އެގޮތަށް އޮޅުވާލައިގެން ޓްރާންސްފާ ސްލިޕުތައް ފޮނުވާ ފަރާތްތަކުން ވަކި އެޕެއް އެ ސްލިޕުތައް އުފެއްދުމަށް ބޭނުންކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ވިޔަފާރިކުރުމަށްފަހު ފައިސާ ދެއްކުމުގެ ބަދަލުގައި ސައްހަ ނޫން ޓްރާންސްފާ ސްލިޕު ފޮނުވައިގެން ވިޔަފާރިކުރާ މައްސަލަ އިތުރުވާތީ ސަމާލުވުމަށް ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.
އޮންލައިންކޮށް ހިދުމަތްތަކަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް އާންމުވެފައިވާ މިދުވަސްވަރު ފިހާރަތަކާއި ރެސްޓޯރެންޓުތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި ސައްހަ ނޫން ޓްރާންސްފާ ސްލިޕުތައް ފޮނުވާ މައްސަލަ އިތުރުވެފައިވާކަން ފުލުހުންނަށް ފާހަގަވަމުންދާކަމަށް އެ ހިދުމަތުން ބުނެފައިވެ އެވެ.
އެގޮތަށް އޮޅުވާލައިގެން ޓްރާންސްފާ ސްލިޕުތައް ފޮނުވާ ފަރާތްތަކުން ވަކި އެޕެއް އެ ސްލިޕުތައް އުފެއްދުމަށް ބޭނުންކުރަމުންދާ ކަމަށާއި، އެންމެ ގިނައިން އެފަދަ ސްލިޕުތައް ފޮނުވަނީ ފިހާރަތަކާއި ރެސްޓޯރެންޓުތަކަށްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ބުންޏެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި އެފަދަ އޮޅުވައިލުމެއްގެ ޝިކާރައަކަށްވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށާއި އޮންލައިންކޮށް ކުރާ ވިޔަފާރީގައިވެސް އިހުނަށްވުރެ ސަމާލުވުމަށް ފުލުހުންގެ ހިދުމތުން އެދިފައިވެ އެވެ.