ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި މިމަހު 214 ދަރިވަރުން އަދި އޮކްޓޯބަރު މަހާ ލައިގެން ގާތްގަނޑަކަށް 290 ދަރިވަރުން ކިޔަވަން ފުރަން ވަނީ ހަމަޖެހިފަ އެވެ.
މިއަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯނަށް 473 މިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތުން ހަރަދުކޮށްފައިވާ ކަމަށާއި، މިއަހަރު އަދި 180 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިމަހުގެ ސްޓޫޑެންޓް ލޯނުގައި ރާއްޖޭން ބޭރަށް ފުރާ ދަރިވަރުންނަށް ފައިސާ ހަމަނުޖެހުމުގެ ސަބަބުން ދަރިވަރުންގެ ފަރާތުން ދިޔައީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފައިސާ ހަމަނުޖެހުމުގެ ސަބަބުން އަމިއްލައަށް ހަރަދުކޮށްގެން ވެސް ކުދިން ފުރާފައިވެ އެވެ.
މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި މިމަހު 214 ދަރިވަރުން އަދި އޮކްޓޯބަރު މަހާ ލައިގެން ގާތްގަނޑަކަށް 290 ދަރިވަރުން ކިޔަވަން ފުރަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން 74 ދަރިވަރުންނަށް ޕޭމެންޓް ލިބިއްޖެކަން ޔަގީން ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މިދިޔަ އަހަރު ލޯނު ހަމަޖެހުނު ކުދިންގެ ތެރެއިން 600 އެއްހާ ދަރިވަރުންނަށް ވެސް ފުރަތަމަ ޕޭމަންޓް ދޫކުރާނީ މިއަހަރު އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ މި މަހު ފައިސާ ދޫކުރަން ދަތިތަކާ ދިމާވީ ވަރަށް ބައިވަރު ކުދިންނަށް އެއްފަހަރާ ފައިސާ ދޫކުރަން ޖެހުމުން ކަމަށެވެ. އެއްގޮތަކަށް ވެސް މިމަހު އެހާ ބާރުބޮޑުވާނެ ކަމަށް ކުރިން އަންދާޒާ ކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ފައިސާ ދޫކުރުމުގައި ދަތިތައް ދިމާވާ ސަބަބުތައް ވެސް މިނިސްޓަރު ވިދާޅުވެ ދެއްވި އެވެ. އެގޮތުން އެކަށީގެންވާ ވަގުތު އޮއްވައި ދަރިވަރުން ފުރާ ދުވަސް މިނިސްޓްރީއަށް ނޭންގުމުގެ ސަބަބުން ފައިސާ ހަމަޖައްސަން ވަގުތު ނުލިބޭނެކަން ފާހަގަކުރެއްވި އެވެ.
ލޯނުގައި ކިޔަން ދެވެނީ ވަކި ގައުމުތަކަކަށްވާއިރު، ސީދާ އެ މިންވަރަށް ހަރަދު ހިނގާ އެހެން ގައުމަކަށް ވެސް ދަރިވަރުން ބޭނުންނަމަ ދެވެ އެވެ. ނަމަވެސް އެކަން ވެސް ކުރިން މިނިސްޓްރީއަށް އަންގަން ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ލޯނުގެ އަދަދު ހަމަޖެއްސޭނެ ގޮތަށް ލިޔެކިޔުންތައް ހުށަހެޅުމަކާ ނުލައި އެކަމަށް [ފައިސާ ހޯދަން] އެދެފައި އޮންނަތަން އާދޭ، އެހެންވީމާ ލޯނު ލިޔެކިޔުމުގެ މަސައްކަތް ނިންމަން އިތުރު ދަތިތަކާ ދަތިތަކެއް ކުރިމަތިވޭ. އެކަންކަން ފަސޭހަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ، އެކަންކަން އަބަދުވެސް ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސެޕްޓެމްބަރު މަހު ފުރާ ދަރިވަރުންނަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން މިނިސްޓްރީން އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޕެން އެންޑް ޕޭޕާ ޑިޖިޓަލައިޒެއް ވެސް ނުވޭ، އެހެންވެގެން ވަރަށް ދަތި ޕޭޕާ ވޯކްކުރަން، އެހެން ވެގެން ވެސް ލަސްވޭ. ދެން އަޅުގަނޑުމެންގެ މުވައްޒަފުން ވެސް ވަރަށް މަދު. މިގޮތުން އަޅުގަނޑުމެންގެ އެކި ސެކްޝަންތަކުންނާ އަޅުގަނޑުމެންގެ އޮތޯރިޓީތަކުގެ ކުދިންގެ ބޭނުން ހިފައިގެން އެކުދިންގެ އެހީތެރިކަމާ އެކީގަ އަޅުގަނޑުމެން ރެޔާ ދުވާލު މި މަސައްކަތް ކުރަނީ ވީކެންޑްގަ ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން ވަރަށް ބުރަކޮށް ދަރިވަރުންނަށް ފައިސާ ހަމަޖައްސައިދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ފައިސާ ދިނުން ލަސްވާނަމަ މިނިސްޓްރީން ދަރިވަރުން ކިޔަވަން ހަމަޖެހިފައިވާ ޔުނިވާސިޓީތަކާ ވާހަކަ ދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.
މިމަހު މިނިސްޓްރީގެ ކޯލް ސެންޓަރަށް ވެސް ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއް ކުއްޖެއްގެ ކަމުގައި އެކި މީސްމީހުން ގުޅާތީ މުވައްޒަފުންގެ ވަގުތު ގެއްލިގެން ދިޔަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިފަދަ ކަންކަމުގައި މިހާރަށްވުރެ އިންތިޒާމްތައް ރަގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސަރުކާރުން ވަނީ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެސް ސްޓޫޑެންޓް ލޯނު ދޫކުރުމަށް ނިންމާފަ އެވެ. ލޯނުގެ ފައިސާ ދޫކުރާނީ ކޮންމެ ހަ މަހަކުން، ކުއްޖާ ކިޔަވާކަން ޔަގީން ކުރުމަށްފަހު އެވެ.