ޙޫޘީންނާ ގުޅިފައިވާ އަލްމަސީރާ ޓީވީން ރިޕޯޓުކުރި ގޮތުގައި މި ހަމަލާތަކުގައި ހަތަރު މީހުން މަރުވެފައިވެ އެވެ.
ޔަމަނުގައި ވެރިކަންކުރާ ޙޫޘީންގެ އަމާޒުތަކަކަށް ވައިގެ މަގުން ސިލްސިލާ ހަމަލާތަކެއް ދިންކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި އެވެ. މިއީ ޣައްޒާއަށާއި ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް މެދުއިރުމަތީގައި ފުޅާ ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު އިތުރަށް ބޮޑުވި ކަމެކެވެ.
އިސްރާއިލު އަސްކަރިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުގެ އަސްކަރީ މަތިންދާބޯޓުތަކަކުން ޔަމަނުގެ ރަސް އީސާއާއި ހުދައިދިއާ ބަނދަރުގައި ހުރި ބަނދަރުގެ ވަސީލަތްތަކަކަށް އަދި ހަކަތަ އުފައްދާ ޕްލާންޓުތަކަކަށް ހަމަލާދީފައިވާ ކަމަށެވެ.
ޙޫޘީންނާ ގުޅިފައިވާ އަލްމަސީރާ ޓީވީން ރިޕޯޓުކުރި ގޮތުގައި މި ހަމަލާތަކުގައި ހަތަރު މީހުން މަރުވެފައިވެ އެވެ. އެއީ ދެ އިލެކްޓްރިކް އިންޖިނިއަރުންނާއި ބަނދަރުގައި މަސައްކަަތްކުރާ މުވައްޒަފެއްކަމަށް ސިއްހީ ދާއިރާގެ މަސްއޫލުވެރިންނާ ހަވާލާދީ އެ ޗެނަލުން ރިޕޯޓުކޮށްފައިވެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާއާ ގުޅިގެން ހުދައިދިއާގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އިސްރާއީލުން މި ހަމަލާތައް ޔަމަނަށް ދިނީ ތެލް އަވީވުގެ ބެން ގޫރިއަން އެއާޕޯޓަށް އަމާޒުކޮށް ބެލިސްޓިކް މިސައިލު ހަމަލާއެއް ފޮނުވައިލާފައިވާނެކަމަށް ޙޫޘީން ބުނިތާ އެއް ދުވަސް ފަހުންނެވެ.
އީރާނާ ގުޅިފައިވާ ޖަމާއަތުން އަންނަނީ ތަކުރާރުކޮށް ރޮކެޓާއި މިސައިލު އަދި ޑްރޯނުގެ ޒަރީއާއިން އިސްރާއީލަށާއި ރަތް ކަނޑުގެ ގަލްފް އޮފް އަދަން އަދި ބާބުލް އަލްމަންދިބް ކަނޑުއޮޅިން ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި ބޯޓުތަކަށް ހަމަލާތައް ދެމުންނެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި މި ހަމަލާތަކަކީ ފަލަސްތީނު ރައްޔިތުންނަށް ވާގިވެރިވެވެން އޮތް މިންވަރަކަށް ވާގިވެރިވުމަށް ދޭ ހަމަލާތަކެކެވެ.
"ފާއިތުވި އަހަރެއްހައި ދުވަހު ޙޫޘީންދަނީ އީރާނުގެ އެންގުމަށް އަދި އެގައުމުން ފައިސާ ދީގެން އިރާގުގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅިގެން އިސްރާއީލަށް ހަމަލާދީ ސަރަހައްދީ ހަމަޖެހުން ނަގައިލާ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ހުރަސްއަޅަމުން،" އިސްރާއީލު އަސްކަަރިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ހަމަލާއާ ގުޅިގެން ޙޫޘީ ޖަމާއަތުގެ އެންމެ މަތީ ސިޔާސީ މަޖިލީހުން ބުނެފައިވަނީ އިސްރާއީލުން ހަމަލާތަކެއް ދިން ނަމަވެސް ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތްތައް ނުހުއްޓޭނެ ކަމަށެވެ.