"މި އޯގަނައިޒޭޝަނުން އޭގެ އަމިއްލަ އަޑުތައް އަހަންޖެހޭ. ދުނިޔޭގެ ރައްޔިތުން ތިބީ އަޑުއަހަން. ދުނިޔޭގެ ރައްޔިތުން ތިބީ ބަލަން،" ރައީސް ވިދާޅުވި އެވެ.
އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ފަސް ދައުލަތަށް ލިބިފައި އޮންނަ ވީޓޯގެ އިމްތިޔާޒު އުވައިލުމާއެކު ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށާއި އެފުރިކާއަށް އދގެ ސަލާމަތީ މަޖިލީހުގައި ހާއްސަކޮށް ދާއިމީ މެންބަރުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު ސެޕްޓެންބަރު މަހު ބަލަހައްޓާ ސްލޮވޭނިއާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހުޅުވާލެވިފައިވާ ބަހުސްގައި، ސަލާމަތީ މަޖިލީހާ މުހާތަބުކުރައްވައި ދިވެހިރާއްޖޭގެ ރައީސަކު ދެއްވި ފުރަތަމަ ތަގުރީރުގައި ރައީސް ވިދާޅުވީ ގިނަ ދައުލަތް ބައިވެރިވާ ނިޒާމަށް ދުނިޔޭގެ އިތުބާރު ގެއްލެމުންދަނީ، ސަލާމަތީ މަޖިލިސް ފެއިލްވެފައިވާތީ ކަމަށެވެ.
"އަޅުގަނޑުމެން މިތަނުގައި މިތިބީ ބައިނަލްއަގުވާމީ ގާނޫނު ނަގަހައްޓައި ނަސްލު ނައްތައިލުމުގެ އަމަލުތައް ހުއްޓުވުމަށް ނުކުޅެދިފައިވާ ސެކިއުރިޓީ ކައުންސިލެއްގެ ކުރިމަތީގައި ބޮޑެތި ގަތުލު އާންމެއް ހިންގަމުންދާ ދުވަސްވަރެއްގައި،" އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވި އެވެ.
އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުތައް އިސްތިއުމާރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި، އެ ސަރަހައްދުތަކުގައި އިސްރާއީލުން ގާއިމުކޮށްފައިވާ ހުރިހާ އާބާދުކުރުންތަކެއް ހުސްކުރަންޖެހޭނެކަމަށް، މި އަހަރުގެ ޖުލައި މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމާފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އދގެ މައިގަނޑު ޝަރުއީ ގުނަވަނުގެ ނިންމުންތައް ސެކިއުރިޓީ ކައުންސިލުގެ މެންބަރު ދައުލަތްތަކުން ތަންފީޒުކުރުމަށް ދުނިޔެ އުންމީދުކުރާ ކަމަށެވެ.
"މި އޯގަނައިޒޭޝަނުން އޭގެ އަމިއްލަ އަޑުތައް އަހަންޖެހޭ. ދުނިޔޭގެ ރައްޔިތުން ތިބީ އަޑުއަހަން. ދުނިޔޭގެ ރައްޔިތުން ތިބީ ބަލަން،" ރައީސް ވިދާޅުވި އެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބައެއް މީހުން ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓާ އެދިވަޑައިގެންފައިވާކަމަށާއި، އަދުލު އިންސާފު ފުރިހަމަކުރަން ސެކިއުރިޓީ ކައުންސިލުން ތާއީދުކޮށް، އަދުލު އިންސާފަށް ހީނަރުކަން ލިބިދާނެ އަމަލެއް ނުކުރުމަށް ދުނިޔެއިން އުންމީދުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ މެންބަރުން ދައުލަތްތަކުން ބިނާކުރި ގާނޫނުގެ ހުކޫމަތުގެ މައްޗަށް ބިނާވެފައި އޮންނަ، އަދުލުގެ ބިންގަލުގައި ބިނާކޮށްފައި އޮތް ބައިނަލްއަގުވާމީ ނިޒާމު، ސުންނާފަތިވެފައިވާ ހޮސްޕިޓާތަކާއި ގެދޮރާއި ސުކޫލުތަކުގެ ގާކުނީގެ ދަށުގައި ފުނޑެމުންދާ ކަމަށެވެ. އަދި ޣައްޒާއާއި ލުބުނާނުގައި މަރާލާފައިވާ މައުސޫމު އާންމުންގެ ހަށިތަކުގެ ބަރުދަނުގެ ދަށުވެ އެ ނިޒާމު ވިއްސިވިހާލިވަމުންދާ ކަމަށެވެ.
