ކިރާސާ ފިހާރަތެރޭ މީހަކު މަރާލުން؛ ސިއްރު ހެކިވެރިން ހިމާޔަތްކޮށްދޭން އެދިއްޖެ

ދެމީހުންގެ ބައިގައި ދައުލަތުން އެދިފައި ވަނީ ސިއްރު ހަތް ހެކިން ހިމާޔަތްކޮށްދިނުމަށް އަމުރެއް ނެރެދިނުމަށެވެ.

ހައްމަދު އަހުމަދުދީދީ މަރާލުމުގެ ތުހުމަތު އޮތް ދެމީހުން --

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މާލޭގެ ފިހާރައެއް ތެރޭ ހުއްޓައި ސ. ހިތަދޫ، އިޒުމީރު، މުހައްމަދު އަހުމަދުދީދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ދެމީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ ސިއްރު ހެކިން ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމުގެ އަމުރަކަށް ދައުލަތުން އެދިއްޖެ އެވެ.

މުހައްމަދު މަރާލާފައި ވަނީ މިދިޔަ ފެބްރުއަރީ 24، 2023 ދުވަހުގެ ރޭ 21:30 ހާއިރު، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްރާސާ" ފިހާރަ ތެރޭގައި ހުއްޓާ ދެ މީހަކު އައިސް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދީގެންނެވެ. އޭނާ މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އައިޖީއެމްއެޗްގަ އެވެ.

މި މައްސަލައިގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން އަލީގެ މައްޗަށެވެ. ދެ މީހުން ވެސް ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ބައެވެ. ދެމީހުންގެ ބައިގައި ދައުލަތުން އެދިފައި ވަނީ ސިއްރު ހަތް ހެކިން ހިމާޔަތްކޮށްދިނުމަށް އަމުރެއް ނެރެދިނުމަށެވެ. އެމީހުންގެ ހެކިބަސް ނަގާއިރު، އެއީ ކޮންބައެއްކަން ނޭންގޭނެހެން އަޑު ބަދަލުކޮށްގެން، އަދި އެހެން ތަނެއްގައި އެމީހުންގެ ހެކިބަސް ނަގައިދިނުމަށެވެ.

ސިއްރު ހެކިން ހިމާޔަތްކޮށްދިނުމުގެ އަމުރަކަށް އެދުނު ސަބަބުތަކުގެ ތެރޭގައި ތައުލަތުން ފާހަގަކޮށްފައި ވަނީ، މުހައްމަދު މަރާލާފައި ވަނީ އިންތިޒާމްކޮށްގެން އޭނާއަށް ފާރަވެރިވެގެން ކަމަށެވެ. އެކަމުގެ އަޑީގައި ތިބީ ހެންވޭރު ކޮޅުގައި ހަރަކާތްތެރިވާ ނުރައްކާތެރި ގުރޫޕެއް ކަމަށާއި އެހެންކަމުން ހެކިބަސް ދޭންތިބި މީހުންނަށް ޖިސްމާނީ އަނިޔާއެއް ލިބުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. ތަހުގީގަށް ބަޔާން ދިން އިރު، އެމީހުންގެ ފަރާތުން ވެސް އެއީ ކޮންބައެއްކަން ނޭންގޭނެހެން ބަޔާން ދިނުމަށް އެމީހުން އެދުނުކަން ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުން ބުނެފައި ވަނީ މުހައްމަދު މަރާލާފައި ވަނީ ފައިހް އަދި ޝިރުހާން ނަމަވެސް މީގެ އަޑީގައި އިތުރު ބަޔަކު ތިބި ކަމަށާއި، އެ ކަމުގެ ތަހުގީގު ފުލުހުން ހިންގަމުންދާ ކަމަށެވެ.

ހެކިވެރިން ހިމާޔަތްކޮށްދިނުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާއިރު، ދިފާއުން ވަނީ އެފަދަ އަމުރެއް ނެރެދިނުމަށް އިއުތިރާޒްކޮށްފަ އެވެ. ޝިރުހާންގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވެފައި ވަނީ ހެކިބަސްދޭ މީހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އިޖުރާއަތްތައް ބަޔާންކޮށް ޖިނާއީ އިޖުރާއަތު ގާނޫނުގެ 149 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހާއެކު އެފަދަ އުސޫލެއް އެކުލަވާލަން ފުލުހުންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އުސޫލެއް މިހާތަނަށް އެކުލަވާލާފައި ނުވާތީ، އެފަދަ އަމުރެއް ނެރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ އުސޫލު ނެތުމުން ދައުލަތުން ކަންބޮޑުވުން ފާޅުނުކުރާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް ދައުލަތުން ބުނެފައި ވަނީ އެ އުސޫލު ނެތުމުން ކަންބޮޑުވުން އޮތް ނަމަވެސް، އެއީ ހެކިންނަށް ހިމާޔަތާ ރައްކާތެރިކަން ކޯޓުން ފޯރުކޮށްނުދެވޭނެ އުޒުރެއް ނޫން ކަމަށެވެ. މީގެ ކުރިން ވެސް އެގޮތަށް އަމަލުކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

އިތުރު ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުން އެދިފައި ވަނީ ފައިހްގެ ފަރާތުން ހުށަހަޅާފައިވާ ފަސް ދިފާއީ ހެކި ބަލައި ނުގަތުމަށެވެ. އެ ހެކިތައް ފައިހް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހުން ފެށިގެން މާވް 20 ވަނަ ދުވަހުގެ ނިޔަލަށް ކ. ދިއްފުށީގައި އުޅުނުކަން ސާބިތުކުރުމަށެވެ. ނަމަވެސް ގާނޫނުގައި ބާޔާންކުރާ ކަންކަން ފުރިހަމައަށް ބަޔާންކޮށްފައި ނުވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ޝަރުހާންގެ ފަރާތުން ހުށަހަޅާފައި ވަނީ އެންމެ ދިފާއީ ހެއްކެވެ. ނަމަވެސް އޭނާގެ ފަރާތުން ހުރިހާ ކަންކަން ފުރިހަމަކޮށްފައިވާތީ، އޭނާގެ ދިފާއީ ހެކި ބަލައިނުގަންނަން ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހުށަހެޅުންތަކަށް ގޮތެއް ނިންމުމެވެ. އެކަމަށް އަންނަ މަހުގެ ފަހުކޮޅު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.