މިއަދުގެ އަޑުއެހުމުގައި ގާޒީ އިބްރާހިމް އިހުސާން ވަނީ ހިރަންޏާގެ ފަރާތުން ދައުވާއަށް އިންކާރު ކޮށްފައިވާތީ ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. ނަމަވެސް ދިފާއީ ހެއްކެއް ނެތް ކަމަށް އޭނާގެ ވަކީލް ޝަޒީމް ވަނީ ވިދާޅުވެފަ އެވެ.
އދ. ދިގުރަށުގައި މިދިޔަ ޑިސެމްބަރު މަހު ވިހެއުމަށް ފަހު ކޮތަޅަކަށްލާ ތުއްތު ކުއްޖަކު އެއްލާލި މައްސަލައިގައި ދައުވާކޮށްފައިވާ އެކުއްޖާގެ މަންމަ ދައުވާތަކަށް އިންކާރު ކޮށްފި އެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ސްރީލަންކާ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. އޭނާ ހައްޔަރު ކުރީ އެކަން ކުރުމަށް ފަހު ފިލައިގެން ލަންކާއަށް ފުރާން ވީއައިއޭ ގައި ހުއްޓައެވެ. އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މި މައްސަލައިގައި ހިރަންޏާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތަކަށްވެ ހުރެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތަކަށް ހިރަންޏާ އިންކާރު ކޮށްފައިވާކަން އެނގުނީ މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. ކުށަށް އިންކާރު ކުރީ މީގެ ކުރިން އޮތް އަޑުއެހުމުގަ އެވެ. އެ އަޑުއެހުމުގެ އިތުރު ތަފްސީލުތަކެއް ނެތެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ އިބްރާހިމް އިހުސާން ވަނީ ހިރަންޏާގެ ފަރާތުން ދައުވާއަށް އިންކާރު ކޮށްފައިވާތީ ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. ނަމަވެސް ދިފާއީ ހެއްކެއް ނެތް ކަމަށް އޭނާގެ ވަކީލް ޝަޒީމް ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ ފަރާތުން ހިރަންޏާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ އަޑުއެހުމެއް ކަމަށް ވެސް ގާޒީ ވަނީ ނިންމަވާފަ އެވެ. އަދި ދެ ފަރާތަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅަން ވެސް ފުރުސަތު ދެއްވި އެވެ.
ނަމަވެސް ހިރަންޏާގެ ފަރާތުން ދިފާއީ ހެކި ހުށަނާޅާތީ، ހުށަހެޅުމެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. ދިފާއުން ހުށަހެޅުން ހުށަހަޅަން ބޭނުންވާތީ، އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ހުށަހަޅުންތައް ހުށަހަޅަން ގާޒީ ވަނީ ފުރުސަތު ދީގަ އެވެ.
މި އަޑުއެހުމުގައި ހިރަންޏާ ވަނީ ޝަރީއަތް އަވަސް ކޮށްދިނުމަށް އެދިފަ އެވެ. މި މައްސަލައިގެ ޝަރީއަތް އަވަސްކުރުމުގެ ގޮތުން، ދެފަރާތުން އެއްބަސްވާ ހެކިންގެ ހެކިބަސް ނުނަގާ ދޫކޮށްލުމަށް ގާޒީ ވަނީ އިރުޝާދު ދެއްވާފަ އެވެ. އަދިވެސް ހިރަންޏާގެ ފަރާތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ބޭނުންވާނަމަ، އެ ދޮރު ހުޅުވިފައިވާކަމަށް ވެސް ގާޒީ ވަނީ ދައުލަތުގެ ލަފަޔާ އެކީ ވިދާޅުވެފަ އެވެ.
އެ ރަށު ފަރީދީ މަގަށްވާ ގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު ވަނީ އެއްލާލާފަ އެވެ. އޭގެ ފަހުން ދެން ހިރަންޏާ މަސައްކަތް ކުރީ އަވަހަށް ފުރައިގެން މާލެ އަންނާށެވެ. މާލެ އައިސް މާލޭގައި ވަގުތުކޮޅަކު މަޑުކުރުމަށް ފަހު ފުރައިގެން ހުޅުލެއަށް ދިޔަ އެވެ. ހުޅުލެއަށް ފުރަން ގޮސް ޗެކިން ވެސް ވި އެވެ. ފުލުހުން އޭނާ ހިފެހެއްޓީ އެހާ ހިސާބުންނެވެ. އަދި ކޯޓް އަމުރެއް ހޯދައިގެން ވަނީ ހައްޔަރުކޮށްފަ އެވެ.