ހީނާ ވިދާޅުވީ ރާއްޖޭގެ ވަފްދު ހޯލުން ނިކުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ހައްގުގައި ކުރައްވާ މަސައްކަތްޕުޅަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ހުޅަނގުން އުފައްދާފައި އޮތް ގައިރު ގާނޫނީ ދައުލަތް -- އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރަން ފެށުމުން ހޯލު ދޫކޮށް ރާއްޖޭގެ ވަފުދުން ނިކުމެއްޖެ އެވެ.
ފަލަސްތީނުގެ ހަގީގީ ވަޒަންވެރީންނާއި ދެކޮޅަށް، އެ ބިމުގައި އެއްވެސް ހައްގެއް ނެތް އިޒްރޭލުގެ ދައުލަތުން ގެންދަނީ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ. އެކަމާއި މުޅި ދުނިޔެހެން ދެކޮޅެވެ. ނަމަވެސް ހުޅަނގުގެ ވެރީންގެ ދެފުށް ދެގޮތް ޔަހޫދީ ސިޔާސަތުތަކުން އިޒްރޭލަށް މަދަދުދީ އެ މީހުންގެ ވެރީން ގެންދަނީ ފަލަސްތީނާ ދެކޮޅު ޖަރީމާތައް ހުއްޓުމެއް ނެތި ހިންގަމުންނެވެ.
މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ގައުމުތަކުގެ ވެރީން ގެންދަވަނީ ތަގުރީރު ކުރައްވަމުންނެވެ. އިޒްރޭލްގެ ހަރުކަށި / އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ މި ޖަލްސާގައި ވާހަކަ ދައްކާފަ އެވެ. ނަމަވެސް ތަގުރީރު ދޭން އޭނާ، އާންމު މަޖިލީހުގެ ޕޯޑިއަމްގެ ކައިރިއަށް އައުމުން ވަރަށް ގިނަ ގައުމުތަކުގެ މަންދޫބުން ވަނީ ހޯލު ދޫކުރައްވާ ވަޑައިގެންފަ އެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ވަފުދުވެސް ހިމެނެ އެވެ.
އެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގެ ވަފްދު ހޯލުން ނިކުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާމެދު ގެންގުޅުއްވާ ހާއްސަ ކަމާއި ފަލަސްތީނުގެ ހައްގު ގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަސައްކަތް ތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައި ކަން ވެސް ހީނާ ފާހަގަ ކުރެއްވި އެވެ.
އަދި އދގެ އާންމު މަޖިލީހު ގައި ތަގްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތް ކުރުމަށާއި އެ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ. ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި، އދ ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި އެވެ.
އދގެ އާންމު މަޖިލީހުގެ ތަގުރީރު ކުރަން ނަތަންޔާހޫ އައުމުން އެވަގުތު ހޯލުތެރެ ވަރަށް ބޮޑަށް ހަލަބޮލިވި އެވެ. ލީޑަރުންގެ ތަގުރީރުތަކަށް ގައުމުތަކުގެ ވަފުދުތަކުން ވަރަށް ބޮޑަށް އިހްތިރާމްކޮށް މަޑުމައިތިރިކަމާ އެކު ތިއްބެވި ނަމަވެސް ނަތަންޔާހޫ ފެނުމާއެކު ހޯލުތެރޭގައި އަޑުގަދަވެ ނުރުހުމުގެ ބަސްތަކުގެ އަޑު ގުގުމާލި އެވެ. އެއާއެކު ރިޔާސަތުން ވަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާފަ އެވެ. ވަރަށް ގިނަ ގައުމުތަކުގެ ވަފުދުތަކުން ވަނީ ވަގުތުން ހޯލު ދޫކުރައްވާ ވަޑައިގެންފަ އެވެ. އެހެން ކަމުން ނަތަންޔާހޫގެ ތަގުރީރު އިއްވަން ޖެހުނީ މަދު ބައެއްގެ ހާޒިރުގަ އެވެ.