ދުނިޔެއަކީ ފަސް ގައުމަށްވުރެ ބޮޑު ތަނެއްކަމަށް ވިދާޅުވެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންނަށް ބޮޑެތި ބާރުތަކެއް އޮންނަ ނިޒާމަށް 2013 ވަނަ އަހަރުން ފެށިގެން އުރުދުޣާން ގެންދަވނީ ފާޑުވިދާޅުވަމުންނެވެ.
އދގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލީޑަރުން ނިއު ޔޯކު ސިޓީއަށް ޖަމާވެވަޑައިގަންނަވަމުންދާ ވަގުތެއްގައި އދގެ ނިޒާމު އިސްލާހުކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގޮވައިލެއްވި ގޮވެއްލެއްވުން ނިއުޔޯކުގެ މަގުތަކުން ފެންނާނެ ބޮޑު ކެމްޕެއިނެއް ފަށައިފި އެވެ.
މި ކެމްޕެއިނަކީ މިހާރު އދގެ ނިޒާމުގައި ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ދައުލަތްތަކަށް އޮންނަ ވީޓޯ ކުރުމުގެ ބާރާ ދެކޮޅަށް އުރުދުޣާން ދައްކަވަން ފައްޓަވާފައިވާ ވާހަކަފުޅުތަކާ ގުޅިގެން ހިންގާ ކެމްޕެއިނެކެވެ. އދގެ ހުރިހާ މެންބަރު ދައުލަތްތަކެއް ހިމެނޭ އާންމު މަޖިލީހުން ނިންމާ ނިންމުންތައް ވީޓޯ ކުރުމުގެ ބާރު ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ދައުލަތްތަކުގެ ގޮތުގއި އޮންނަ ފަސް ދައުލަތަށް އޮވެ އެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ޖަރީމާ ހުއްޓުވުމަށް އދގެ އާންމު މަޖިލީހުން ގަރާރަކަށް ފަހު ގަރާރެއް ފާސްކުރި ނަމަވެސް އެއިން އެއްވެސް ގަރާރަކަށް އަމަލުކުރުން ލާޒިމުނުވާ ސަބަބަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ހައިސިއްޔަތުން އެމެރިކާއިން އެ ގަރާރުތައް ވީޓޯ ކުރުމެވެ. އަދި އިސްރާއީލާ ދެކޮޅަށް ފިޔަވަޅެއް ނޭޅި އިސްރާއީލުގެ ޖަރީމާތައް ނުހުއްޓުވި ދިގުލައިގެންދަނީވެސް އެހެންވެ އެވެ.
މި ކެމްޕެއިނުގައި ތަފާތު ޝިއާރުތައް ބޭނުންކުރެ އެވެ. އެގޮތުން ބިލްބޯޑުތަކާއި ވެހިކަލްތަކުގައި ޕްރިންޓުކޮށްފައިވާ ޝިއާރުތަކުގެ ތެރޭގައި، "ފަހަކަށްވުރެ ކުރިއަށް؛ އެންމެނަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ނިޒާމެއް ބިނާކުރުން" ފަދަ ޝިއާރުތައް ހިމެނެ އެވެ.
ތުރުކީން އދގެ ނިޒާމު އިސްލާހު ކުރަން ގޮވައިލާ ޝިއާރުތައް ނިއުޔޯކުގެ މަގުތަކުން ފެންނާނެ ގޮތަށް ޕްރިންޓުކޮށް ޕްރޮމޯޓުކުރުމުގެ މަސައްކަތްކުރީ ތުރުކީގެ ޑިރެކްޓަރޭޓް އޮފް ކޮމިއުނިކޭޝަންސްއިން އިންތިޒާމުކޮށްގެންނެވެ.
ދުނިޔެއަކީ ފަސް ގައުމަށްވުރެ ބޮޑު ތަނެއްކަމަށް ވިދާޅުވެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންނަށް ބޮޑެތި ބާރުތަކެއް އޮންނަ ނިޒާމަށް 2013 ވަނަ އަހަރުން ފެށިގެން އުރުދުޣާން ގެންދަވނީ ފާޑުވިދާޅުވަމުންނެވެ.
ތުރުކީން ތަކުރާރުކޮށް ބުނަމުން އަންނަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ފަސް ދައުލަަތަށް ދީފައިވާ ވީޓޯގެ ބާރަކީ އދއަށް ބައިނަލްއަގުވާމީ މަސްރަހުގައި ލީޑާޝިޕު ދައުރެއް އަދާކުރުމަށް ހުރަސްއަޅާ 21 ވަނަ ގަރުނުގެ ހަގީގަތްތަކަށް ނުފެތޭ ބާވެފައިވާ ނިޒާމެއްގެ ބައެއް ކަމަށެވެ.