އޯގަސްޓު 24 އިން ފެށިގެން ސެޕްޓެންބަރު 25 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ނުދެއްކި ހުރި 17.3 މިލިއަން ރުފިޔާ އެއްފަހަރާ މަސްވެރިންނަށް ދޫކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.
މިފްކޯއަށް މަސްކިރުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން އޯގަސްޓު މަހުގެ 24 ވަނަ ދުވަހުން ފެށިގެން 25 ސެޕްޓެންބަރާ ދެމެދު ދޫނުކުރެވި ހުރި 17.3 މިލިއަން ރުފިޔާ އެއްފަހަރާ އޮޑިވެރިންނަށް ދޫކުރެވޭތޯ ސަރުކާރުން މަސައްކަތްކުރަން ފަށައިފި އެވެ.
"މިރާ"އަށް އިތުބާރުުހުރި މަސްދަރުތަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި މިފްކޯއިން މިހާރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދެވި ހުރީ 17،359،903 (ސަތާރަ މިލއިަން ތިންލައްކަ ފަންސާސްނުވަހާސް ނުވަސަތޭކަ ތިން) ރުފިޔާ އެވެ. އެ ފައިސާ ދެއްކޭނެ ގޮތަކާމެދު މިފްކޯއާއި ސަރުކާރާ ދެމެދު މަޝްވަރާތައް ކުރެވެމުންދާކަމަށް އެ ކުންފުނިން އިއްޔެ ބުނެފައިވެ އެވެ.
ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުން ޝަރުތުކުރައްވައި "މިރާ" އަށް މައުލޫމާތު ދެއްވި ގޮތުގައި އެ ފައިސާ ވީހާވެސް އަވަހަކަށް ދެވޭނެ ގޮތްތައް އިންތިޒާމުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އަދި މިނިސްޓްރީން މަސައްކަތްކުރަނީ އެ ފައިސާ އެކުއެކީ ދައްކައި ހަލާސްކުރެވޭނެ ގޮތް ހެދުމަށެވެ.
އެގޮތުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހުރިހާ ފައިސާއެއް އޮޑިވެރިންނަށް މިފްކޯ މެދުވެރިކޮށް ދޫކުރެވޭތޯ ފިނޭންސް މިނިސްޓްރީން މަސައްކަތްކުރަމުންދާކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ. އެގޮތުން އެންމެ ފަހުން މި މަހުގެ ނުވަވަނަ ދުވަހު ހަތް މިލިއަން ރުފިޔާ އެ ކުންފުނިން އޮޑިވެރިންނަށްވަނީ ދޫކޮށްފަ އެވެ.
މިފްކޯއަށް ކުރިމަތިވެފައިވާ ކޭޝް ފްލޯގެ މައްސަލަތަކާއި ދައުލަތުގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގައި ލަސްތަކެއްވި ނަމަވެސް މަސްވެރިންނަށް ފައިސާ ދޫކުރާ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ސަރުކާރު ބަދަލުވިއިރު މަސްވެރިންނަށް ދައްކަންޖެހިފައި ހުރި 200 މިލިއަނެއްހައި ރުފިޔާ ނުދައްކައި ހުއްޓެވެ. އެއިރު މަސްވެރިން އަތުން މަސް ގަންނަމުންއައީ ކިލޯއެއް 25 ރުފިޔާގެ ރޭޓުން ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށްވުރެ އެތައް ގުނައެއް ބޮޑު ކޮށެވެ.
މި ސަރުކާރުންވަނީ މަސް ކިރުވާ އަގަކީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބަލައިގެން މިފްކޯއަށް ގެއްލުންނުވާ ގޮތަށް ކަނޑައަޅާ އަގެއްކަމަށް ހަމަޖެއްސުމަށް އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ.