އުމުރުފުޅުން 30ގެ އަހަރުތަކުގައި 1992 ވަނަ އަހަރު ހިޒްބުﷲގެ ލީޑަރުކަމަށް ވަޑައިގެންނެވި ނަސްރުﷲއަކީ އެ ޖަމާއަތުގެ ތާރީހުގެ ބޮޑު ބައެއްގައި އެ ޖަމާއަތް ކުރިއަށްގެންދެވި ލީޑަރެވެ. އޭނާ ނެތުމުގެ ހުސްކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ހިޒްބުﷲގެ އަމީން އާންމުގެ މަގާމުގައި ހުންނެވި ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުން އެ ހަރަކާތުގައި ހުސްކަމެއްވަނީ އުފެދިފަ އެވެ. ނަސްރުﷲ އަވަހާރަކޮށްލުމުގެ ކުރިން ހިޒްބުﷲގެ ގިނަ ލީޑަރުންތަކެއް އިސްރާއީލުން މަރާލާފައިވުމަކީ އެ ހުސްކަން އިތުރަށް ފުޅާވާނެ ސަބަބެކެވެ.
ނަސްރުﷲ އަވަހާރަކޮށްލުމަކީ ހަމައެކަނި ހިޒްބުﷲގެ ލީޑަރު އަވަހާރަކޮށްލުމެއް ނޫނެވެ. އެއީ ލުބުނާނުގެ ޝިއީ ހަރަކާތުގެ ލީޑާޝިޕު ނެތިކޮށްލުމެވެ. އަދި އިސްރާއީލާ އެންމެ ކައިރިން ފެންނަން ހުންނެވި އީރާނުގެ އެންމެ ބޮޑު މަދަދުވެރިޔާ ނެތިކޮށްލުމެވެ.
އުމުރުފުޅުން 30ގެ އަހަރުތަކުގައި 1992 ވަނަ އަހަރު ހިޒްބުﷲގެ ލީޑަރުކަމަށް ވަޑައިގެންނެވި ނަސްރުﷲއަކީ އެ ޖަމާއަތުގެ ތާރީހުގެ ބޮޑު ބައެއްގައި އެ ޖަމާއަތް ކުރިއަށްގެންދެވި ލީޑަރެވެ. ދެކުނު ލުބުނާނުން އިސްރާއީލު ފައްސައި ބަލިކުރުމުގައި ނަސްރުﷲގެ ދައުރު ބޮޑެވެ. އެހެންކަމުން އޭނާއާ އެއްގޮތް އިތުރު ލީޑަރެއް ހޯދުން ހިޒްބުﷲއަށްވާނީ ބޮޑު ގޮންޖެހުމަކަށެވެ.
އިސްރާއީލުން ހިޒްބުﷲއަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރަމުންދާ، އަދި އެއްގަމު މަގުން ލުބުނާނަށް އަރަައިގަންނާނެކަމަށް އިޝާރާތްކުރަމުންދާ މި ދަނޑިވަޅު ހިޒްބުﷲގެ އެންމެ އިސް ލީޑަރުކަމަށް ފައި ނަންގަވަނީ ދެ ބޭފުޅެއްކަމަށް މީޑިޔާގެ ރިޕޯޓުތައް ބުނެ އެވެ. އެއީ ހާޝިމް ޞަފްޔުއްދީނާއި ނައީ ޤާސިމެވެ.
ހިޒްބުﷲގެ ހިންގާ މަޖިލީހުގެ ރައީސްކަން ކުރައްވާ ޞަފްޔުއްދީނަކީ ނަސްރުﷲއާ ދެބެއިންގެދެދަރި ބޭފުޅެކެވެ. އޭނާއަކީ މިވަގުތު ހިޒްބުﷲގެ ލީޑަރަކަށް ވެވަޑައިގަތުމުގެ ފުރުސަތު އެންމެ ބޮޑު ބޭފުޅާކަމަށް ގިނަ ބަޔަކު ދެކެ އެވެ.
