކާއެކު މީގެ އެއް އަހަރު ދުވަސް ކުރިން ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ދޭން ފެށި ހަމަލާތަކާއި އެ ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މުޅިން އައު މަރުހަލާއަކަށްވަނީ ގެންގޮސްފަ އެވެ. ހިޒްބުﷲއާއި އިސްރާއީލުގެ މެދުގައި ހަމަލާ ބަދަލުކުރަން ފެށީ ނިމުނު އަހަރުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ރައްދުގަ އެވެ.
އިސްރާއީލުގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޔޮސި ބެލިން ވިދާޅުވެފައިވަނީ ކުރު މުއްދަތުގައި އަވަހަށް ނަތީޖާ ނެރުމުގެ ނަމުގައި އިސްރާއީލުން ފެށި އޮޕަރޭޝަން ދިގުލައިގެން ގޮސް ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ލުބުނާނުގެ ދެކުނުގެ ފުރިހަމަ ކޮންޓްރޯލު ނެގުމަކީ އެހައި ފަސޭހަކަމަކަަށްނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާއިން ބުނެފައިވަނީ އެ އޮޕަރޭޝަން އިސްރާއީލުން ފެށީ އެކަން އެމެރިކާއަށް އެންގުމަށްފަހު ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި އަމާޒުފަތްގަނޑަކީ ބޯޑަރު ކައިރީ ހިޒްބުﷲއިން ގާއިމުކޮށްފައި ހުރި ވަސީލަތްތައް ކަމަށްވެސް އިސްރާއީލުން މައުލޫމާތު ދީފައިވާކަމަށް އެމެރިކާއިން ބުނެ އެވެ.
އިއްޔެ އިސްރާއީލުންވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތަށްވެސް ބޮން އަޅާފަ އެވެ. އެގޮތުން ބެއިރޫތުގެ ދެކުނުގައި ހުރި ދެ އިމާރާތެއް ހުސްކުރަން އެންގުމަށްފަހު އެ ސަރަހައްދަށް އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ބޮން އަޅާފައިވެ އެވެ.
ފާއިތުވި ހުކުރުދުވަަހު ބެއިރޫތުގެ ރަށް ބޭރުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲވަނީ އަވަހާރަކޮށްލާފަ އެވެ. އަދި އިސްރާއީލުން ދިން ހަމަލާތަކުގައި ހިޒްބުﷲގެ މަތީ ފަންތީގެ ވަރަށް ގިނަ ކޮމާންޑަރުން އަވަހާރަކޮށްލާފައިވެ އެވެ.
ހޯމަދުވަހު ޓީވީ މެދުވެރިކުރައްވައި ދެއްވި ހިތާބެއްގައި ހިޒްބުﷲގެ ނައިބު ލީޑަރު ނައީމް ގާސިމް ވިދާޅުވެފައިވަނީ އިސްރާއީލުން އެއްގަމު މަގުން ލުބުނާނަށް އަރައިފާނެ ހާލަތަކަށް އެ ޖަމާއަތް އޮތީ ތައްޔާރުވެފައި ކަމަށެވެ. އަދި ދިގުލައިގެންދާ ހަނގުރާމައެއް ކުރުމަށް އެ ޖަމާއަތް ތައްޔާރު ކަމަށެވެ.