ރައީސް ވަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓު ކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުސަތަކަށް ވާނޭ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާ އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާ ގައި އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ރާއްޖެއިން ބޭއްވި ބައްދަލުވުމު ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓު ކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުސަތަކަށް ވާނޭ ކަމަށް ވިދާޅުވެފަ އެވެ.
ކޮޕް28 އިން ފެށިގެން މިހާތަނަށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ އެމިޝަންސްއަށް ވާސިލުވުމަށް އެކުލަވާލާފައިވާ ރޭވުންތަކުގެ ތަފްސީލު ވެސް މި ބައްދަލުވުމުގެ ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި އެވެ.
މީގެ ތެރޭގައި އިރުގެ އައްޔާއި ވައި އަދި އެނޫންވެސް އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓް ކުރުމާ އެކު، އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމުތައް އިތުރުކޮށް، ހަކަތައިގެ ގޮތުގައި ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ގަސްދު ކުރައްވާފައިވާ ގޮތް ވެސް ހިއްސާ ކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަމާޒުތަކަށް ވާސިލުވުމަށްޓަކައި ކުނިން ހަކަތަ އުފައްދާ ނިޒާމެއް އައްޑޫ ސިޓީ ގައި ގާއިމު ކުރައްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 13 މެގަވޮޓުގެ އިތުރު ނިޒާމެއް ތިލަފުށީ ގައި ތަރައްގީ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ދަތުރުފަތުރުގެ ނިޒާމުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމާ ގުޅޭ މާލީ އެހީ އަތްފޯރާފަށަށް ގެނައުމަށް ގޮވާލައްވާފަ އެވެ. އަދި ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލްގައި ވާފަދައިން، އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ގޮތްތައް ހިމެނުމަށް ވެސް ގޮވާލެއްވި އެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާ އެ ބަދަލުތަކަށް ހޭނުމަށާ އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހިމަނަން ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިހުރިހާ މަސައްކަތެއް ވެސް 1.5 ޑިގްރީގެ އަމާޒަށް ވާސިލުވާނޭ ފަދައިން ބައްޓަން ކުރަން ވާނެ ކަމަށް ވިދާޅުވި އެވެ.
އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަކީ މޫސުމީ ވިލުންތެރިކަން އިތުރުކޮށް އިގްތިސާދު ހަރުދަނާކޮށް، ވިލުންތެރި މުޖުތަމައަކަށް މަގުފަހިކޮށް ދޭނޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ރާއްޖެއިން މިކުރާ މަސައްކަތްތަކުން ހިތްވަރު ލިބިގެން އިތުރު ގައުމުތަކުން ވެސް އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.