އދ. ގެ ސަލާމަތީ މަޖިލީހުގައި ރައީސް ދެއްވި ތަގުރީރުގައި ފާހަގަކުރެއްވި މުހިންމު ކަންކަމުގެ ސަބަބުން ގައުމަށާއި ދިވެހި ދައުލަތުގެ އިއްޒަތާއި ޝަރަފު ދުނިޔޭގައި އުފުލިގެން ގޮސްފައިވާ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީން ބުނެފި އެވެ.
ކޮންގުރެސް ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އދ. ގެ ސަލާމަތީ މަޖިލީހުގައި ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުގައި ފާހަގަކުރައްވާފައިވާ ކަންކަމަކީ ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ރިއާޔަތް ކުރައްވައި، ދުނިޔޭގެ ސުލްހައާއި އަމާންކަން ކަށަވަރުކޮށް، ބައިނަލްއަގްވާމީ ނިޒާމަކީ ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުވެފައިވާ ނިޒާމެއްކަން ކަށަވަރުކުރަން އަޅަން ޖެހިފައިވާ އިސްލާހީ ފިޔަވަޅުތައް ފާހަގަކުރައްވައި ދެއްވި ތާރީހީ ތަގުރީރެއް ކަމަށެވެ.
މި ތަގުރީރަކީ އދ. މެންބަރެއްގެ ގޮތުގައި ރާއްޖޭން ހޭދަކޮށްފައިވާ ދިގު ތާރީހުގައި މި ގައުމުގެ ރައީސަކު ސަލާމަތީ މަޖިލީހުގައި ދެއްވި ފުރަތަމަ ތަގުރީރުކަން ފާހަގަކޮށް އެކަމަށް ކޮންގުރެސްއިން ވަނީ ރައީސްއަށް ޕާޓީގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ.
ބަޔާނުގައި ބުނީ، މުޅި ދުނިޔެއަށް ފެންނާނެހެން އިސްރާއީލުން ފަލަސްތީނާއި ލުބުނާނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާވެރި ޓެރަރިޒަމް އަމަލުތައް ހުއްޓުވުމުގައި އ.ދ. ފެއިލްވެފައިވާ ސަބަބަކީ ސަލާމަތީ މަޖިލީހުގައި މަދު ދައުލަތްތަކަކަށް ލިބިފައިވާ ވީޓޯ އިމްތިޔާޒުކަން ފާހަގަކުރައްވަމުން އެ އިންތިޒާމް އުވައިލާން ރައީސް ގޮވާލެއްވުމަކީ ދުނިޔޭގެ އަދުގެ އިހުސާސް ކަމަށެވެ.
"އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތައް ތަފުސީލުކޮށް އެހާމެ ފުރިހަމަކޮށް ސިފަކޮށްދެއްވަމުން، އެ އަޑު ސަލާމަތީ މަޖިލީހުގައި އެމަނިކުފާނު އިއްވައިދެއްވިކަމީ ދިވެހިރާއްޖެއަށް ލިބުނު ފަހުރެއް އަދި ދިވެހި ދައުލަތުގެ އިއްޒަތާއި ސަރަފު ދުނިޔޭގައި އުފުލިގެން ދިޔަ ކަމެއް،" ކޮންގުރެސްގެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން، މޫސުމީ ބަދަލުތަކާއި ގުދުރަތީ ވަސީލަޔްޔައް މަދުވުމާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ކުރިއެރުންތަކުގެ ސަބަބުން ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެ މަޖިލީހުގެ ވިސްނުމަށް ގެންނަންވީ ބަދަލުތައް ރައީސް ފާހަގަކުރައްވާފައިވާކަން އެ ބަޔާނުގައިވެ އެވެ. އެއަޑު އަހާ ތަނަކަށް އެ މަޖިލީސް ހެދުމަށް ރައީސް ކުރެއްވި އިލްތިމާސުން، ރާއްޖެއަކީ ދުނިޔޭގެ ކަންކަން އެނގޭ، ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބޮޑެތި ބަދަލުތަކަށް ހޭލާ އޮތް ގައުމެއްކަން ސާބިތުކޮށްދީފައިވާކަން ވެސް ބަޔާނުގައިވެ އެވެ.