ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 63

ޝަރާ އޭނާގެ ލޮލުން ހިލެން ފެށި ކަރުނަތައް ފޮހެލަމުން، ބަލައިލީ އެނދުގައި އޮތް އަކްޔަންއަށެވެ.

- އެޕިސޯޑް 63 –

ޝަރާ ކަޅި ޖަހާ ނުލައި އެނދުގައި އޮތް އަކްޔަންއަށް ބަލާލުމަށްފަހު އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

"އެއީ އަހަރެންގެ ފުރާނަ.. އަހަރެންގެ ހުރިހާ ވެސް އުފާ.. މިދުނިޔެ މަތީގަ އަހަރެންނަށް ލިބުން އެންމެ ބޮޑު އުފާ.. ހިތްހަމަޖެހުން.. އަހަރެން މިއަދު މިހުރީ ވަރަށް އުފާވެފަ.. އަހަރެން ދުށް ހުވަފެން ހަޤީޤަތަކަށް ވީތީ.. އަހަރެން މަންމަ އަކަށް ވީމަ.. މާދަން އަހަރެން ވަކިވެގެން ދިޔަސް، އަހަރެން ދުނިޔޭގަ ދިރިއުޅުނު ކަމުގެ ނިޝާނެއް މިހާރު ހުންނާނެ.. އަހަރެން ބޭނުން އަކްޔަންއަށް ހުރިހާ ލޯތްބަކާ އުފަލެއް ލިބެން.. އަހަރެން ވަކިވެގެން ދިޔައީމަ، އަޔާއަށް މި ދަރިފުޅު ހަވާލު ކުރައްޗޭ! ލީޒާ.."

ޝަރާ ބަލައިލީ ލީޒާގެ މޫނަށެވެ. ލީޒާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހުގައި ހިފައިލީ ޝަރާގެ އަތުގައެވެ. އަދި ވަރަށް މަޑުމަޑުން ބޯ ޖަހައިލިއެވެ.

"އެކަމު ޝަރާ.. ތިހެން އަބަދު ނުކިޔާ... ވަކިވާން ޖެހޭނެ.. ކޮންމެ މީހެއް ވެސް މަރުވާނެ.. ކިހިނެއް އެނގޭނީ ޝަރާއަށް ވުރެ ކުރިން އަހަރެން ވަކިވެ ނުދާނެ ކަމެއް؟ އެހެންވީމަ، މަރަކީ ކޮންމެ މީހަކަށް ވެސް އެންމެ ގާތުގަ އޮތް އެއް ކަމެއް.."

ޝަރާގެ އަތުގައި ހިފައިގެން ހުރެ ލީޒާ ވާހަކަދެއްކީ ޝަރާއަށް ނަސޭހަތްތެރި ވުމަށެވެ. ޝަރާ ލުއިކޮށް ހިނިތުންވެލިއެވެ.

ކުއްލިއަކަށް ޝަރާއަށް ބަލައިލެވުނީ އެނދުގައި އޮތް އޭނާގެ ފޯނަށެވެ. އެވަގުތު އޭނާގެ ވައިބާރއަށް ގުޅަމުން ދިޔައީ އައިމިނަތު އެވެ. ޝަރާ ގޮސް ފޯނު ނެގިއެވެ.

"މަންމާ..."

ޝަރާ ހިނިތުންވުމާ އެކުގައި އައިމިނަތުއާ ވާހަކަދައްކަން ފެށިއެވެ. އަކްޔަން ލިބުން ފަހުން އައިމިނަތު ވަރަށް ގިނައިން ގުޅާ ހަދައެވެ. އެތައް އިރަކު ވީޑިއޯ ކޯލް ކޮށްގެން އަކްޔަންއާ މަޖާކޮށް، ލަވަ ކިޔާދެއެވެ. އަކްޔަން އެހާ ތުއްތު އިރު ވެސް ބައެއް ފަހަރު ފޯނަށް ބަލާފަ ކުޑަކޮށް ހީނލާ ހަދައެވެ. އެކަން ވަނީ އައިމިނަތުއަށް ބުނެދޭން ނޭނގޭ ފަދަ އުފަލަކަށެވެ.

"ދަރިފުޅާ!"

ކުއްލިއަކަށް ހުރެފައި އައިމިނަތު ވަރަށް ސީރިއަސް ރާގެއްގައި ޝަރާއަށް ގޮވާލުމުން "އާނ މަންމާ" އޭ ޝަރާ ޖާވަބުގައި ބުނެލިއެވެ.