1964 ވަނަ އަހަރު ދެކުނު ލުބުނާނުގެ ދެއިރު ޤަނޫނުއް ނަހްރަށް އުފަންވެވަޑައިގެންނެވި ޞަފްޔުއްދީން ކިޔަވައިވިދާޅުވީ ނަސްރުﷲއާއެކު އިރާގުގެ ނަޖަފާއި އީރާނުގެ ގުމްއިންނެވެ. އެ ދެ ބޭފުޅުން ހިޒްބުﷲއާ ގުޅިވަޑައިގަތީ އެ ޖަމާއަތް އުފެދުނުތާ ވަރަށް ކުރީ ކޮޅު އެކީގަ އެވެ.
ޞަފްޔުއްދީންގެ އާއިލާއަކީ ދީނީ އިލްމުވެރިންނާއި ލުބުނާނުގެ ގާނޫނު ހަދާ މަިލީހުގެ މެންބަރުން އުފައްދާފައިވާ ގަދަރުވެރި ޝިއީ އާއިލާއެކެވެ. އޭނާގެ އަޚް އަބްދުﷲއަކީ އީރާނަށް ހިޒްބުﷲއިން ކަނޑައަޅާފައި ހުންނަވާ މަންދޫބެވެ. ޞަފްޔުއްދީނާއި އީރާނުގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އޭނާގެ ދަރިފުޅު ރިޒާ ކާވެނިބައްލަވައިގެން އުޅުއްވަނީ އެމެރިކާއިން 2020 ވަނަ އަހަރު ދިން ޑްރޯނު ހަމަލާއެއްގައި އަވަހާރަކޮށްލި އީރާނުގެ ޖެނެރަލް ގާސިމް ސުލައިމާނީގެ އަންހެން ބޭކަނބަލަކާ އެވެ.
އުމުރުފުޅުން 71 އަހަރުގެ ނައީމަކީ ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބެވެ. އޭނާއަކީ ގިނަ ބަަޔަކު ގަބޫލުކުރާ ގޮތުގައި އެ ޖަމާއަތުގެ ދެވަނަ ލީޑަރެވެ.
އިސްރާއީލުން ފާއިތުވި އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތައް އަމާޒުވި ދެކުނު ލުބުނާނުގެ ނަބާތިއާއޭ ކިޔާ އަވަށަށް އުފަންވެވަޑައިގެންނެވި ގާސިމަކީ ޝިއީ ސިޔާސީ ހަރަކާތުގެ ދިގު ތާރީހެއް އޮތް ބޭފުޅެކެވެ.
ޝިއީ އިމާމެއްކަމަށްވާ މޫސާ އައްސަދްރުގެ ހަރަކާތުގައި 1970 ގެ އަހަރުތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު ގާސިމް ފަހުން ފެނުނީ ހަރަކާތު އަމަލްގެ ހަރަކާތްތެރިއެއްގެ ގޮތުގަ އެވެ. އެއަށްފަހު އެ ހަރަކާތުން ވަކިވެވަޑައިގެން 1980 ގެ އަހަރުތަކުގައި ހިޒްބުﷲ އުފެއްދެވުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރެއްވި އެވެ.
ގާސިމްގެ އުސްތާޒުންގެ ތެރޭގައި ގިނަ ބައެއްގެ އިހުތިރާމު ހޯއްދަވާފައިވާ ޝިއީ އިލްމުވެރިޔާ އާޔަތުﷲ މުހައްމަދު ހުސައިން ފަޟްލުﷲ ހިމެނިވަޑައިގަންނަވަ އެވެ. ގާސިމަކީ ބެއިރޫތުގައި ދީން ކިޔަވައިދެއްވާ އިލްމުވެރިއެއްވެސްމެ އެވެ.
އެ ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބުގެ މަގާމަށް އޭނާ އިންތިހާބުވެވަޑައިގަތީ 1991 ވަނަ އަހަރު އެއިރުގެ ސެކްރެޓަރީ ޖެނެރަލް އައްބާސް އަލްމޫސަވީގެ ދަށުންނެވެ. އިސްރާއީލުން އައްބާސްވެސް އަވަހާރަކޮށްލީ އެވެ.
ހިޒްބުﷲގެ ތާރީހުގައި އާންމުންނާ މުހާތަބުކުރެއްވުމުގައި ގާސިމަކީ މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާވަނީ 2005 ވަނަ އަހަރު އެ ޖަމާއަތުގެ ތާރީހާ ގުޅޭ ފޮތެއް ލިޔުއްވައި ޝާއިއުކުރައްވާފަ އެވެ.