ރާއްޖއިން ކޯ-ސްޕޮންސާކުރި މި ގަރާރަކީ އިންޓަނޭޝަނަަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ޖުލައި މަހުގައި ނެރުނު އިސްތިޝާރީ ރައުޔައަކާ ގުޅިގެން ހުށަހެޅި ގަރާރެކެވެ.
އިސްރާއީލުގެ ބިންތައް އިސްތިއުމާރުކޮށް ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވުމަށް އދގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް ތާއީދުކޮށް ދިވެހިރާއްޖެއިން ވޯޓު ދީފި އެވެ.
ރާއްޖއިން ކޯ-ސްޕޮންސާކުރި މި ގަރާރަކީ އިންޓަނޭޝަނަަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ޖުލައި މަހުގައި ނެރުނު އިސްތިޝާރީ ރައުޔައަކާ ގުޅިގެން ހުށަހެޅި ގަރާރެކެވެ. ކޯޓުގެ ރައުޔުގައި އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމުގައި ބުނެފައިވެ އެވެ.
އަދި އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އެހެނިހެން ބިންތަކުގައި ޔަހޫދީ އާބާދީތައް ގާއިމުކުރަމުންދަނީ ބައިނަލްއަގުވާމީ ގާނޫނާއި އދގެ ނިންމުންތަކާ ހިލާފަށް ކަމުގައި އެ އިސްތިޝާރީ ލަފާގައި ބަޔާންކުރި އެވެ.
އެ އިސްތިޝާރީ ލަފާގައި ފާހަގަކޮށްފައިވާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމަށް ގޮވައިލާ އދގެ އާންމު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ރާއްޖެއިން ތާއީދުކޮށް ވޯޓުދިންކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަަމީރު ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ އަމަލުތައް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
އަދި އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދެވޭކަން ޔަގީންކުރަންޖެހޭ ކަމަށާއި، ޖުލައި މަހު އައިސީޖީން ނެރުނު އަމުރުގައިވާ ކަންކަން އިސްރާއީލުން ފުރިހަމައަށް ތަންފީޒުކުރާކަން ގަރާރުގައި ބަޔާންކުރާ 12 މަސްދުވަހުގެ ތެރޭ ކަށަވަރުކުރަން އޭނާ ގޮވައިލެއްވި އެވެ.
އަދި އަދުލުވެރިކަމާއި ސުލްހައާއި ދައުލަތެއްގެ ހައްގު ލިބުމަށް ފަލަސްތީނު ރައްޔިތުން ކުރާ އުންމީދު ހަގީގަތަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ. އެކަން ހަގީގަތަކަށްވާނީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަނެ 1967 ވަނ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް އެކުލެވޭ އިރުމަތީ ގުދުސްގައި ވެރިރަށް އޮންނަ ފަލަސްތީނެއް ގާއިމުވެގެން ކަމށްވެސް ޒަމީރު ވިދާޅުވި އެވެ.