އިގުތިސާދު ސިންދަފާތުކުރުން | ދެކެވުނު ވާހަކަ ރައީސް ބަދަލުކުރެއްވީ އަމަލީ މަސައްކަތަކަށް

އިގުތިސާދު ސިންދަފާތު ކުރުމުގެ ވާހަކައަކީ ޒަމާނުއްސުރެ ދެކެވެމުންދިޔަ ވާހަކައެއް ނަމަވެސް އަމަލީ ގޮތުން އެ މަސައްކަތް ފުރަތަމަ ފަހަރަށް ފެއްޓެވި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.

އިގުތިސާދު ސިންދަފާތުކުރުމަކީ ހުރިހާ ވެރިން ދެއްކެވި ވާހަކައެއް ނަމަވެސް އަމަލީ ސިފަ ގެންނެވީ ރައީސް ޑރ.މުއިއްޒު

ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމުގެ ވާހަކައަކީ އަބަދުހެން ދެކެވޭ ވާހަކައެކެވެ. ފަތުރުވެރިކަމުގެ މައްޗަށް އިގުތިސާދު ބަރޯސާކޮށްފައި އޮތް އޮތުމުގެ ބޮޑުކަމުން ބޭރުގެ އެކި ލޮޅުންތަކުން އިގުތިސާދަށް އަންނަ ނޭދެވޭ އަސަރުތައް ގަލްފު ހަނގުރާމައިގެ ދުވަސްވަރާއި، 2008 ވަނަ އަހަރުގެ އިގުތިސާދީ މާލީ ކާރިސާގެ ތެރޭގައާއި، ކޮވިޑް-19ގެ އާލަމީ ވަބާގެ ދުވަސްވަރު ދިވެހިން ތަޖުރިބާކުރި އެވެ.

އެއިން ކޮންމެ ދަތިކަމެއްގެ ތެރޭގައި ދެކެވޭ އެއް ވާހަކައަކީ ފަތުރުވެރިކަން ނޫން އެހެނިހެން ސިނާއަތްތައް ކުރިއެރުވުމާއި، އައު ސިނާއަތްތައް ތައާރަފުކޮށް ރާއްޖޭގެ އިގުުތިސާދު ޑައިވަސިފައި ކުރުން ނުވަތަަ ސިންދަފާތުކުރުމުގެ ވާހަކަައެވެ. ބަޖެޓު ފޮތްތަކުގައި ލިޔެވިފައި އޮތް ނަމަވެސް ބައެއް ކަހަލަ ސިޔާސަަތުތައް އިއުލާނު ކުރެވުނު ނަމަވެސް އަމަލީ ގޮތުން އިގުތިސާދު ސިންދަފާތުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ފެށުނު ތަނެއް ފެނިފައި ނެތެވެ. 

ސިންދަފާތުކުރުމުގެ ވާހަކައަށްފަހު ހާލަތު އޮތް ގޮތް

އިގުތިސާދު ސިންދަފާަތުކުރުމަށް އެކި ސަރުކާރުތަކުން ދެއްކި ތަފާތު ވާހަކަތަކަށްފަހު މިއަދު ދިވެހިރާއްޖޭގެ އިގުތިސާދު އޮތީ ކޮން ހާލަތެއްގައިތޯ ބަލާލާއިރު ފެންނަނީ ފަތުރުވެރިކަަމުގެ މައްޗަށް އިގުތިސާދު ބަރޯސާވާ މިންވަރު އިތުރުވެފައި އޮތް ތަނެވެ. 

ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލުން 2022 ވަނަ އަހަރު ޝާއިއުޖކުރި އިކޮނޮމިކް އިމްޕެކްޓް ރިޕޯޓުގައި ފާހަގަަކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 30 އިންސައްތައަކީ ސީދާ ގޮތުން ފަތުރުވެރިކަމުން ހިއްސާކުރާ މިންވަރެވެ. އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ނުސީދާަ ގޮތުން ފަތުރުވެރިކަމުން ގައުމީ އުފެއްދުންތެރިކަމުގައި ހިއްސާކުރާަ މިންވަރު އެއަށްވުރެ ބޮޑުވާނެ ކަމުގައި ލަފާކުރެވެ އެވެ. 

2023 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ޝާއިއުކުރި "ޓޫރިޒަމް ސެކްޓާ އޯވާވީއު"ގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ މަސައްކަތްކުރާ މީހުންގެ އާބާދީގެ 60 އިންސައްތައަކީ ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ދާައިރާތަކުގައި މަސައްކަތްކުރާ މީހުންނެވެ. 

