ލުބުނާނަށް ބިރުވެރި ދުވަހެއް؛ އިސްރާއީލުން 492 މީހަކު މަރައިލި

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ހޯމަދުވަހު ދިން ހަމަލާތަކުގައި 35 ކުޑަކުދިންނާއި 58 އަންހެނުންނާއި ދެ ސިއްހީ ހިދުމަތްތެރިން މަރުވެފައިވެ އެވެ.

އިސްރާއީލުން ލުބުނާނުގެ ބެއިރޫތަށް ދިން ހަމަލާއެއްގައި ގެއްލުންވި ސަރަހައްދެއް، ފޮޓޯ: ރޮއިޓާސް

ލުބުނާނުގައި 1975 އިން 1990 އަށް ކުރިއަށްދިޔަ އަހުލީ ހަނގުރާމައަށްފަހު އެ ގައުމު ދެކެފައިވާ އެންމެ ބިރުވެރި ދުވަސްކަމަށް އިއްޔެ ހަދައިލާ، ލުބުނާނުގެ ދެކުނާއި އިރުމައްޗަށް ވައިގެ މަގުން އިސްރާއީލުން ދިން ހަމަލާތަކުގައި 492 މީހުން ޝަހީދުކޮށްލައި، 1،645 މީހަކަށް އެކިވަރުގެ އަނިޔާތައް ދީފި އެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ހޯމަދުވަހު ދިން ހަމަލާތަކުގައި 35 ކުޑަކުދިންނާއި 58 އަންހެނުންނާއި ދެ ސިއްހީ ހިދުމަތްތެރިން މަރުވެފައިވެ އެވެ. އިސްރާއީލުން އެޅި ބޮންތައް ގެދޮރާއި ސިއްހީ މަރުކަޒުތަކާއި އެމްބިއުލާންސްތަކާއި ރައްކާތެރި ހިސާބަކަށް ދެވޭތޯ މީހުން ދުއްވަމުންދިޔަ ކާރުތަކަށް އަމާޒުކޮށްފައިވެ އެވެ. 

އިއްޔެގެ ހަމަލާތަކާ ގުޅިގެން އެތައްހާސް ބަޔަކުވަނީ ދެކުނު ލުބުނާނު ދޫކޮށް ބެއިރޫތަށް އަމާޒު ހިފާފަ އެވެ. ނަތީޖާއެއްގެ ގޮތުން ދެކުނުގައި އޮންނަ ބަނދަރު ޝަހަރެއްކަމަށްވާ ސައިޑޯންއިން ނުކުންނަ ހަލިމަގު ތޮއްޖެހުނެވެ. މިއީ 2006 ވަނަ އަހަރުގެ ހަނގުރާމައަށްފަހު ދެކުނު ލުބުނާނުން އެންމެ ގިނަ އަދަދަކަށް މީހުން ހިޖުރަކުރި ފަހަރެވެ. 

ލުބުނާނުގެ ބޮޑު ބައެއްގައި ސަރުކާރުންވަނީ ސުކޫލުތަކާއި ޔުނިވަސިޓީތައް ބަންދުކޮށްފަ އެވެ. އަދި ދެކުނުން ހިޖުރަކުރާ މީހުންނަށް ހުރިހާ ސަރަހައްދެއްގައި ވަގުތީ ހިޔާތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވެ އެވެ. 

އިސްރާއީލު އަސްކަަރިއްޔާއިން ބުނެފައިވަނީ ހިޒްބުﷲއިން ބޭނުންކުރާ 1،300 ތަނަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތައް ދީފައިވާނެ ކަމަށެވެ. އިސްރާއީލުގެ މި ހަމަލާތަކާއެކު ހިޒްބުﷲއާއި އިސްރާއީލުގެ މެދުގައި ފުޅާ ހަނގުރާމައެއް ފެށުމުގެ ބިރުވަނީ ބޮޑުވެފަ އެވެ. 

އިސްރާއީލު އަސްކަރިއްޔާއިންވަނީ ލުބުނާނުގައި ހިޒްބުﷲއިން އޮޕަރޭޓުކުރާ ސަރަހައްދުތަކާ ދުރުގައި ތިބުމަށް އެ ގައުމުގެ ރައްޔިތުންނަށް އިންޒާރުކޮށްފަ އެވެ. ނަމަވެސް ހިޒްބުﷲއިން ބޭނުންކުރާ ތަނެއްކަމަށް އިސްރާއީލުން ގަބޫލުކުރާނީ ކޮން ތަނެއްކަަން ނޭނގޭކަން ފާހަގަކޮށް ލުބުނާނުގެ ގިނަ ބަޔަކު ބުނަމުންދަނީ އެ އިންޒާރަކީ އެއްވެސް މާނައެއް ހުރި އިންޒާރެއް ނޫން ކަމަށެވެ. 

ދެކުނާއި އިރުމައްޗަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހިޒްބުﷲއާއި އިސްރާއީލުގެ މެދުގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑުވެފައިވާތީ ލުބުނާނުގެ ގިނަ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. 

އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ހިޒްބުﷲއިން ކުދިކުދި އޮޕަރޭޝަންތައް ހިންގަމުންދަނިކޮށް ފާއިތުވި ހަފުތާގައި އިސްރާއީލުން ޕޭޖަރުތަކެއް ގޮއްވާލައިގެން އެތައް ސަތޭކަ ބަޔަކު މަރައިލުމާ ގުޅިގެން އެ ޖަމާއަތުގެ ހަމަލާތައް އިތުރުކުރި އެވެ. 

ހޯމަދުވަހުގެ ހަމަލާތަކަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން މަސައްކަތްކުރަނީ އެ ގައުމުގެ އުތުރު ބޯޑަރުގެ ސަލާމަތީ ތިލަފަތުގެ ބަރުދަން ބަދަލުކޮށްލަން ކަމަށެވެ. އަދި މިކަމުގައި އިސްރާއީލުގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަމަށާއި، އެއްބައިވަންތަކަމަށް އޭނާ ގޮވައިލެއްވި އެވެ. 

އިސްރާއީލުން ގެންދަނީ ލުބުނާނުގެ ގެތަކުގެ ލޭންޑްލައިން ފޯނުތަކަށް ގެދޮރު ދޫކޮށް އެހެން ތަންތަނަށް ދިއުމަށް އިންޒާރު ދީ ރެކޯޑެޑް މެސެޖުތަކެއް ފޮނުވަމުންނެވެ. ލުބުނާނު ސަރުކާރުން ސިފަކުރި ގޮތުގައި މިއީ އިސްރާއީލުން ބޭނުންކުރާ ނަފުސާނީ ހަނގުރާމައިގެ އުކުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.