ސާޖަންޓް އާދަމް ހަލީމް މަރާލާފައި ވަނީ ސަމާހު ގޭބަންދުކޮށްފައި ހުއްޓައި ރަށު ތެރޭގައި އުޅެނިކޮށް އޭނާ ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅެނިކޮށެވެ. އެވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ.
ކ. ކާށިދޫގައި މީގެ 12 އަހަރު ކުރިން މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް، މުހައްމަދު ސަމާހުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޖުލައި 23، 2012 ގެ ރޭ ކާށިދޫގައި ޑިއުޓީ ކުރަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ބިރުދެއްކުމަށްފަހު މަރާލާފައިވާކަން އެރަށު ސުވާސާގޭ ސަމާހުގެ މައްޗަށް ސާބިތުވެފައިވެ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ މަރަން އިއްވި ހުކުމް ހައިކޯޓުން ވެސް ދަމަހައްޓާފައިވެ އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ސަމާހު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން އިންކާރުކުރުމަށްފަހު ސަމާހު ބުނެފައި ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ވަނީ އޭނާގެ އިއުތިރާފްގެ މައްޗަށް ބިނާކޮށެވެ. އޭނާ މަރަން ހުކުމްކޮށްފައި ވަނީ ހުރިހާ ވާރިސުންވެސް ގިސޯސް ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ.
ހައިކޯޓުން ކޮށްފައިވާ ހުކުމް ސަމާހުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އިސްތިއުނާފުގައި ސަމާހު ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، އޭނާ އިއުތިރާފު ވެފައި ވަނީ ފުލުހުންގެ ފަރާތުން މަޖުބޫރުކޮށް ބިރު ދެއްކުމުން ކަމަށް ފަހުން އޭނާ ބުނެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ތަހުގީގު މުޅި ދައުވާއަށް އިއުތިރާފުވި ނަމަވެސް ޝަރީއަތުގައި ސަމާހު ބުނެފައި ވަނީ އާދަމް ހަލީމް މަރާލީ ގަސްތުގައި ނޫން ކަމަށެވެ. އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، ހަމަލާ ދެވުނީ އޮފިސަރަށް ބިރުދައްކާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭނާ ވަނީ ފަހުން ކްރިމިނަލް ކޯޓުގައި އެ އިއުތިރާފުން ރުޖޫއަވެފަ އެވެ. ހަނު ހުރުމަށްފަހު ވަކީލަކާ ނުލައި އިއުތިރާފުވީ ފުލުހުން އަނިޔާ ކޮށްގެން ކަމަށް ބުނެފައިވެ އެވެ. އޭނާއަށް ފުލުހުން އަނިޔާކުރި ކަމަށް ހެކިވާނެ މީހުން ތިބި ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ބުނި ނަމަވެސް އެ ހެކިން ހާޒިރު ކޮށްފައި ނުވާ ކަމަށް ސަމާހު ވަނީ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ.
ސަމާހުގެ ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނެފައި ވަނީ ސަމާހުއަށް އަނިޔާވެފައި ވަނީ އޭނާ ހައްޔަރު ކުރަން އުޅުމުން، ނުދާން ގަދަހެދުމުން ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ސަމާހު ގެނެސްފައި ވަނީ ބާރުގެ ބޭނުން ކޮށްގެން ކަމަށާއި، އެ ހާލަތުގައި އަނިޔާވެދާނެ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އަނިޔާކޮށްފައިވާނަމަ އެކަން ފުލުހުންގެ އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ސަމާހު ހުށަހަޅާފައި ނުވާ ކަމަށެވެ.
ސަމާހުއަށް ފުލުހުން އަނިޔާކޮށްފައި ވަނީ ފުލުހަކު މަރާލާފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ރޫހުގައި ކަމަށް އޭނާ ބުނެފައިވެ އެވެ. ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ފަނޑިޔާރު ހުސްނުއް ސުއުދު ވިދާޅުވީ އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާކަން ސާބިތު ކުރުމަށް ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ދީފައި ނުވުމަކީ އިޖުރާއީ ގޯހެއް ކަމަށެވެ. މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްފައި ވަނީ ސަމާހުއަށް އެ ފުރުސަތު ދިނުމަށެވެ.
ހުކުމުގައި ފަނޑިޔާރު ވިދާޅުވެފައި ވަނީ ދެފަހަރު ދެ ގޮތަކަށް ސަމާހު އިއުތިރާފުވެފައިވާއިރު، ދެ ބަޔާނުން ދައުލަތުން ބޭނުންވާ ތަންކޮޅު އެކަނި ނަގައިގެން ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އެހެނީ، އިއުތިރާފުގެ ބަޔާން އޮންނަން ވާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.
އޭގެ އިތުރުން، މި މައްސަލަ ސާބިތުކޮށްފައި ވަނީ ހަމައެކަނި ސަމާހުވެފައިވާ އިއުތިރާފުގެ މައްޗަށްކަން އެނގޭއިރު، އިތުރު މިނިވަން އެހެން ހެކި ހުށަހަޅާފައި ނުވާކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެހެންކަމުން ހުކުމް ކުރައްވަމުން ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި އިތުރު ހެކި ހުށަހަޅެމުގެ ފުރުސަތު ވެސް ތަހުވީލު ކުރާ މައްސަލައިގައި ދައުލަތަށް ލިބިގެންދާނެ ކަމަށެވެ.
ސާޖަންޓް އާދަމް ހަލީމް މަރާލާފައި ވަނީ ސަމާހު ގޭބަންދުކޮށްފައި ހުއްޓައި ރަށު ތެރޭގައި އުޅެނިކޮށް އޭނާ ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅެނިކޮށެވެ. އެވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ.
ހ. ފޯވިންޑްގައި ފުލުހުންގެ ތަހުގީގުތަކަށް ހާއްސަކޮށްގެން އިމާރާތް ކުރި ތަނަށް ނަން ދީފައި ވަނީ ސާޖަންޓް އާދަމް ހަލީމްގެ ހަނދާނުގަ އެވެ. އެ އިމާރާތަށް ކިޔަނީ "ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" އެވެ.