ޕީއެސްއެމްގެ ހިޔާނާތް | ނުވަ މިލިއަން ގެއްލުން، މިލިއަނެއް ފައިނޭންސް ޑައިރެކްޓާގެ ދަރިފުޅު އެކައުންޓަށް

ޕީއެސްއެމްގެ ފައިސާގެ ތެރެއިން 9 މިލިއަން ރުފިޔާ ގެއްލިފައިވާއިރު އެކަމުގައި ތުހުމަތުވަނީ އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަށެވެ.

ޕީއެސްއެމްގެ ނަމުގައި ބޮޑު ސްކޭމެއް ވަނީ ހިންގާފަ؛ މި ފައިސާތައް ހޯދީ ގުޅައިގެން އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ހޯދައިގެން -- މިހާރު ނޫސް

ދައުލަތުގެ މީޑިޔާ ޕަބްލިސް ސާވިސް މީޑިޔާ (ޕީއެސްއެމް)އަށް ޑޮލަރު ގަތުމުގެ ނަމުގައި ހިންގި ހިޔާނާތުގެ ތެރެއިން ޖުމްލަ ނުވަ މިލިއަން ރުފިޔާ ގެއްލިފައިވާއިރު އެއިން މިލިއަނަކަަށްވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ ފައިނޭންސް ޑައިރެކްޓާގެ ދަރިފުޅުގެ ނަންމަތީ ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. 

ޕީއެސްއެމްއަށް ޑޮލަރު ގަތުމަށް ނެގި ފައިސާއާއި ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއާ ގުޅޭ ހާއްސަ އޮޑިޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދިޔައީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޒީނާ ޒާހިރު މަގާމުގައި ހުންނަވަނިކޮށް މި ހިޔާނާތުގެ މައްސަލަ އޭނާގެ ސަމާލުކަމަށް އައުމުން އޮޑިޓުކުރުމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. 

އެ އޮޑިޓު ނިންމަައި އޮޑިޓު ރިޕޯޓު އޮޑިޓު އޮފީހުން އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުންޏަށް ޑޮލަރު ގަތުމަށް ކަމުގައި ބުނެ ނެގި ފައިސާގެ ތެރެއިން ބޮޑު އަދަދެއް އަދި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން ބޮޑު އަދަދެއް ގެއްލިފައިވާ ކަމަށެވެ.

  •  2020 ވަނަ އަހަރުން ފެށިގެން ޑޮލަރު ގަތުމުގެ ނަމުގައި ނެގި ފައިސގެ ތެރެއިން 4،583،701 (ހަތަރު މިލިއަން ފަސް ލައްކަ އަށްޑިހަ ތިންހާސް ހަތްސަތޭކަ އެއް) ރުފިޔާ ގެއްލިފައިވޭ
  •  2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ބަލައިގަތް 4،260،295 (ހަތަރު މިލިއަން ދެލައްކަ ފަސްދޮޅަސްހާސް ދުއިސައްތަ ނުވަދިހަ ފަސް) ރުފިޔާ ގެއްލިފައިވޭ

ޑޮލަރު ގަތުމަށް ކަމުގައި ބުނެ ޕީއެސްއެމް އެކައުންޓުން 5.79 މިލިއަން ރުފިޔާ ނަގާފައިވެ އެވެ. އެއީ 373،988 ޑޮލަރު ގަތުމަށް ކަމުގައި ބުނެ ނެގި ފައިސާ އެވެ. ކުންފުންޏަށް ލިބުނީ އެންމެ 76،731 ޑޮލަރެވެ. އެއީ 1.2 މިލިއަން ރުފިޔާއަށްވާ ޑޮލަރެވެ. ބާކީ 4.5 މިލިއަން ރުފިޔާއަށްވާ 297،257 ޑޮލަރު އެ ކުންފުންޏަށް ލިބިފައިނުވެ އެވެ. 

މި ފައިސާގެ ތެރެއިން 4.5 މިލިއަން ރުފިޔާ ނަގާފައިވަނީ ޗެކު މެދުވެރިކޮށެވެ. ބާކީ 1.2 މިލިއަން ރުފިޔާ ނަގާފައިވަނީ އޮންލައިން ޓްރާންސްފާ މެދުވެރިކޮށްކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ. 

