އިސްރާއީލުން ލުބުނާނަށް އަރައިގަންނަަނީ ހެއްޔެވެ؟

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި 550 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު 90،000 އަށްވުރެ ގިނަ މީހުންވަނީ އެ ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ހިޖުރަކޮށްފަ އެވެ.

ދެކުނު ލުބުނާނުގެ އަވަށަކަށް އިސްރާއީލުން ހަމަލާދެނީ، ފޮޓޯ: އޭޕީ ފޮޓޯސް

ހަަފުތާއެއްހައި ދުވަސް ވަންދެން އިސްރާއީލުން ލުބުނާނަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި 550 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 90،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހިޖުރަކުރަން މަޖުބޫރުކުރުމުގެ ސަބަބުން، އިސްރާއީލާއި ހިޒްބުﷲގެ މެދުގައި އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެ ބޮޑު ހަނގުރާމައެއްގެ ތުންފަތްމައްޗަށް ދުނިޔެ އަނެއްކާވެސް ވެއްޓިފައިވާކަމަށް މާހިރުން ވިދާޅުވެ އެވެ. 

ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ނަމެއްގައި ނޫނީ އިސްރާއީލާއި ހިޒްބުﷲގެ މެދުގައި އޮތީ ހަނގުރާމަ ފެށިފަ އެވެ. ނަމަވެސް އިތުރަށް ހަނގުރާމަ ފުޅާވެ، އެއްގަމު މަގުން ލުބުނާނަށް އިސްރާއީލުން އަރައިގަތުމުގެ އިހުތިމާލު އެބައޮތެވެ. އެހެން އެކަން ވެއްޖެނަމަ ދެކުނު ލުބުނާނުގެ އާންމުންނަށް އެމީހުންގެ ގެދޮރު ދޫކޮށް އެހެން ދިމާލަކަށް ހިޖުރަކުރަން މަޖުބޫރުވާނެ އެވެ. 

ބުދަދުވަހު އިސްރާއީލުގެ މަސްއޫލުވެރިންވަނީ، އެ ޤައުމުގެ ރިޒާވް ފޯސްގެ ދެ ރެޖިމެންޓެއް ހިޒްބުﷲއާ ހަނގުރާމަކުރަމުންދާ އުތުރު ކޮމާންޑާ ގުޅުމަށް އަންގާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. މި ނިންމުމަކީ ހަނގުރާމަަ ފުޅާކުރުމަށް އިސްރާއީލުން ގަސްތުކުރާކަމުގެ އަލާމަތެއް ނަމަވެސް އަލްޖަޒީރާއަށް މައުލޫމާތު ދިން މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މިވަގުތު އިސްރާއީލުން އެއްގަމު މަގުން ލުބުނާނަށް އަރައިގަންނަން ފެށުމުގެ އިހުތިމާލު ވަރަށް ކުޑަ އެވެ. 

އިސްރާއީލުގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ އޯރީ ގޯލްޑްބާގް ވިދާޅުވި ގޮތުގައި ދެ ރެޖިމެންޓަކީ އެއްގަމުން ލުބުނާނަށް އަރަން ބަލާއިރު އެކަށީގެންވާ ސިފައިންގެ އަދަދެއް ނޫން ކަމަށެވެ. އަދި އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތްއިރު އެއަށްވުރެ މާ ގިން ސިފައިން ބޭނުންކުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ލުބުނާނަކީ ޣައްޒާއަށްވުރެ ބޮޑު ތަނެއް ކަމަށާއި ހިޒްބުﷲގެ ހަނގުރާމަވެރިންގެ އަދަދާއި އަސްކަރީ ގާބިލުކަން ޙަމާސްއަށްވުރެ ބޮޑުވާނެ ކަމަށެވެ. 

"އަޅުގަނޑަށް ބުރަވެވެނީ ދެ ރެޖިމެންޓު ފޮނުވަނީ ގޮތް ދައްކަންހެން. އެހެންނަމަވެސް އެއީ ވަރަށް އަވަހަށް ބަދަލުވެދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހިޒްބުﷲއާ އިސްރާއީލުން ކުރާ މުއާމަލާތުގައި އެ ގައުމުގެ ސާފު އަމާޒެއް އަދި އިސްތިރާޖިއްޔާއެއް ނެތްކަން އަންނަނީ ސާބިތުވަމުންނެވެ. އަދި ކުރިއަށް އަޅަންވީ ފިޔަވަޅެއް ކަނޑައެޅުމުގައި އިސްރާއީލަށް ދަތިތަކެއް ހުރިކަން ފާހަގަކުރެއްވޭކަމަށް ގޯލްޑްބާގް ވިދާޅުވި އެވެ. 