"އިސްރާއީލުން މަރާލާފައިވާ ފަލސްތީނާއި ލުބުނާނާއި އަލްޖަޒީރާގެ ނޫސްވެރިން ނޫނީ އިސްރާއީލުން އެމީހުންގެ އޮފީސްތައް ބަންދުކުރުވާފައިވާ ނޫސްވެރިން ގަދައަޅައި މަސައްކަތްކުރަނީ ހިލަމެއް ނުވެ ތުއްތުކުދިންނާއި ކުޑަކުދިން މަރުވަމުންދާ، އަނދިރީގައި ފަނާވެގެންދާ ދުނިޔެއަކަށް އަޅުގަނޑުމެން އެންމެން ބަދަލުވެ ނުދިނުމަށް،" ރައީސް ވިދާޅުވި އެވެ.
"ސަލާމަތީ މަޖިލީހުގެ ބާރުގަދަ މެންބަރުން، މިއީތޯ އަޅުގަނޑުމެންނާއިގެން ވަޑައިގަތުމަށް ތިޔަ ބޭފުޅުން ބޭނުންފުޅުވާ ދުނިޔެއަކީ؟ މިއީތޯ ތިޔަ ބޭފުޅުން އެހެން މީހުންނަށް ދައްކުވައިދެއްވަން ބޭނުންފުޅުވާ ނަމޫނާއަކީ؟"
ސަލާމަތީ މަޖިލިސް އެކުލަވައިލެވިފައިވާ ގޮތަކީ ދުވަސްވެ ބާވެފައި އޮތް، އދގެ މެންބަރު ދައުލަތްތަކުގެ މިއަދުގެ ހަގީގަތާ ފައިހަމަނުވާ އެކުލެވުމެއްކަން ފާހަގަކުރައްވަމުން ރައީސް ފާހަގަަކުރެއްވީ އދގެ މެންބަރު ދައުލަތްތަކުގެ ފަސް ބައިކުޅަ އެއްބައަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކަމަށެވެ.
"އަޅުގަނޑުމެންގެ އަޑުތައް މުހިއްމު. އަޅުގަނޑުމެން ކަންކަމާމެދު ދެކޭ ގޮތްވެސް މުހިއްމު. މައްސަލަތައް ހައްލުކުރުމުގައި މުޖުތައުގެ ރޫހާއި އެއްބާރުލުންދިނުމުގެ ސަގާފަތުން އަޅުގަނޑުމެންނަށް ލިބިފައިވާ މުއްސަނދި ތަޖުރިބާތައް މުހިއްމު. އަޅުގަނޑުމެންނަށް މި މޭޒުން ޖާގައެއް ލިބުން ހައްގު،" ރައީސް ވިދާޅުވި އެވެ.
އަދުލުވެރި ހަމަހަމަ ތަމްސީލުކުރުމެއް ސަލާމަތީ މަޖިލީހުގައި އޮތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފުރިކާއާމެދު ހިނގާފައިވާ ތާރީހީ ބޭއިންސާފަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމަކީވެސް ފުރިހަމައަށް ތާއީދުކުރައްވާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
"ޝާމިލު ފުރިހަމައަށް ތަމްސީލުވަނިވި ކައުންސިލެއްވާނީ މިހާރަށްވުރެ ރަނގަޅަށް ނަތީޖާ ނެރެވޭ ކައުންސިލަކަށް. ނަތީޖާ ނެރެވޭ ކައުންސިލެއްވާނީ އެ ކައުންސިލުން ގޮވައިލާ ކަންކަން ތަންފީޒުކުރާ ކައުންސިލަކަށް،" ރައީސް ވިދާޅުވި އެވެ.
ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމުގައި ސަލާމަަތީ މަޖިލިސް ވާވެފައި އޮތް ސަބަބަކީ ދާއިމީ މެންބަރު ފަސް ދައުލަތަށް ލިބިފައި އޮތް ވީޓޯގެ އިމްތިޔާޒުކަން ފާހަގަކުރައްވަމުން ރައީސް ގޮވައިލެއްވީ ވީޓޯ އުވައިލުމަށެވެ.
"ވީޓޯގެ އުސޫލުވަނީ ޖަވާބުދާރީވާން ނުޖެހި އިސްރާއީލަށް އަނިޔާވެރި އިސްތިއުމާރު ދަމަހައްޓައި، ސަރަހައްދީ ސަލާމަތް ނުރައްކަލަށް ހުށަހެޅުމަށް ހުއްދަ ދީފައި. ވީޓޯ ދަނީ މައުސޫމު އެތައް ބައެއް ގަތުލުކުރުމަށް ބާރުދެމުން. އެހެންވީމާ އަޅުގަނޑުމެން އެންމެން ވީޓޯ މަރައިލަމާތޯ،" ރައީސް ވިދާޅުވި އެވެ.
ހަނގުރާމައާއި މޫސުމީ ބަދަލުގެ ގުޅުން ސާފުކަމާއި، ވަބާތަކާއި ކާރިސާތަކުން ދުނިޔޭގެ ފެންވަރުގައި ބޮޑެތި ގެއްލުން ލިބޭކަން ސާބިތުވެފައިވާކަމާއި، ފެނާއި އެހެނިހެން ވަސީލަތްތައް މަދުވުމުން ހަމަނުޖެހުން އުފަންވާކަން ރައީސްގެ ތަގުރީރުގައި ފާހަގަކުރެއްވި އެވެ.
އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ ޖީބުގައި އޮންނަ ޑިވައިސް ދުރުގައި ތިބެގެން ގޮއްވައިލެވޭ މަރުހަލާއަށް ޓެކްނޮލޮޖީ ކުރިއަރައިފިކަން ފާއިތުވި ދުވަސްތަކުގައި ލުބުނާނުގައި ހިނގައިދިޔަ ކަންކަމުން ސާބިތުވެފައިވާ ކަމެވެ.
އައު އަދި ތިލަވަމުން ފެންމަތިވަމުންދާ މި ނުރައްކާތަކަށް އިޖާބަ ދިނުމުގައި ސަލާމަތީ މަޖިލިސް މިހާރަށްވުރެ ހަލުއިވެފައި ވިލުންތެރިނުވާނަމަ، އެ މަޖިލިސް މަށީގައި ވަޅުލެވިދިއުމުގެ ނުރައްކާ އެބައޮތްކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމުތަކުން އަމިއްލައަށް ކަންކަން ހައްލުކުރަން އުޅޭ މިންވަރު އިތުރުވާނަމަ، އިތުރު ހަމަނުޖެހުމާއި ހަނގުރާމައަށް ޖާގަ ލިބޭނެ. މިކަންކަން ހައްލުކުރަން ސަލާމަތީ މަޖިލީހުގެ އެ މަޖިލީހުން ހިދުމަތްކުރާ ރައްޔިތުންގެ އަޑުއަހަންޖެހޭ. މާހިރުންނާއި މަދަނީ ޖަމްއިއްޔާތަކާއި، ސަރަހައްދީ އިދާރާތަކާއި، ފަރުދުންގެ އަޑުއަހަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ރައްޔިތުންނަށް ސަލާމަތީ މަޖިލީހަށް އީޖާދީ އަދި ވަގުތުން ވަގުތަށް ބޭނުންޖެހިފައިވާ ހައްލުތައް ހުށަހެޅޭނެ އިންތިޒާމެއް ތަރުތީބުކޮށް ހަމަޖެއްސުމަށް. އަޅުގަނޑުމެން އެބަޔަކަށް ހިދުމަތްކުރަން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ ރައްޔިތުން އަޅުގަނޑުމެންނަށް އަލުން އިތުބާރުކުރުމަށްޓަކައި، އެ ރައްޔިތުންނަށް އަޅުގަނޑުމެންވެސް އިތުބާރުކުރަމާތޯ.،"