ޗެކުތައް މެދުވެރިކޮށް ގިނަ  ފައިސާ ނަގާފައިވަނީ ކުންފުނީގެ މެސެންޖަރެއްގެ ވަޒީފާގައި ހުރި މުވައްޒަފެއް މެދުވެރިކޮށެވެ. ނަމަވެސް ފައިނޭންސް ޑިރެކްޓަރު އަމިއްލައަށް 532،240 ރުފިޔާ ޗެކު މެދުވެރިކޮށް ނަގާފައިވެ އެވެ. އިތުރު ދެ މުވައްޒަފަކު މެދުވެރިކޮށްވެސް ޗެކުން ފައިސާ ނެގި އެވެ. 

ކުންފުނީގެ އެންމެ މުވައްޒަަފެއް މެދުވެރިކޮށް، 3.5 މިލިއަން ރުފިޔާ ޗެކުން ނަގާފައިވާއިރު އެ ފައިސާ ނުލިބިގެން ކުންފުނީގެ ފައިނޭންސް ޔުނިޓުން ފިޔަވަޅެއް އަޅާފައި ނެތެވެ. އެހެންކަމުން އެ މުވައްޒަފު އެ ފައިސާ ދިނީ ކުންފުނީގެ ފައިނޭންސް ޑިރެކްޓަރު އަތަށް ކަމަށް ބެލެވޭ ކަމުގައި އޮޑިޓު އޮފީހުން ބުނެފައިވެ އެވެ، 

އޮޑިޓު އޮފީހަށް މައުލޫމާތު ދެމުން ފައިސާ ނެގި މުވައްޒަފުވެސް ބުނެފައިވަނީ ފައިސާ ހަވާލުކުރަނީ ފިނޭންސް ޑިރެކްޓަރާ ކަމަށެވެ. އަދި ބައެއް ފަހަރު ތިޖޫރީ ބަލަހައްޓާ މުވައްޒަފުންނާވެސް ފައިސާ ހަވާލުކުރި ކަމަށް އޭނާ ބުނެފައިވެ އެވެ. އިތުރަށް އޭނާ ކިޔައިދިން ގޮތުން ފައިސާ ހަވާލުކުރުމުން ފައިސާ ހަވާލުކުރިކަން އެނގޭ ލިޔުމެއްގައި އޭނާ ލައްވައި ސޮއިކުރުވާފައި ނުވެ އެވެ. 

އޮންލައިން ޓްރާންސްފާތަކުގެ ޒަރީއާއިން 1.2 މިލިއަން ރުފިޔާ ނަގާފައިވާއިރު އޭގެ 91 އިންސައްތަ ފައިސާ ޖަމާކޮށްފައިވަނީ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ނަމުގައި ބީއެމްއެލްގައި ހުޅުވަފައިވާ އެކައުންޓަކަށްކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އޭނާއަށް 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

  •  ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނަމުގައި ކުންފުނީގެ އެކައުންޓުން ފައިސާ ނެގީ އެއް ބިލުތަކެއް ބޭނުންކޮށްގެން އެކި ތާރީހުތަކުގައި ޕޭމެންޓު ވައުޗަރު ހަދައިގެން
  •  ބިލުތައް ދެއްުމަށް 74،329 ޑޮލަރު ގަތުމަށް 1.1 މިލިއަން ރުފިޔާ ދިވެހި ރުފިޔާ އެކައުންޓުން ނެގުމަށްފަހު ބިލުތައް ދެއްކީ އެ އެކައުންޓުގައި ހުރި ފައިސާއިން
  •  ބިލުތައް ދެއްކުމަށް ކަމުގައި ބުނެ ފައިސާ ނެގީ އެ އެކައުންޓުން ޑެބިޓުކޮށް ބިލުތައް ދެއްކިތާ ދެތިން މަސްފަހުން

ޑޮލަރު ގަތުމުގެ ނަމުގައި ހިންގި ހިޔާނާތުގެ އިތުރަށް ޕީއެސްއެމްއަށް 2017 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2024 އާ ދެމެދުގައި އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ލިބުނު 4.2 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. 

އޮޑިޓު އޮފީހުން ބުނެފައިވަނީ އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ލިބުނު 4.2 މިލިއަން ރުފިޔާ ގެއްލިފައިވާއިރު އެ ފައިސާގެ ތެރެއިން 4.1 މިލިއަން ރުފިޔާއާ ކުންފުނީގެ ކުރީގެ ފައިނޭންސް ޑައިރެކްޓާ ހަވާލުވެފައިވާކަން އެނގެން އޮތް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.