މިހާރު އަހަރަކަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ ޣައްޒާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިޤުތިޞާދަށާއި، އަސްކަރިއްޔާއަށާއި މުޖުތަމައަށް ހީނަރުކަމާއި ދަތިތައް ކުރިމަތިވެފައިވެ އެވެ. ރިޒާވް ލަޝްކަރުގައި ހިމެނޭ އެތައް ހާސް ސިފައިންނެއް އެމީހުންގެ އާއިލާތަކާއި ވަޒީފާތަކާ ދުރަށް އަސްކަރީ ބޭނުމަށް ޑިޕްލޯއި ކުރަންޖެހުނެވެ. އަދި ޣައްޒާގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކާއި ރަހީނުން މިނިވަންކުރުމުގައި އަޅަމުންދާ ފިޔަވަޅުތަކާމެދު އިސްރާއީލު މުޖުތަމައުގެ ރައުޔަވަނީ ދެކަފިވެފަ އެވެ. 

މިހުރިހާ ކަމަަކާއެކުވެސް އިސްރާއީލުގެ އުތުރަށް ހިޒްބުﷲއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެހެން ސަރަހައްދުތަކަށް ބަދަލުވެފައިވާ 10،000 އެއްހައި އިސްރާއީލު މީހުންނަށް އެ ސަރަހައްދަށް އަނބުރާ އާދެވޭނެ ގޮތް ހެދުމަށް، ގަދަބާރުން ލުބުނާނުން އިސްރާއީލަށް އޮތް ސަލާމަތީ ނުރައްކާ ނައްތަވައިލައްވާނެކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެވަޑައިގެންފައިވެ އެވެ. 

ނަމަވެސް ގޯލްޑްބާގް ވިދާޅުވި ގޮތުގައި އިސްރާއީލުގެ އާންމުންގެ އިތުބާރު ނަތަންޔާހޫއަށް ނެތުމުގެ ސަބަބުން އެއްގަމު މަގުން ލުބުނާނަށް އަރައިފިނަމަ އެ ހަނގުރާމައަކީ ނަތަންޔާހޫގެ ހަނގުރާމައެއްގެ ގޮތުގައި އިސްރާއީލުން ދެކޭނެ ކަމަށް ގަބޫލުކުރެއްވޭތީ އޭނާއަށް އެ ފިޔަވަޅު އަޅުއްވަން ކެރިވަޑައިނުގަންނަވަނީ އެވެ. 

ލެބަނީސް އެމެރިކަން ޔުނިވާސިޓީގެ ޕްރޮފެސާ އިމާދު ސަލާމީ ވިދާޅުވި ގޮތުގައި ލުބުނާނަށް އެއްގަމު މަގުން އެރުމަށް އިސްރާއީލުގެ ސިޔާސީ އަދި އަސްކަރީ ލީޑާޝިޕުގައި މިހާރު ތާއީދު އެބައޮތެވެ. އަދި އިސްރާއީލުން އެކަމަށް ބޭނުންވާނަމ 72 ގަޑިއިރު ތެރޭގައި އިސްލާއީލަށް ލުބުނާނަށް އަރައިގަނެވޭނެކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެކަން ބަރޯސާވާނީ ހިޒްބުﷲގެ ކޮމާންޑިން އޮނިގަނޑާއި ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ހީނަރުކޮށްލެވިއްޖެކަމަށް އިސްރާއީލަށް ގަބޫލުކުރެވުމުގެ މައްޗަށް ކަމުގައި ސަލާމީ ވިދާޅުވި އެވެ. 

އެފަދަ ހާލަތެއްގައި ހިޒްބުﷲގެ މުޅި އިސްތިރާޖިއްޔާއަކަަށްވާނީ ގޮރިއްލާ ހަނގުރާމަ ކަމށާއި، އެހިސާބުން ދެކުނު ލުބުނާނު އިސްތިއުމާރުކޮށްގެން އޮތުން އިސްރާއީލަށް ހަރަދު ބޮޑު ވޭންހުރި ކަމަކަަށް ބަދަލުވާނެ ކަމަށާއި، ލުބުނާނުގެ އާންމުންނަށް އެ ހާލަތުގައި ބޮޑެތި ގެއްލުންތަކެއްވާނެ ކަމުގައި އޭނާ ފާހަގކުރެއްވި އެވެ. 