"މަންމަ... މަންމަ ބުނީ، އަދިވެސް މަންމަ މިހުރީ އިންތިޒާރުގަ.. މަންމަ ވަރަށް މަސައްކަތް ކޮށްފި އެއްގޮތަކަށް ވެސް މިވާހަކަ ނުދައްކަން.. އެކަމު، ދަރިފުޅަށް ކަމެއް ވީބާއޭ.. ނޫނީ ދަރިފުޅުގެ ކަމެއް މަންމައަށް ސިއްރު ކުރަނީ ބާއޭ.. އެ ޚިޔާލުތައް، އެ ފިކުރުތައް އަބަދުވެސް މަންމަގެ ސިކުނޑީގަ އޮވޭ.. މިހާރު އަކްޔަން ވެސް ލިބިއްޖެ.. އަދިވެސް ނުވޭތަ ދަރިފުޅާ! މަންމަ ގާތުގަ ތި ވާހަކަތައް ކިޔާދޭން.. މަންމައަށް ޔަޤީންވާ އެއް ކަމެއް އެބައޮތް.. އެއީ ދަރިފުޅު ކުޑަ ސަބަބެއް ނެތި، ތި ގޮތަށް އަޔާޒް ދޫކޮށް ނުލާނެކަން.."

އައިމިނަތު ދެއްކި ވާހަކައިން ޝަރާއަށް ކުރުވީ އުނދަގޫ އިޙްސާސެކެވެ. ކޮންމެ ގޮތެއް ވިޔަސް ޝަރާ މިވާހަކަތައް އައިމިނަތަށް ކިޔާ ދޭން އަދި ބޭނުމެއް ނޫނެވެ. އެއީ މިކަމުގެ ސަބަބުން އައިމިނަތަށް އަޅާނެ ވޭނާއި އޭނާ ކުރާނެ ހިތާމަ ޝަރާއަށް އިޙްސާސް ވާތީއެވެ. ވަގުތު ޖެހުމުން އައިމިނަތަށް ހުރިހާ ވާހަކައެއް ހިއްސާ ކުރަން ޝަރާ ހުރީ ނިންމައިގެންނެވެ. އޭރުން އެކަމާ ވިސްނަން އައިމިނަތަށް މާގިނަ ދުވަހު ނުޖެހޭނެ ކަމަށް ޝަރާ ޤަބޫލު ކުރީއެވެ. އެކަމު ވެސް ޝަރާގެ ވަކިވެ ދިޔުމަކީ އައިމިނަތަށް ބަރުދާސްތު ކުރަން ފަސޭހަ ވާނެ ކަމެއް ނޫން ކަން ވެސް ޝަރާއަށް އެނގެއެވެ.

"މަންމާ... އަހަރެން ކިޔާދޭނަމޭ! އެކަމު އަދި ވަގުތެއް ނުޖެހޭ.. އަހަރެންނާ ދޭތެރޭ ތިވަރަށް ނުވިސްނާ މަންމާ.. މިއަދު އަހަރެމެން ވިސްނަންވީ އައްކުއަށް.. އައްކުގެ މުސްތަޤުބަލަށް.."

އެއްވެސް ޝަކުވާއެއް ނެތި، ޝަރާގެ ވާހަކަތައް އައިމިނަތު ޤަބޫލު ކުރިއެވެ.

"އިރާދަ ކުރެއްވިއްޔާ، އަކްޔަންއަށް ރަނގަޅު މުސްތަޤުބަލެއް ލިބޭނެ.." އައިމިނަތު ބުނެލިއެވެ.

***

"ހޮސްޕިޓަލަށް ދަނީތަ؟"

ގެއިން ނުކުންނަން ވެގެން ދޮރުގެ ތަޅުގައި އަޔާޒް ހިފަން އުޅެނިކޮށް، އަޔާޒްގެ އަތުގައި ސުހާ ފަހަތުން އައިސް ހިފާލިއެވެ.

އަޔާޒް ފަސް އެނބުރި ބަލާލިއެވެ. އަޔާޒްގެ ކުރިމަތީގައި އެއްވެސް ފޭރާމެއް ނެތި ހުރީ އޭނާގެ އަންހެނުން ސުހާ އެވެ.

