ފުލުހުން މިއަދު ބުނީ ހެލްތު މިނިސްޓްރީގެ ހުއްދައެއް ނެތި ހުޅުމާލޭގައި ހިޖާމާ ކްލިނިކެއް ހިންގާ މައްސަލަ ބަލައިދިނުމަށް އެ މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
ރަޖިސްޓަރީނުކޮށް ހެލްތު މިނިސްޓްރީގެ ހުއްދައެއް ނެތި ހިންގަމުންދާ ފަޒީސް ހިޖާމާ ތެރަޕީ ބަންދުކޮށްދިނުމަށް ހެލްތު މިނިސްޓްރީން ފުލުހުންގެ ހިދުމަތުގައި އެދިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޒީސް ހިޖާމާ ބަންދުކޮށްދިނުމަށް ފުލުހުން ކިބައިން ހެލްތު މިނިސްޓްރީން އެދުނީ ފާއިތުވި ހަފުތާގަ އެވެ.
ހެލްތު މިނިސްޓްރީން މި މަހުގެ 11 ވަނަ ދުވަހު ފަޒީސް ހިޖާމާ ތެރަޕީގެ ވެރިޔާ ފަޒީލާ އުސްމާނަށް އަންގާފައިވަނީ ރަޖިސްޓްރީކޮށް އެތަން ހިންގުމުގެ ހުއްދަ ލިބެންދެން އެތަނުން ފޯރުކޮށްދޭ ހިޖާމާ ޖެހުމުގެ ހިދުމަތް ހުއްޓައިލުމަށެވެ.
އެ ހިދުމަތް ހުއްޓައިލަން އެންގުމާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަޒީސް ހިޖާމާ ހުއްޓައިލަން އެންގީ އެތަނާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅޭ ގޮތުން ފަޒީލާއާ ބައްދަލުކޮށް އެތަން ރަޖިސްޓްރީ ކުރަން އެންގުމަށްފަހު އެގޮތަށް އަމަލުނުކުރުމުންނެވެ.
ބައެއް ކަހަލަ ބަލިތަކަށް ޑޮކްޓަރީ ފަރުވާގެ ބަދަލުގައި ހިޖާމާ ފަރުވޭ ބޭނުންކުރެވޭނެކަމަށް ބުނެ ފަޒީސް ހިޖާމާއިން މީސްމީޑިޔާގައި އާންމުކޮށްފައިވާ އިޝްތިހާރުތަކަކީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި އާންމުނުކުރެވޭނެ އިޝްތިހާރުތަކަކަށްވާތީ އިޝްތިހާރުތައް ނެގުމަށް އަންގާފައިވެ އެވެ.
އަދި ފަޒީސް ހިޖާމާއިން އާންމުކޮށްފައިވާ ބަލި މީހުންގެ މެޑިކަލް ރެކޯޑުތަކުގެ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުނުވާތީ އެ ރިޕޯޓުތައްވެސް ނެގުމަށް ހެލްތު މިނިސްޓްރީން އެންގި އެވެ.
ފުލުހުން މިއަދު ބުނީ ހެލްތު މިނިސްޓްރީގެ ހުއްދައެއް ނެތި ހުޅުމާލޭގައި ހިޖާމާ ކްލިނިކެއް ހިންގާ މައްސަލަ ބަލައިދިނުމަށް އެ މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
މީގެ ކުރިން ފަޒީސް ހިޖާމާގެ ހިދުމަތްތައް ހުއްޓައިލަން ހެލްތުން އެންގިކަން ނޫސްތަކުން ރިޕޯޓުކުރުމުން ފަޒީލާވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެވާހަކަތައް ދޮގުކޮށްފަ އެވެ.