2019 ވަނަ އަހަރު ރިސޯޓުތަކުގެ އާމްދަނީގެ 74 އިންސައްތަ ބޭންކުތަކަށް ވެއްދި ނަމަވެސް 2023 ގައި ވައްދާފައިވަނީ އާމްދަނީގެ 52 އިންސައްތަަކަމަށްވާ 2.3 ބިލިއަން ޑޮލަރެވެ.
ރާއްޖޭގެ ރިސޯޓުތަކަށް ޑޮލަރުން ލިބުނު އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ވެއްދި މިންވަރާއި ރިސޯޓުތަކުން ބޭންކުތަކަަށް ޑޮލަރު ވިއްކި އަދަދު، ކޮވިޑް-19 އަށްފަހު ވަރަށް ބޮޑަށް މަދުވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން މީޑިޔާތަކާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2019 ވަނަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީއަށްވުރެ 2023 ވަނަ އަހަރު ލިބުނު އާމްދަނީވަނީ 34 އިންސައްތައިން އިތުރުވެފަ އެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކަށް 2019 ވަނަ އަހަރު ޖުމްލަ ސޭލްސްގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ޑޮލަރެވެ. 2023 ގައި އެ އަދަދުވަނީ 4.5 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
އެ ހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވެއްދި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު އާމްދަނީގެ 74 އިންސައްތަކަމަށްވާ 2.5 ބިލިއަން ޑޮލަރުވަނީ ބޭންކުތަކަަށެވެ.
ޑޮލަރުން ރިސޯޓުތަކަށް 2023 ގައި ލިބުނު އާމްދަނީ 2019 އާ އަޅާބަލާއިރު އިތުރުވި ނަމަވެސް ރިސޯޓުތަކުން ބޭންކުތަކަށް ވެއްދި ޑޮލަރުވަނީ އާމްދަނީގެ ނިސްބަތުން ވަރަަށް ބޮޑަށް މަަދުވެފަ އެވެ. 2019 ވަނަ އަހަރު ރިސޯޓުތަކުގެ އާމްދަނީގެ 74 އިންސައްތަ ބޭންކުތަކަށް ވެއްދި ނަމަވެސް 2023 ގައި ވައްދާފައިވަނީ އާމްދަނީގެ 52 އިންސައްތަަކަމަށްވާ 2.3 ބިލިއަން ޑޮލަރެވެ.
ބޭންކުތަކަށް ރިސޯޓުތަކުން މާރުކުރި ނުވަތަ ބޭންކުތަކަށް ވިއްކި ޑޮލަރުވެސް 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ވަރަށް ބޮޑަށް މަދުވެފައިވެ އެވެ. އެގޮތުން 2019 ވަނ އަހަރު ޓޫރިޒަމުން ބޭންކުތަކަށް ވަން ފައިސާގެ %6 ބޭންކުތަކަށް ވިއްކި އެވެ. އެއީ 152 މިލިއަން ޑޮލަރެވެ.
ނަމަވެސް 2023 ވަނަ އަހަރު ބޭންކުތަކަށް ވަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް ވިއްކާފައިވަނީ އެންމެ 3 އިންސައްތަ އެވެ. އެއީ 68 މިލިއަން ޑޮލަރެވެ.
ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވަން މިންވަރު މަދުވިއިރު އެ މުއްދަތުގައި ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކި މިންވަރުވަނީ އިތުރުވެފަ އެވެ. އެގޮތުން 2019 ވަނ އަހރު 76.6 މިލިއަން ޑޮލަރު ވިޔަފާރި ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރިއިރު، 2023 ގައި ބޭންކުތަކަަށް ދޫކުރި ޑޮލަރު 27 އިންސައްތައިން އިތުރުވެ 480.1 މިލިއަން ޑޮލަރު އެމްއެމްއޭއިން ދޫކުރި އެވެ.
އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރުގެ އަދަދު އިތުރުވަމަކީ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގައި ޑޮލަރު ރައްކާކުރެވޭ މިންވަރު މަދުވާނެ ސަބަބެކެވެ.
"މިރާ"އިން މީގެ ކުރިން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ކަޅު ބާޒާރަށް ޑޮލަރު ނެރެނީ ރިސޯޓު ވިޔަފާރިތަކުންނެވެ. އެފަދައިން ކަޅު ބާޒާރަށް ރިސޯޓުތަކުން ޑޮލަރު ނެރުމަށްފަހު ބޮޑު އަގުގައި ޑޮލަރު ވިއްކުމުން ލިބޭ ފައިދާއިން ރިސޯޓުތަކުން ދައްކަންޖެހޭ ބިލުތަކާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާގެ ކަންކަން ހަމަޖައްސާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.