މިނިސްޓަރު ވިދާޅުވީ އެ ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖޭން ދައްކަމުންދާ ބޮޑު ޓެރިފްއަށް ލުޔެއް ލިބި، މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ހިންގަން ރާއްޖެއަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބައްދަލުވުމުގައި ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ ސަބަބުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ދިވެހިރާއްޖެއިން ބޭރުކުރާ މަހުގެ އުފެއްދުންތަކުން ނަގާ ބޮޑު ޑިއުޓީ ކުޑަވެގެން ދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރައީސް ވަނީ ޔޫރަޕިއަން ކޮމިޝަނުގެ ރައީސާ އުރުސުލާ ވޮން ޑަ ލަޔަންއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި، އީޔޫއަށް ރާއްޖޭން ބޭރުކުރާ ކަނޑުމަހުން ނެގުމަށް ކަނޑައަޅާފައިވާ 25 ޕަސެންޓްގެ ޑިއުޓީގެ ސަބަބުން ރާއްޖެއިން އީޔޫގެ ބާޒާރަށް ވާދަވެރިކަމާއެކު މަހުގެ ބާވަތްތައް ބޭރުކުރަން ހުރި ގޮންޖެހުންތައް ރައީސް ވަނީ ހިއްސާ ކުރައްވާފަ އެވެ.
އެކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ބޮޑު ޑިއުޓީގެ މައްސަލަ ހައްލު ނުކުރެވި މިހާރު ގާތްގަނޑަކަށް 12 އަހަރު ވެފައިވާ ކަމަށެވެ. ވާދަވެރި އެހެން ގައުމުތަކާއެކު ރާއްޖެއަށް ފައިތިލަ ހަމަކުރަން ދަތިވެ، މަސްވެރިކަމުގެ މުޅި ސިނާއަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ [ދައުރުގެ] މިހާ ކުރީކޮޅު މިވަރުގެ ބޮޑު ޕްލެޓްފޯމަކުން އީޔޫ ކައުންސިލްގެ ރައީސްއާ މި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުން އަޅުގަނޑުމެންނަށް ޔަގީނުން ވެސް، ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތުގަ ތިއްބެވި އާއިލާތަކަށް ހަގީގަތުގަ ލިބިގެން ދިޔަ ހިތްހަމަޖެހުމެއް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖޭން ދައްކަމުންދާ ބޮޑު ޓެރިފްއަށް ލުޔެއް ލިބި، މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ހިންގަން ރާއްޖެއަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި ގައުމުތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވަމުން ގެންދަވަނީ ވަރަށް ރޭވުންތެރިކަމާއެކު، ރާއްޖެއަށް އެކަންކަމުގެ ސަބަބުން ވަރަށް ބޮޑަށް ފައިދާ ކުރާނެހެން ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ވިސްނުންތެރިކަމާއެކީގަ ހަގީގަތުގަ މި ބައްދަލުވުންތައް ތަރުތީބު ކުރެވިގެން ދިވެހިރާއްޖޭގަ މިހާރު މިހިރަ މައްސަލަތައް ހައްލު ކުރުމަށްޓަކާ އެ ބައްދަލުވުންތަކުގެ ބޭނުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ހިއްޕަވާތަން އަޅުގަނޑުމްނެނަށް މި ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.