އެންމެ ފަހުން އިސްރާއީލުން ލުބުނާނާ ދެކޮޅަށް ކުރި ހަނގުރާމާގައި 2006 ވަނަ އަހަރު ތިލަފަތް ހަމަނޫން ހަނގުރާމައިގެ އުކުޅުތައް ބޭނުންކޮށް ލުބުނާނުގެ ހަނގުރާމަވެރިންވަނީ އިސްރާއީލަށް ސިހުންގެނުވާފަ އެވެ. އަދި މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ ފަހުން ފާއިތުވި މުއްދަތުގައި ހިޒްބުﷲއިން އެ ޖަމާއަތުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުކޮށް، އައު ހަތިޔާރު ހޯދައި ދެކުނު ލުބުނާނުގައި ބިންގަރާހުގެ ބޮޑު ވިއުގައެއް ގާއިމުކޮށްފައިވެ އެވެ. އަދި ބޯޑަރު ހުރަސްކޮށް ސޫރިޔާއިން ސަޕްލައި އެތެރެކުރުމުގެ ފުރުސަތުވެސް ހިޒްބުﷲއަށް އޮންނާނެ އެވެ. އެއީ ޣައްޒާގައި ހަމާސްއަށް ނެތް ފުރުސަތެކެވެ. 

އަދި އިސްރާއީލުން މިހާތަނަށް ކުރަމުންދާ ކަންކަމަށް ބަލާއިރު އެތެރޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުން ރައްޔިތުންގެ ސަމާލުކަން އަނބުރައިލުމަށް ލުބުނާނަށް ދޭ ހަމަލާތައް އިތުރުކޮށްލުމަކީ އޮތް ފުރުސަތެކެވެ. އެ ހާލަތުގައި ލުބުނާނަށް އެއްގަމު މަގުން އެރުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް ހިޒްބުﷲ ނައްތައިލުމަކީ ސީރިއަސް އިސްތިރާޖީ އަމާޒަކަށްވާނަމަ އެއްގަމު މަގުން ލުބުނާނަށް އެރުން ނޫން ގޮތެއް އިސްރާއީލަށް ނޯންނާނެ އެވެ. 

ވައިގެ މަަގުން ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު މަރައިލެވޭތީ ވައިގެ މަގުން ހަނގުރާމަ ކުރުމުގައި އިސްރާއީލަށް އިސްތިރާޖީ ފައިދާ ބޮޑު ނަމަވެސް، ދެކުނު ލުބުނާނަށް ހިޒްބުﷲ ފަރިތަ މިންވަރަށް ބަލާއިރު އެއްގަމުން ލުބުނާނަށް އިސްރާއީލުން އަރައިފިނަމަ އިސްތިރާޖީ ގޮތުން ބޮޑު މަންފާއެއް އޮންނާނީ ހިޒްބުﷲއަށް ކަމުގައި މާހިރުން ދެކެވަޑައިގަންނަވަ އެވެ. 

މިހުރިހާ ހަގީގަތްތަކަށް ބަލާއިރު އިސްރާއީލުން ލުބުނާނަށް އެއްގަމު މަގުން އަރައިގަތުމަށްވުރެ އިސްރާއީލަށް ފައިދާ ބޮޑު ގޮތަކީ ހިޒްބުﷲ ގެ ބާރު ކަނޑުވައިލުމަށް ވައިގެ މަގުން ދޭ ހަމަލާތައް އިތުރުކުރުމެވެ. އަދި އިސްރާއީލުން އެދޭނެ ގޮތަކީ ހިޒްބުﷲއިން މަދަނީ އަމާޒުތަކަށް ހަމަލާދީ ބޮޑު ހަނގުރާމއެއް ފެށުމަށް ބޭނުންވާ ބަހަނާ އިސްރާއީލަށް ހޯދައިދިނުމެވެ. 

ނަމަވެސް މިހާތަނަށް ފެންނަނީ ހިޒްބުﷲއިން ވިސްނުންތެރިކަން އިސްކޮށް އަސްކަރީ އަމާޒުތަކަށް ނޫނީ ހަމަލާ ނުދޭ މަންޒަރެވެ. އެހެން އެކަން ދަމަހައްޓައިފިނަމަ ލުބުނާނަށް އެރުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި އިސްރާއީލުގެ ރައްޔިތުންނަށާއި ދުނިޔެއަށް ދައްކައިދޭން އިސްރާއީލަށް އުދަގޫވާނެ އެވެ. ނަތީޖާއަކަށްވާނީ އެކަމުގައި ފަސްޖެހުމެއް އޮތުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.