މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒަކީ ތިނަދޫގައި މިހާރު ތަރައްގީކުރަން ފަށާފައިވާ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތް ފެށޭ އަހަރަށް ނިންމައި އެތަނަށް މަސް ގަންނަން ފެށުން ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސިޓީގެ މަސްވެރިންނާއި ބައްދަލުކުރައްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ދަތިތަކާމެދު މިނިސްޓަރުވަނީ މަޝްވަރާކުރައްވާފަ އެވެ.
މަސްވެރިން އެ ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި ކަމަކީ މިފްކޯއިންނާއި ފިއުލް ސަޕްލައި މޯލްޑިވްސްއިން ކްރެޑިޓަށް ތެޔޮ ލިބުން ހުއްޓިފައި އޮތުމެވެ. އަދި މަސްވެރިން ކިރުވާ މަހަށް ލިބެންޖެހޭ ފައިސާ މުއްދަތަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންވެސް މަސްވެރިން ފާހަގަކުރި އެވެ.
މަސްވެރިންނަށް އެކަށީގެންވާ ވަގުުތަށް ފައިސާ ނުލިބޭއިރު ވަގުތުން ފައިސާ ދައްކައިގެން އޮޑިފަހަރަށް ތެޔޮ އެޅުމަކީ މިހާރު ދަތި ކަމެއްގެ ގޮތުގައި މަސްވެރިން ފާހަގަކުރި އެވެ. އަދި ކްރެޑިޓަށް ފަސޭހައިން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިނިސްޓްރީން އިސްނަގައިގެން މަސައްކަތްކޮށްދިނުމަށް ޝިޔާމު އަރިހުން މަސްވެރިން އެދުނެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މި ފެށޭ ހަފުތާގައިވެސް އެކަމާ ގުޅުންހުރި ފަރާތްތަކާއެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެ ކަމުގައި ޝިޔާމު ވިދާޅުވި އެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ.މުއިއްޒު ބޭނުންފުޅުވަނީ ތިނަދޫގައި މިހާރު އަޅަމުންދާ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތް އަންނަ އަހަރަށް ނިންމައި، އަންނަ އަހަރު އެތަނަށް މަސް ކިރުވަން ފެށުމަށް ކަމަށެވެ. އަދި ރައީސް ބޭނުންފުޅުވާ އަމާޒު ހާސިލުކުރުމަށް ކޯލްޑް ސްޓޮރޭޖުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.