ވޯލްޑް ބޭންކުން 2021 ވަނަ އަހަރު ނެރުނު "މޯލްޑިވްސް އިކޮނޮމިކް އަޕްޑޭޓް" ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ދިވެހިރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމުދަނީގެ 60 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމެވެ. އެހެންކަމުން ބޭރު ފައިސާގެ އާމުދަނީއަށް ކޮވިޑް-19 ގައި ދަތުރުފަތުރު ބަންދުވުމުން ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރިކަން އެ ރިޕޯޓުގައި ފާހަގަކުރި އެވެ. 

އެއް ސިނާއަތެއްގެ މައްޗަށް އިގުތިސާދު ބަރޯސާވެފައި އޮތުމާ ގުޅޭ ގޮތުން އައިއެމްއެފްއިން 2021 ވަނަ އަހަރު ކުރިއަށްގެންދިޔަ ކޮންސަލްޓޭޝަންގެ ސްޓާފް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެ ސިނާއަތަށް އަންނަ ލޮޅުންތަަކާއެކު ދައުލަތުގެ މާލިއްޔަަތަށާއި މުޅި އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާ ކަމަށެވެ. އަދި އިގުތިސާދީ ވިލުންތެރިކަން އިތުރުކުރުމަށް އަވަސް މުއްދަތެއްގައި އެހެނިހެން ސިނާއަތްތައް ފުޅާކޮށް ޓޫރިޒަމަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވެ އެވެ. 

އިގުތިސާދު ސިންދަފާތުކުރަން ދެކެވުނު ވާހަކަތައް

އިންޓަނޭޝަނަލް މެރިޓައިމް އޯގަނަައިޒޭޝަނުން 2019 ވަނަ އަހަރު ނެރުނު "ޓްރާންސްޝިޕްމެންޓް އެންޑް ބަންކަރިން އިން ދަ އިންޑިއަން އޯޝަން: އޮޕަޗުނިޓީސް ފޯ ދި މޯލްޑިވްސް" ގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިގުތިސާދީ ނާޒުކުކަން ކުޑަކުރުމަށްޓަކައި ޓްރާންސްޝިޕްމެންޓާއި ބަންކަރިން ސިނާއަތަށް ވަނުމަށް 1980ގެ އަހަރުތަކުން ފެށިގެން ސަރުކާރުތަކުން މަސައްކަތްކުރި ނަމަވެސް އެއިން އެއްވެސް މަސައްކަަތެއް އަމޅި ފެންވަރަށް ގެނެވިފައިނުވާ ކަމށެވެ. 

އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރާާއްޖެ އޮތް އިސްތިރާޖީ މުހިއްމު ލޮކޭޝަން ބޭނުންކުރުމަށް ކުރީގައި އެކި ސަރުކާރުތަކުން މަސައްކަތްކުރި ނަމަވެސް ކާމިޔާބުކަމާއެކު އެ މަސައްކަތް ކުރެވިފައި ނެތެވެ. އެގޮތުން ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްްޔޫމުގެ ވެރިކަމުގައި އަދި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައިވެސް އުތުރުގައި ބަންކަރިންއާއި ޓްރާންސްޝިޕްމެންޓު މަސައްކަތް ފެށުމަށް އެކި ފެންވަރުގައި މަސައްކަތް ކުރެވިފައިވާކަން ރިޕޯޓުގައި ފާހަގަކުރި އެވެ. 

ޓްރާންސްޝިޕްމެންޓުގެ ދާއިރާގެ އިތުރަށް ސިނާއީ ފެންވަރަށް މަސްވެރިކަން ތަރައްގީކުރުމަކީވެސް 1980 އާއި 1990 ގެ އަހަރުތަކުން ފެށިގެން އެކި ސަރުކާރުތަކުން އަމާޒުހިފި ކަމެއް ނަމަވެސް އެކަމުގައިވެސް އަތްލެވޭ ހަރުދަނާ ނަތީޖާއެއް ނެރެވި ޒަަމާނާ ފައިހަމަވާނެ ގޮތަށް މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރެވިފައި ނުވެ އެވެ. 

ފާއިތުވި ފަސް އަހަރަށް ބަލާއިރު އިގުތިސާދު ސިންދަފާތުކުރުމަށް އެކި މަސައްކަތްތައް ކުރަން ބަޖެޓުގައި ހިމެނި އެވެ. އެ މަސައްކަތްތައް އިއުލާނުވެސް ކުރި އެވެ. އެގޮތުން ބަންކަރިން ހިދުމަތް ފެށުމަށް މަސައްކަތްތަކެއް ކުރާނެކަން އެއިރުގެ ސަރުކާރުން އިއުލާނުކުރި އެވެ. ނަމަވެސް ފަސް އަހަރުގެ ދައުރު ނިމުނުއިރު ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތެވެ. 

