ދިރާގަށް މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ޓެކްސް ދެއްކުމަށް ކުންފުނިން ހަރަދުކޮށްފައިވަނީ އާމްދަނީގެ އެންމެ %6 ކަމަށްވާ 73.5 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ހިއްސާ އޮންނަ މުވާސަލާތީ ކުންފުނި ދިރާގުން މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ޓެކުހަށް ހަރަދުކޮށްފައިވަނީ އެ ކުންފުންޏަށް ލިބުނު އާމްދަނީގެ އެންމެ 6 އިންސައްތަކަން ހިސާބުތަކުން ދައްކައިފި އެވެ.
ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އެކުންފުންޏަށް ޖުމްލަ 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ދިރާގުގެ އާމްދަނީގެ ތަފުސީލުތަކަށް ބަލާއިރު އެ ކުންފުންޏަށް މޯބައިލް ހިދުމަތްތަކުން އާމްދަނީގެ ފުރަތަމަ ދެ ކުއާޓާގައި ޖުމްލަ 735.7 މިލިއަން ރުފިޔާ ލިބުނެވެ. އަދި ފިކްސްޑް ބްރޯޑް ބޭންޑާއި، ވިޔަފާރިތަކަށް ދޭ ހިދުމަތްތަކުން 607 މިލއިަން ރުފިޔާ ލިބުނެވެ. އިތުރު އެހެނިހެން ހިދުމަތްތަކުން ލިބިފައިވަނީ 42.2 މިލިއަން ރުފިޔާ އެވެ.
ހިންގުމުގެ ހަރަދުތަކާއި ކުންފުނިން ކުރަންޖެހޭ އިތުރު ހަރަދުތަކާއި ދަރަނި އަދާކުރުމަށް ހޭދަކުރި 66.6 މިލިއަން ރުފިޔާ އުނިކުރުމަށްފަހު ޓެކުސް ހަރަަދުތައް އުނިނުކޮށް ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 532.1 މިލިއަން ރުފިޔާ ލިބުނެވެ.
މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ޓެކުހުގެ ހަރަދުތަކަށް އެ ކުންފުނިން ހޭދަކޮށްފައިވަނީ ޖުމްލަ 73.5 މިލިއަން ރުފިޔާ އެވެ. އެއީ ފުރަތަމަ ކުއާޓާގައި ޓެކުހަށް ހޭދަކުރި 36.8 މިލިއަން އަދި ދެވަނަ ކުއާޓާގައި ޓެކުހުގެ ގޮތުގައި ހަރަދުކުރި 36.6 މިލިއަން ރުފިޔާ އެވެ.
ކުންފުނީގެ ހުރިހާ ހަރަދުތައް ކެނޑުމަށްފަހު، ކުންފުނިން ޓެކުހަށް ދެއްކި ފައިސާވެސް އުނިކުރުމުން ދެ ކުއާޓާ އެއްކޮށް އެ ކުންފުންޏަށްވަނީ 458.5 މިލިއަން ރުފިޔާގެ ފައިދާވެފަ އެވެ. އެއީ ފުރަތަމަ ކުއާޓާގައި 218.1 މިލިއަން އަދި ދެވަނަ ކުއާޓާގައި 240.4 މިލިއަން ރުފިޔާ އެވެ.
އެ ދެ ކުއާޓާގައި ދިރާގުގެ ފައިދާއިން ހިއްސާއަކަށް 6.03 ރުފިޔާ ދެވޭނެ ކަމުގައި އެ ކުންފުނީގެ މާލީ ހިސާބުތަކުގައި ބަޔާންކުރެ އެވެ. އެ ކުންފުނީގެ މައިގަނޑު ހިއްސާދާރަކީ ބަހުރެއިނުގެ ބަޓެލްކޯ ކުންފުންޏެވެ.