އެވުޒާރާއިން ބުނީ ކެމިކަލް ރައްކާކުރުމުގެ މައްސަލައަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް މުތުލަގަށް ރެގިއުލޭޝަންތައް ތަންފީޒުނުކުރެވިއްޖެނަމަ، އެކަމުން އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް އެކަމުން ރައްޔިތުންނަށް ލިބިދާނެ ކަމެއް ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް ރައްކާކޮށްފައި ހުންނަ ގުދަންތައް އިންސްޕެކްޓު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މިނިސްޓްރީ އޮފް ޑިފެންސްއިން ފަށަން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަން ޔަގީންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން ހުރިހާ އިދާރާއަކުންވެސް އެ އިދާރާއެއްގެ މެންޑޭޓުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އަދި އެ މަސައްކަތުގެ ތެރެއިން ރައްޔިތުންުނާއި ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުުކުރުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކަށްވެސް ކުރުން ލާޒިމުކަމެއްކަމަށާއި، އެގޮތުން އެ ވުޒާރާއަށް ގާނޫނުން ރެގިއުލޭޓުކުރުން ލާޒިމުކޮށްފައިވާ ކަންކަން ތަންފީޒުވާކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމށް ދިފާއީ ވުޒާރާއިން ބުންޏެވެ.
އެކި ކަހަލަ ބޭނުންތަކަަށް ރާއްޖެއަށް ނުރައްކާތެރި ކެމިކަލްތައް އެތެރެކުރުމަށް ހުއްދަ ދިނުމާއި އެތެރެކުރާ ކެމިކަލްތައް ރައްކާތެރިކަމާއެކު ރައްކާކުރެވޭކަން ކަށަވަރުކުރުމަށް ރެގިއުލޭޓުކުރުމަކީ އެ ވުޒާރާގެ ޒިންމާއެއްކަން ފާހަގަކޮށް، އެ ވުޒާރާއިން ބުނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހުއްދަ ދީގެން ކެމިކަލް ރައްކާކުރާ ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފުވާ ކަމުގެ ޝަކުވާތައް ލިބެމުންދ ކަމަށެވެ.
އެވުޒާރާއިން ބުނީ ކެމިކަލް ރައްކާކުރުމުގެ މައްސަލައަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް މުތުލަގަށް ރެގިއުލޭޝަންތައް ތަންފީޒުނުކުރެވިއްޖެނަމަ، އެކަމުން އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް އެކަމުން ރައްޔިތުންނަށް ލިބިދާނެ ކަމެއް ކަމަށެވެ.
އިތުރަށް އެ މިނިސްޓްރީން ބުނީ ނުރައްކާތެރި ކެމިކަލާ ބެހެ ގަވާއިދުގައި ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އެ މިނިސްޓްރީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި އިންސްޕެކްޓު ކުރުމުގެ އިހުތިޔާރު އެ މިނިސްޓްރީއަށް ދީފައި އޮންނަ ކަމަށެވެ.
އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޒޯންތަކަކަށް ބަހާލައިގެން އެފަދަ ކެމިކަލް ރައްކާކުރުމުގައި ގާނޫނާއި ގަވާއިދަށް އަމަލުކުރާކަން ކަށަވަރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި އެފަދަ ކެމިކަލްތަކާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.