"އެހެންކަމުން އދވަނީ އިސްލާހުކޮށް އަލުން ދިރުވުމަށް ބޭނުންޖެހިފައި. އދ ވާންޖެހެނީ ހުރިހާ ގައުމުތަކެއްގެ ތަމްސީލުކުރުމުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް،" ރައީސް ވިދާޅުވި އެވެ.
އެކުވެރި ދައުލަތްތައް އިސްލާހުކޮށް އެންމެންގެ ބައިވެރިވުން އޮންނަ ހަމަހަމަަ ޖަމާއަތެއްކަމަށް ހަދައި އައު ދިރުމެއް އެ ޖަމްއިއްޔާއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރޭ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ ހިތްވަރުދީ ބާރުވެރިކުރުވާ ބައިނަލްއަގުވާމީ މާހައުލެއް ނެތި ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ އިންގިލާބީ ބަދަލުތައް ނުގެނެވޭނެ ކަމަށެވެ. އަދި ރާއްޖެ ފަދަ ކުދި ގައުމުތަކަށް ގިނަ ދައުލަތް ޝާމިލުވާަ ނިޒާމުން މަދަދުވެރިވެ ނަތީޖާ ނެރެދޭންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
ގިނަ ދައުލަތް ޝާމިލުވާ ނިޒާމުގެ އެންމެ މަތީ ކުރިބޯއްޓަކީ އދ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އދ އޮތީ ދެމެހެއްޓެނެވި ތަރައްގީއަށް ބާރުއަޅައި، ދުނިޔޭގެ ސުލްހައާއި އަމާންކަން ނަަގަހައްޓައި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ހަމަހަމަކަމާއި، ގާނޫނުގެ ހުކޫމަތާއި ޝާމިލުކަމާއި ތަމްސީލުކުރުވަނިވި ނިޒާމު ތަންފީޒުކުރުމަށް އެންމެ އެކަށީގެންވާ މަގާމުގައި ކަމަށެވެ.
ނަމަަވެސް މިއަދު އދގެ ކިބައިން ފެންނަނީ މިކަންކަމުގެ އިދިކޮޅު ސިފަތައް ކަމަށެވެ. އެއީ މޫސުމީ ބަދަލުތަކާއި ތިމާވެށި ހީނަރުވުން ނިމުމަކަށް ނުގެނެވި، ހަނގުރާމަތަކާއި ނަސްލު ނައްތައިލުމުގެ އަމަލުތައް ނުހުއްޓުވި، އިންސާނުންގެ ނާޖާއިރު މަންފާ ނެގުމާއި، އަނިޔާ ތަހައްމަލުކުރުން ނިމުމަކަށް ނުގެނެވުމާއި ބައިނަލްއަގުވާމީ ނިޒާމުގައި އޮތް ނަހަމަ ތަމްސީލުކުރުން ނިންމައިލެވުން ފަދަ ކަންކަަން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
"އެހެންކަމުން އދވަނީ އިސްލާހުކޮށް އަލުން ދިރުވުމަށް ބޭނުންޖެހިފައި. އދ ވާންޖެހެނީ ހުރިހާ ގައުމުތަކެއްގެ ތަމްސީލުކުރުމަށް ބިނާވެފައިވާ ނިޒާމަކަށް،" ރައީސް ވިދާޅުވި އެވެ.
ގިނަ ދައުލަތް ޝާމިލުވާ ނިޒާމު ފެއިލުވެގެންދާ މަންޒަރު ބެލުމަށް ރާއްޖެއަށް ނޯވެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ސަބަބެއްކަމަށް ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ގުޅި ލާމެހިފައިވަނީ ދުނިޔެއާ ކަމަށްވާތީ ކަމަށެވެ.
އަދި އެ ސަބަބަށްޓަކައި 2027 އިން 2029 ވަނަ އަހަރަށް އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް އިންތިހާބުވާން ރާއްޖެއިން މަސައްކަތްކުރަމުންދާ ކަމަށާއި، އެ ކައުންސިލަށް ރާއްޖެ އިންތިހާބުވެއްޖެނަމަ އދގެ ތަރައްގީގެ ނިޒަމަކީ މިހާރަށްވުރެ ބޮޑަށް މިޒަމާނާ ފައިހަމަކުރާ ނިޒާމަކަށް ހެއްދެވުމަށް މަސައްކަަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ސައެންސާއި ހެކީގެ މައްޗަށް ބިނާކޮށް ގިނަ ވިސްނުންތަކާއި ހިޔާލުތައް އަޑުއަހައިގެން ތަކުރާރުކޮށް ދާއިމީ ގޮތަށް ގެންނަންޖެހޭ ނިޒާމީ ބަދަލުތައް ގެނައުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.