ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރަމުން އައި ދައުލަތުގެ ހަރަދުބަރަދާއި އާމްދަނީގެ ހިސާބުތައް އެ މިނިސްޓްރީން އާންމުނުކުރާތާ ތިން މަސްވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ކޮންމެ ހަފުތާއަކު އެއްފަހަރު އަދި ކޮންމެ މަހަކު އެއްފަހަރު ދައުލަތަށް ލިބުނު އާމްދަނީއާއި ކުރި ހޭދައިގެ ތަފުސީލުތައް އައީ އާންމުކުރަމުންނެވެ. އެ ހިސާބުތައް އާންމުކުރުމުން ދައުލަތުގެ ބަޖެޓު ޑެފިސިޓަށް އަންނަމުންދާ ބަދަލުތަކާއި، ހަރަދުތަކުގެ ޕެޓާން ދެނެގަތުމަށް ފަސޭހަވެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކޮންމެ މަހަކުވެސް އަންނަނީ އެ މަަހެއްގައި އެ އިދާރާއަށް ލިބެމުންދާ އާމްދަނީގެ ތަފުސީލުތައް އާންމު ކުރަމުންނެވެ. ޓެކުހާއި ޓެކުސް ނޫން ގޮތްގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ބޮޑު ބައެއްގެ ތަފުސީލުތައް އެ ރިޕޯޓުގައި ހިމެނޭނެ އެވެ.
ނަމަސްވެސް ދައުލަތުގެ ހަރަދުތަކުގެ ތަފުސީލުތައް އާންމުކުރާ ދެ އިދާރާއަކީ ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެވެ. އެމްއެމްއޭއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ތަފާސްހިސާބުތަކުގެ ތެރޭގައި ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފުސީލުތައް ހިމެނެ އެވެ.
ނަމަަވެސް އެމްއެމްއޭއިން އެންމެ ފަހުން ނެރުނު ރިޕޯޓުތަކުގައި އެ ތަފުސީލުތައް ހިމަނާފައިވަނީ މާޗު މަހުގެ ނިޔަލަށެވެ. އެމްއެމްއޭއިން އެ ހިސާބުތައް ހޯދަނީ މިނިސްޓްރީ އޮފް ފިނޭންސްއިންނެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން މަހަކު އެއްފަހަރު ނެރޭ ހަރަދުބަރަދާއި އާމްދަނީގެ ރިޕޯޓު އެންމެ ފަހުން އާންމުކުރީ މާޗު މަހުގަ އެވެ. އޭގެ ފަހުން މަހުން މަހަށް ނެރެމުން އައި ރިޕޯޓު ނެރެފައިނުވެ އެވެ. ނަމަވެސް ހަފުތާއަކު އެއްފަހަރު ނެރެމުންދިޔަ ރިޕޯޓު ފާއިތުވި ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ނެރުނެވެ.
ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ނެރުނު ރިޕޯޓަށްފަހު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވަނީ ހިސާބުތައް އެއްކޮށް އޭގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާތީ ހަފުތާއަކު އެއްފަހަރު ނެރޭ ފިސްކަލް ހިސާބުތަކުގެ ރިޕޯޓު ދެން ނެރޭނީ ޖުލައި މަހުގެ ފަހު ހަފުތާގައި ކަމަށެވެ.
ނަމަވެސް ޖުލައި މަހުގައި އަދި އޯގަސްޓު މަހާއި ހިނގަމުންދާ ސެޕްޓެންބަރު މަހުގައިވެސް އެ ރިޕޯޓު ނެރެފައިނުވެ އެވެ. މާލީ ހިސާބުތައް އާންމުނުކުރާތީ ބައެއް ސިޔާސީ ޕާޓީތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.