މިއީ މިފްކޯއަށް ސީއީއޯއަކު ހޯދަން ކުރާ ދެވަނަ އިއުލާނެވެ. ފުރަތަމަ އިއުލާނު ބާތިލުކޮށްފައި ވަނީ ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހަކު ނެތުމުންނެވެ.
މިފްކޯއަށް ޗީފް އެކްޒެކެޓިވް އޮފިސަރެއް ހޯދަން އަނެއްކާ ވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އިއުލާނުކޮށްފި އެވެ.
މިއީ މިފްކޯއަށް ސީއީއޯއަކު ހޯދަން ކުރާ ދެވަނަ އިއުލާނެވެ. ފުރަތަމަ އިއުލާނު ބާތިލުކޮށްފައި ވަނީ ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހަކު ނެތުމުންނެވެ.
ޕީސީބީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ހުނަރުވެރި އަދި މަސައްކަތަށް އިސްކަންދޭ މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނެވިކަމަށާއި އީޖާދީ އުފެއްދުންތެރިކަމަށް ޝައުގުވެރިކަން ހުރި މީހުންނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ކަމަށް ޕީސީބީން އިއުލާނުކުރީ، ވިޔަފާރި ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ނުވަތަ މާސްޓާސް ޑިގުރީއެއް ނުވަތަ އެއާ އެއްވަރުގެ އެހެން ސަނަދެއް އޮތުމެވެ.
އަދި ސަނަދުގެ އިތުރަށް މަސް ޕްރޮސެސްކުރުމާއި ބޭރުކުރުމާއި މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމާ ގުޅުންހުރި ދާއިރާއެއްގައި މެނޭޖުމެންޓު ފެންވަރުގައި މަދުވެގެން އަށް އަހަރުގެ ތަޖުރިބާ ލިފައިވުމަކީވެސް ޝަރުތެއްކަމަށް ކަނޑައަޅާފައިވެ އެވެ.
ނުވަތަ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައިނަލްއަުވާމީ ބޮޑު ނުވަތަ މެދުފަންތީގެ ކުންފުންޏެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައި އޮތްނަމަ އެ މަގާމަށް ޝަރުތު ހަމަވާނެކަމަށް ޕީސީބީން އިއުލާނުކޮށްފައިވެ އެވެ.
އަދި އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ސާފިކޮށްދޭންޖެހޭ ކަންކަމުގެ ތެރޭގައި ހިންގުމުގެ އެފިޝިއަންސީ އިތުރުކުރުމާއި، މަސްވެރިކަމުގެ ނުވަތަ ސީފުޑުގެ ސިނާއަތުގައި ހިފަހައްޓަންޖެހޭ އެމްމެ މަތީ ފެންވަރު ހިފަހައްޓައިގެން ވިޔަފާރިއެއް ހިންގުމުގެ މާޒީއެއް އޮތްކަން ހިމެނެ އެވެ.
އަދި އެކްސްޕޯޓާ ގުޅޭ ގަވާއިދުތަކާއި، އެކި ގައުމުތަކުން ކޮލިޓީ ހިފަހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ފަދަ ސީފުޑުގެ ބައިނަލްއަގުވާމީ ބާޒާރުގެ މުހިއްމު މައުލޫމާތުތައް ރަނގަޅަށް އެނގޭކަން ސާބިތުކޮށްދޭންޖެހެ އެވެ.
އަންނަ މަހުގެ އަށްވަނަ ދުވަހުގެ 2:00 ގެ ކުރިން އެ މަގާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޕީސީބީގެ ބަޔާނުގައިވެ އެވެ.
ދައުލަތުގެ ކުންފުނިތަކުގެ ސީއީއޯން ހޯދުމަށް ޕީސީބީން ކުރިން އިއުލާނު ނުކުރެ އެވެ. އެ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ސަރުކާރުން ޕީސީބީއަށް ނަން ފޮނުވުމުންނެވެ. "މިރާ"އަށް އެނގިފައިވާ ގޮތުގައި އިއުލާނުކޮށްގެން މިފްކޯއަށް ސީއީއޯއެއް ހޯދުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެގޮތަށް ނިންމެވީ މިފްކޯގެ މަސައްކަތުގެ ދާއިރާއިން އެންމެ ގާބިލު ބޭފުޅަކު އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ހަމަޖެއްސެވުމުގެ ބޭނުމުގަ އެވެ.