"ނިއުކުލިއާ ހަތިޔާރު ނެތް ދައުލަތަކުން ނިއުކްލިއާ ހަތިޔާރު ހުރި ދައުލަތެއްގެ ޝާމިލުވުމާއެކު ރަޝިޔާއަށް ދޭ ހަމަލާއަކީ، އެ ދެ ބާރު ގުޅިގެން ރަޝިޔާއަށް ދިން ހަމަލާއެއް ކަމަށް ބެލެވޭނެ،" ޕުޓިން ވިދާޅުވި އެވެ.
ހުޅަނގަށް ދެއްވަމުންގެންދަވާ ނިއުކުލިއާ ހަނގުރާމަައިގެ އިންޒާރުތައް އައު ހަރުފަތަކަށް ގެންދަވައި، ނިއުކުލިއާ ބާރެއްގެ އެހީގައި ރަޝިޔާއަށް ދޭ ކޮންމެ މިސައިލު ހަމަލާއަކީ ނިއުކުލިއާ ޝާމިލުކޮށްގެން ދިން ހަމަލާއެއްކަމަށް ބެލެވޭ ގޮތަށް ރަޝިޔާގެ ނިއުކްލިއާ ޑޮކްޓްރިން ބަދަލުކުރައްވަން ރައީސް ވަލްޑަމިއަރް ޕުޓިން ނިންމަވައިފި އެވެ.
ރަޝިޔާގެ ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރައްވައި ޕުޓިން ވިދާޅުވެފައިވަނީ ނިއުކުލިއާ ބާރެއްގެ އެހީގައި އާދައިގެ މިސައިލެއް ބޭނުންކޮށްގެން ރަޝިޔާއަށް ދޭ ހާލަތުގައި ބަދަލުގައި ނިއުކުލިއާ ހަމަލާއެއް ދެވޭ ގޮތަށް ނިއުކްލިއާ ޑޮކްޓްރިން އިސްލާހު ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
"ނިއުކުލިއާ ހަތިޔާރު ނެތް ދައުލަތަކުން ނިއުކްލިއާ ހަތިޔާރު ހުރި ދައުލަތެއްގެ ޝާމިލުވުމާއެކު ރަޝިޔާއަށް ދޭ ހަމަލާއަކީ، އެ ދެ ބާރު ގުޅިގެން ރަޝިޔާއަށް ދިން ހަމަލާއެއް ކަމަށް ބެލެވޭނެ،" ޕުޓިން ވިދާޅުވި އެވެ.
މީގެ ކުރިން ރަޝިޔާގެ ނިއުކްލިއާ ޑޮކްޓްރިންގައި ބުނެފައިވަނީ ރަޝިޔާއަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރެވޭނީ ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ބާރަކުން އެ ގައުމަށް ހަމަލާދީފިނަމަ ރައްދުގައި ހަމަލާ ދިނުމަށް ކަމަށެވެ. މިވަގުތު ރަޝިޔާއާ ހަނގުރާމަކުރާ ޔޫކްރެއިނަކީ ނިއުކުލިއާ ހަތިޔާރު ހުރި ގައުމެއް ނޫނެވެ.
ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާއަށް އައު ބާވަތްތަކުގެ އަސްކަރީ ނުރައްކާތަކާއި ހިރާސްތައް ކުރިމަތިވަމުންދާތީ އެ ގައުމުގެ ނިއުކްލިއާ ޑޮކްޓްރއިން އިސްލާހުކޮށް އަދާހަމަކުރުން ނޫން އިހުތިޔާރެއް ނެތިވީ ކަމަށެވެ.
ބެލެވޭ ގޮތުގައި މި ބަދަލަކީ އެމެރިކާއިން އުފައްދާފައިވާ ދުރު ރާސްތާ މިސައިލުތައް ރަޝިޔާއާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ ހޯއްދެވުމަށް ބުރާސްފަތި ދުވަހު ވައިޓްހައުސްގައި ޔޫކުރެއިނުގެ ރައީސް ވްލޮޑީމިރް ޒެލެންސްކީ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރައްވާތީ ދެއްވި އިންޒާރެކެވެ.
އިނގިރޭސި ސަރުކާރުން އަންނަނީ އެ ގައުމުން އުފައްދާފައިވާ ބްރިޓިޝް ސްޓޯމް ޝެޑޯ މިސައިލުތައް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާއިން ދިނުމަށް އެދެމުންނެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕުޓިން ވިދާޅުވެފައިވަނީ ރަޝިޔާގެ ސަރަހައްދަށް ހުޅަނގުން އުފައްދާފައިވާ ދިގު ރާސްތާ މިސައިލުތައް ބޭނުންކޮށްގެން ހަމަލާއެއް ދީފިނަމަ އެ ހަމަލާއަކީ ނޭޓޯއިން ހިންގި ހަނގުރާމައިގެ އަމަލެއް ކަމަށް ބައްލަވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ރަޝިޔާއިން ނިއުކުލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމަށް ކްރެމްލިންގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.