"ނުދޭ! އަދި މަޑުކޮށްބަލަ!"

ސުހާ ވާހަކަ ދެއްކީ ވައި އަޑަކުންނެވެ. އަޔާޒް ބަލައިލީ އޭނާގެ އަތުކުރީ ގަޑިއަށެވެ.

"އޯކޭ ވާނެ ގަޑި ޖެހުނަސް ކުޑަކޮށް.. އަހަރެން ވަރަށް ބޭނުން ވެފަ މިހުރީ.."

އަޔާޒްގެ ގަމީހުގެ ގިރުވާނުގައި ސުހާ ހިފާލަމުން، އަޔާޒްގެ ސީދާ ދެލޮލަށް ބަލާލިއެވެ. އެޔަށްފަހު، އަޔާޒްގެ އަތުގައި ހިފައިލަމުން ސުހާ އޭނާ ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ.

ސުހާގެ ފަރާތުން ރަޝިޔާއަށް އައިން ސުރެ ފެންނަމުންދާ ހަރަކާތްތަކުން އަޔާޒްގެ ހިތުގައި ވަރަށް ގިނަ ޝައްކާ ވަޙުމްތައް އުފެދެމުން ދިޔައެވެ. ނަމަވެސް އަޔާޒް ހުރީ އެކަންތައް އެހާ ސީރިއަސްކޮށް ނުނަގާ، މަޑުމަޑުން މި ވާނުވާ އޭނާ އަމިއްލައަށް ބަލާށެވެ.

***

"ސޮރީ..." 

އަޔާޒްއަށް ކެތެއް ނުވިއެވެ. ސުހާގެ ތުންފަތުން ނުބައި ހިނިތުންވުމެއް ފައުޅުވެގެން ދިޔައެވެ. ސުހާގެ ހުށިޔާރު ކަމުން އޭނާ ބޭނުންވާ ގޮތަށް ކަންތައް ކުރެވުނީމައެވެ.

"އަދި އަހަރެމެން ދަރިއަކަށް ޕްލޭން ނުކޮށް ހުއްޓާ! މިހެން މިކަން ވީމަ، އެކަމު ސުހާ ކީއްވެ އަހަރެން ހިފެހެއްޓީ؟ ސުހާ ބޭނުންތަ ދަރިއެއް؟" 

އަޔާޒް ބަލަން އޮތީ ސުހާގެ މޫނަށެވެ.

"ދަރިއަކު ލިބުން އެއީ މައްސަލައެއް ނޫނެއްނު! އަހަރެމެން ދެ މީހުން މީ ދެމަފަރިން.. އަހަރެންނަކަށް ނޭނގެ އަޔާޒް ދެކޭ ގޮތެއް... އަޔާޒްގެ ހިތުގަ އޮތީ ކޯއްޗެއް ކަމެއް.. އެކަމު އަހަންނަށް އެނގޭ އެއްޗަކީ.. އަހަރެން އަޔާޒް ދެކެ ލޯބިވާކަން.. އަަހަރެންގެ މާޒީ އަހަރެންގެ ޚިޔާލުތަކުން ފިލައިގެން އެބަ ދޭކަން.."

ސުހާގެ ވާހަކަ ތަކުން އަޔާޒަށް އިތުރަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ކުއްލިއަކަށް މި ހުރިހާ ކަމެއް ވާންވީ ކީއްވެ ހެއްޔެވެ؟ މިއީ އަޔާޒްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ.

"އަހަރެން ލޯބިވާ ވާހަކަ ބުނީމަ އެއްވެސް އެއްޗެއް ނުބުނާނަންތަ؟ އަޔާޒް ނުވޭ ދޯ ލޯތްބެއް އަހަރެން ދެކެ؟" 

ސުހާ އޭނާގެ ހަތަރު ކަޅި ހަމަކޮށްލީ އަޔާޒްގެ ދެލޮލަށެވެ. އަޔާޒްގެ ފަރާތުން ފެނުނީ ހަމަހިމޭން ކަމެވެ. ސުހާގެ ސުވާލާ އެކުގައި އަޔާޒް ކުޑަކޮށް ޖެހިލުން ވެސް ވިއެވެ. ނަމަވެސް އަޔާޒް ވަނީ ހިމޭން ވެފައެވެ. ދޭނެ ޖަވާބެއް އަޔާޒަކަށް ނޭނގެއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.