ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފަ އެވެ.
އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗާ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ" ގެ ކޯ-ޗެއާގެ ހައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަމަށް މަގުފަހިވާނެ މައިގަނޑު ތިން ކަމެއް ވަނީ ހުށަހަޅުއްވާފައެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރި ކުރުވުމެވެ. އެގޮތުން ޑިޖިޓަލް އިގްތިސާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ހަރަކާތްތަކެއް ފެށުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި ދޭސީ އީޖާދުތަކަށް ބާރުދީ، އިގްތިސާދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމު ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމެވެ. އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ހާސިލުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރު ވެސް މި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ހައްގުއް ރައްކާތެރިކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ، ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ ޑިޖިޓަލް ވެއްޓެއް ގައި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭ ގައި ނޭޝަނަލް ސައިބާސެކިއުރިޓީ އޭޖެންސީއެއް ގާއިމުކޮށްފައި ވަނީ މިފަދަ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްޓަކައި ކަމުގަ އެވެ.
އެމަނިކުފާނު އަދި ވިދާޅުވީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓާނެޓްގެ ހިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުން ކަމަށެވެ. އެކަމުގެ ސަބަބުން ވަކިން ހާއްސަކޮށް ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ތަރައްގީ އާއި އަދުލުއިންސާފަށް ހުރަސް އެޅޭ ކަމުގައި ވިދާޅުވި އެވެ.