އަމަލީ މަސައްކަތް ފެށެނީ

ނަމަވެސް ހާލަތު ބަދަލުވާ މަންޒަރު މިއަދު އެބަ ފެނެ އެވެ. އިގުތިސާދު ސިންދަފާތުކުރުމަށް ގިނަގުނަ ސިޔާސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާއިރު، އެއިން ބައެއް ކަންކަމުގެ އަމަލީ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދިހަ މަސްދުވަހުގެ ތެރޭގައި ފެށިގެން ދިއުމަކީ ނަތީޖާ ތަފާތުވާނެ ކަމުގެ އުންމީދު އައުވާ ކަމެކެވެ. 

ބަންކަރިން ހިދުމަަތަކީ އިގުތިސާދު ސިންދަފާތުކުރުމަށް އެކި ސަރުކާރުތަކުން އިއުލާނުކުރި ސިޔާސަތުތަކުގައި ހިމެނުނު ބައެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެ ހިދުމަތާއި އިތުރު މެރިޓައިމް ހިދުމަތްތައް ފެށުމަށް އައިހޭވެން ނަމުގައި ބޮޑު މަޝްރޫއެއް އިއުލާނުކުރެއްވި އެވެ. ނިމުނު ސަރުކާރުގައި އައިހެވެން ހިދުމަތް ފެށުމަށް ބޭނުންވާ ބައެއް ވަސީލަތްތައް އުތުރުގައި ގާއިމުކުރުމުގެ ވާހަކަ ދެކެވުނެވެ. އެކަމަަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއްވެސް ފާސްކުރި އެވެ. 

ނަމަވެސް އެއިން އެއްވެސް ސިޔާސަތެއް އަމަލީ މަސައްކަތާ ހަމައަށް ގެނެވިފައި ނެތެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަންކަރިން ހިިދުމަތް ފެށުމަށް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ ބޮޑު އަމިއްލަ ކުންފުނިކަމަށްވާ ވިޓޯލްއާއެކު އެއްބަސްވުމެއް ގާއިމުކުރި އެވެ. އެ އެއްބަސްވުމަށްފަހު ބަންކަރިން ހިދުމަތް އެ ކުންފުނިން ދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނި އެވެ. 

އެއަށްފަހު ދައުލަތުގެ ގިނަ ކުންފުނިތަކަކާއި އިދާރާތަކެއް ޝާމިލުވެގެން ބަންކރިންއަށް ބޭނުންވާ ވަސީލަތްތައް އުތުރުގައި ގާއިމުކުރުމުގެ މަސައްކަތް ފަށައި މިހާރު އެ މަސައްކަތްތައް އެވަނީ ނިންމާލާފަ އެވެ. އެމްޕީއެލްއާއި އެސްޓީއޯއާއި އެމްއެންޑީއެފް އަދި ކަސްޓަމްސްވެސް ޝާމިލުވެގެން ކުރި މަސައްކަތްތަކުން މިހާރު ބަންކަރިން ހިދުމަތް ފެށުމަށް ގާއިމުކުރަންޖެހޭ ހުރިހާ އަސާސީ ވަސީލަތްތަކެއް އެވަނީ ގާއިމުކުރެވިފަ އެވެ. 

އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި ބަަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ވަސީލަތްތައް އުތުރުގައި ގާއިމުކޮށް މިއަދު އެ ހިދުމަތް ފެށިގެން ދިއުމަކީ އިގުތިސާދުގެ ވިލުންތެރިކަން އިތުރުކުރުމަށް އިގުތިސާދު ސިންދަފާތުކުރުމަކީ ހަމައެކަނި ދެކެވޭ ވާހަކައެއްގެ ގޮތުގައި، ލިޔެފައި އޮންނަ ސިޔާސަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އަންނަ ކަމުގެ ދަލީލެކެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދިހަ މަސްދުވަހުގެ ތެރޭގައި މިއަދު ރާއްޖެ މިވަންނަނީ 200 އެތައް ބިލިއަން ޑޮލަރެއްގެ ސިނާއަތަކަށެވެ. މި ސިނާއަތުގައި ރާއްޖެއަށް ފައިތިލަ ސާބިތުކޮށް، ވަރަށް އާދައިގެ ގޮތެއްގައި 1970 ގައި ފެށި ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ސިނާއަތަކަށް ބަދަލުކުރި ގޮތަށް، މި ސިނާއަތުގައި ރާއްޖެއަކީ އެންމެ މަތީ ފަންތީގެ ހިދުމަތް ދޭ ގައުމަކަށް ހެދިއްޖެނަމަ، މި ސިނާއަތްވާނީ ރާއްޖޭގެ އިގުތިސާދަށް ބޭރު ފައިސާ ވައްދާ، ގައުމީ އުފެއްދުންތެރިކަމުގައި ބޮޑު ހިއްސާއެއް އޮތް މުހިއްމު ސިނާއަތަކަށެވެ. އިގުތިސާދުގެ ވިލުންތެރިކަން އިތުރުވެ، ލޮޅުންތަކުން ކުރާ އަސަރު ކުޑަވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.