ޝާދިޔާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ހައިކޯޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެ މައްސަލާގައި ޝާދިޔާ ހައްޔަރުކުރުމާއި ބަންދުކުރުމުގައިވެސް އަމަލުކޮށްފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކަމުގަ އެވެ.
ފަލަސްތީނު މައްސަލާގައި ބައެއް އެމްބަސީތައް ކައިރިއަށް އެއްވި މައްސަލައެއްގަައި ފުލުހުން ހައްޔަރުކުރި މ. ބަޑިކުޅިމާގެ އާއިޝަތު ޝާދިޔާ (48) އަދި ގދ. ރަތަފަންދޫ ލިލީގެ، ޑރ. ޝަޒްރާ އިބްރާހިމް (36) ގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު އިތުރުކުރީ ބަންދުގައި ބޭތިއްބުމުގެ ޒަރޫރެއް ނެތި ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.
މިފަދައިން އޭނާ ވިދާޅުވީ ޝާދިޔާއާއި ޝަޒްރާ ހައްޔަރުކޮށް، އެ ދެ މީހުން ތިން ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން ފުރަތަމަ ނެރުނު އަމުރު ޝާދިޔާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
ޝާދިޔާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ހައިކޯޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެ މައްސަލާގައި ޝާދިޔާ ހައްޔަރުކުރުމާއި ބަންދުކުރުމުގައިވެސް އަމަލުކޮށްފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކަމުގަ އެވެ. އެގޮތުން އެ ގާނޫނުގައި އެމްބަސީތައް ކައިރީ ބާއްވާ އެއްވުންތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާކަން ނޫރު ފާހަގަކުރެއްވި އެވެ.
އެމްބަސީތައް ކައިރީގައި ފަންސާސް ފޫޓުގެ ދުރުމިނެއް ބަަހައްޓައިގެން އެއްވެވިދާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ފުލުހުން ވަކާލާތު ކުރީ އެމްބަސީއެއް ކައިރީ އެއްވެސް ގޮތަކަށް އެއްނުވެވޭނެކަމަށް ކަމުގައިކަން ފާހަގަކުރައްވައި ނޫރު ވިދާޅުވީ ގާނޫނުގައި އޮތް މާއްދާއަށް ތަކުރާރުކޮށް ހަވާލާދެއްވައި އެ މާއްދާ ފާހަގަކުރެއްވުމުންވެސް ފުލުހުން އެ ނުކުތާއަށް ޖަވާބުދާރީވެފައި ނުވާ ކަމަށެވެ.
އިތުރަށް ނޫރު ވިދާޅުވީ އެމްބަސީ ކައިރިއަށް އެއްވުމަކީ ގާނޫނުން އެއްވެސް ވަރަކަށް ހުއްދަކުރާ ކަމެއް ނޫންކަމަށް ފުލުހުން ދެކޭނަމަ އެމްބަސީތައް ކައިރިއަށް އެއްނުވާން ޝަރުތުކޮށް ދޫކޮށްލުމަށް ފުރަތަމަ މުއްދަތު މަޖިލީހުގައި ޝާދިޔާގެ ފަރާތުން އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް ފުލުހުން އަދި މުއްދަތު ޖެހި ގާޒީވެސް ރިއާޔަތްނުކުރެއްވި ކަމަށެވެ.
"[ޝާދިޔާ އެދުނު]، ފުލުހުން މިހާރު ގާނޫނު މާނަކުރައްވާ ގޮތުން އެއީ މަނާކަމެއްކަމަށްވާނަމަ ޝަރުތުކޮށްފައި ދޫކޮށްލަ ދެއްވާށޭ އެމްބަސީތައް ކައިރިއަށް ނުދާ ގޮތަށް. އެގޮތަށް އެދުނީމާވެސް ބަންދުގައި ތިން ދުވަހު ބަހައްޓަން ޝަރީއަތުން ކަނޑައަޅާފައި އޮތީ،" ނޫރު ވިދާޅުވި އެވެ.
"ފުލުހުންގެ ކަންބޮޑުވުމަކީ ބޭރުގެ އެމްބަސީތައް ކައިރިއަށް އެއްވުން ކަމަށްވަންޏާ އެ ކަންބޮޑުވުމަށްވެސް ހައްލު ލިބިފައިވަނިކޮށް، ކަނޑައެޅިގެން އެއްވެސް ޒަރޫރަތެއް ބޭނުންތެރިކަމެއް ނެތި ބަންދަށް ލައި ބަންދު އިތުރުކޮށްފައި އޮތީ،"
އިތުރަށް ނޫރު ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ކުރާ ތުހުމަތަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެގޮތުން ފުލުހުން ބުނި ދުރުމިނެއްގައި ތިބެގެން އިހުތިޖާޖުކުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި ފުލުހުން ކުރަން އުޅުނު ކަމެއް ނުކުރެވި ނެތްކަންވެސް ނޫރު ފާހަގަކުރެއްވި އެވެ.
އަދި ނޫރު ފާހަގަކުރެއްވީ ހަޑިހުތުރު ބަސްތައް ބޭނުންކުރިކަމަށް ފުލުހުން ކުރި ތުހުމަތަށް ބަލާއިރު ޝާދިޔާމެން އެއްވުމުގައި ދެއްކި ވާހަކަތަކާއި މަންޒަރުތައް ސޯޝަލް މީޑިޔާގައި ފެންނަން އެބަހުރި ކަމަށެވެ. އެއިން އެއްވެސް ވާހަކައެއްގައި ހަޑިހުތުރު ވާހަކައެއް ނެތް ކަމަށްވެސް ނޫރު ވިދާޅުވި އެވެ. އަދި މައްސަލައިގެ ތަހުގީގު ނިމިފައިވާއިރު އެތުހުމަތާ ގުޅިގެން ސުވާލެއްކޮށްފައި ނެތް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަޔަކު ހިތުގައި ބިރުވެރިކަން އުފެދުނުކަމަށް ފުލުހުން ބުނި ނަމަވެސް ކޯޓަށް އެމްބަސީއަކުން ނުވަތަ އެމްބަސީއެއްގެ މުވައްޒަފަކު ހުށަހެޅި ޝަކުވާއެއްވެސް ފުލުހުން ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އަދި ފުލުހުންގެ ފަރާތުން ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ޕީޖީ ލަފައެއް ދެއްވާފައިވާކަން ފާހަގަކުރައްވަމުން ނޫރު ވިދާޅުވީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ފަރާތަކާއެކު އެފަދަ އެއްބަސްވުމެއް ހަދާނީ ކިހިނެއްތޯ އެވެ.