ޒަމީރު ވިދާޅުވީ ރައީސް އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު އުފެއްދުންތެރި ދަތުރުފުޅެއް ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމަކީ ރާއްޖެއަށް ކާމިޔާބު ބައްދަލުވުމެއް ކަމުގައި ހާރިޖީވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިފަދައން ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ޒަމީރު ވިދާޅުވީ ރައީސް އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު އުފެއްދުންތެރި ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ރާއްޖޭގެ އަޑު ދުނިޔޭގެ ސްޓޭޖަށް ގެނެސްދެވިފައިވާ ކަމަށެވެ.
އދގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ވާހަކައަކީ ކާމިޔާބު ވާހަކައެއް ކަމަށް ވިދާޅުވެ ޒަމީރު ފާހގަަކުރެއްވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބައިނަލްއަގުވާމީ މަސްރަހުގައި އިހުތިރާމު ލިބިގެންވާ ގައުމެއްކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
އަދި މި ދަތުރުފުޅުގައި ރާއްޖެއަކީ ބައިނަލްއަގުވާމީ މަސްރަހުގައި މިހާރު ބަހުސްކުރެވި ވާހަކަދެކެވެމުންދާ މުހިއްމު ކަންކަމުގައި ހައިސިއްޔަތެއް ރާއްޖެއަށް އޮތްކަމާއި ރާއްޖެއަކީ ވިލުންތެރި ގައުމެއްކަން ސަބިތުކޮށްދެވިފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ އިތުރަށް އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އެކި މައުޟޫތަކަށް ތަގުރީރުކުރައްވާފައިވެ އެވެ.
އެގޮތުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ބޭއްވި ބައެއް ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ހަރަކާތްތަކުގައި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އަޑުއުފުއްލެވި އެވެ.
އޭގެ އިތުރަށް އދގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ ސަލާމަތީ މަޖިލީހުގައި އޮތް ހުޅުވާލެވިފައިވާ ބަހުސެއްގައި ބައިވެރިވެވަޑައިގެން ސަލާމަތީ މަޖިލީހުގެ މެންބަރު ދައުލަތްތަކާ މުހާތަބުކުރައްވައި އެމަނިކުފާނުވަނީ ވާހަކަފުޅުދައްކަވާފަ އެވެ. މިއީ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
އަދި އެމެރިކާގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީކަމަށްވާ ޕްރިސްޓަން ޔުނިވަސިޓީއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި ރައީސްވަނީ ތަގުރީރުކުރައްވާފަ އެވެ. އަދި ނިއުޔޯކުގައި ހުންނަ ގޫގްލްގެ އޮފީހަކަށް ޒިޔާރަތްކުރައްވައި ގޫގްލްއާއެކު މަޝްވަރާތަކެއް ކުރިއަށްގެންދަވާފައިވެ އެވެ.
ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މިއަދު ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ރާއްޖެއަށް ވަޑައިގެންނެވޭނެ ކަމަށް ބެލެވެނީ މާދަމާ އެވެ. މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހީމް ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ރައީސްގެ އަރިހުގައި އދ.އަށް ވަޑައިގެންފައިވެ އެވެ.