އެންމެ ފަހުގެ ބޯހިމެނުން ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަމްގެ ވަޒީފާ ބާޒާރުގައި ދިވެހިންގެ ހިއްސާއަކީ 40 ޕަސެންޓެވެ.
ރާއްޖޭގެ ޓޫރިޒަމަށް ބޭނުންވާ މީހުން ނުލިބުމަކީ އެންމެ ބޮޑު މައްސަލަ އެވެ. އެކަމަކު މިހާތަނަށް މި މައްސަލައިގެ ހައްލު ހޯދަން ގައުމީ ފެންވަރުގައި މަސައްކަތްކޮށްފައެއް ނެތެވެ. މި ސަރުކާރުން ވެސް ވަނީ މިކަމަށް ހައްލު ހޯދަން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވައުދުވެފަ އެވެ. އެގޮތުން ޓޫރިޒަމް ސިނާއަތަށް ބޭނުންވާ ދިވެހިން ތަމްރީން ކުރަން ރިސޯޓު ތަރައްގީ ކުރަން ނިންމުމާއެކު ޓްރެއިނިން ރިސޯޓު ހަދަން ހުށަހެޅުންތަކެއް ލިބި ދެ އަހަރުތެރޭ ހުޅުވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ގައުމީ ޔުނިވާސިޓީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިސްވެ އޮވެ ކުރިއަށް ގެންދަން ނިންމާފައިވާާ މި މަޝްރޫއުގެ ދަށުން ރަށް ތަރައްގީ ކުރަނީ ލ. އަތޮޅުގަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ޓްރެއިނިން ރިސޯޓު ތަރަގީ ކުރަން ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށާ އެ ޕްރޮޕޯސަލްތައް ރިވިއުކުރަން ފަށާފައިވާ ކަމަށެވެ.
ސަރުކާރުން ވިސްނާފައިވަނީ ލާމު އަތޮޅުގައި ހުންނަ މި ޓްރެއިނިން ރިސޯޓަކީ ޓޫރިޒަމް ދާއިރާއިން ކިޔަވަން ޝައުގުވެރިވާ ބައިނަލްއަގްވާމީ ދަރިވަރުންނަށް ވެސް ފުރުސަތު ލިބޭނެ ގޮތަށް ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީން ރިސޯޓަކަށް ހެދުމަށެވެ. މަސައްކަތް ޕްރޮޕޯސަލް ހުށަހެޅި ފަރާތަށް ހަވާލު ކުރުމާއެކު ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މިހާރުގެ ވިސްނުމަކީ ދިވެހިން ޓޫރިޒަމްގެ އިސް މަގާމުތައް އަދާކުރެވޭނެ ބަޔަކަށް ހެދުންކަމަށް ބުނެފަ އެވެ.
ދިވެހި ޓޫރިޒަމް ސިނާއަތުގައި ދިވެހިންނަށް ވަޒީފާ އަދާކުރަން ހުރި ފުރުސަތުތައް ދަނީ ހަނިވަމުންނެވެ. މޯލްޑިވްސް ސްޓެޓިސްޓިކްސް އިން 2022 ވަނަ އަހަރު މުޅިރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުން ދައްކާ ގޮތުން ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ ތެރޭގައި ހިމެނޭ ދިވެހިންގެ ނިސްބަތް ހުރީ 40 ޕަސެންޓުގަ އެވެ. މި ދާއިރާގައި މިވަގުތު ތިބީ އެންމެ 22،337 ދިވެހިންނެވެ. ނަމަވެސް އަހަރުން އަހަރަށް ރާއްޖޭގެ ޓޫރިޒަމްގެ އެނދުތައް އިތުރުވަމުންދާއިރު މި ދާއިރާއަށް ގިނަ ވަޒީފާތަކެއް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ޓޫރިޒަމްގެ އެކި ދާއިރާތަކަށް ތަމްރީންވެފައި ތިބި ދިވެހިން ނެތުމުގެ ސަބަބުން އެ ވަޒީފާތަކަށް ބޭރު މީހުން ގިނައިން ނަގަ އެވެ. އަދި ގިނަ ރިސޯޓުތަކުގެ އެޗްއާރުފަދަ އިސް މަގާމުތަކުގައި ބޭރު މީހުން ތިބެގެން ގަސްތުގައި ދިވެހިން ނުނެގުމުގެ ސިޔާސަތުތަކެއް ވެސް ގެންގުޅޭ ކަމަށް މި ސިނާއަތުގައި މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން ތުހުމަތު ކުރެ އެވެ.