ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރުމަށް ހުރަސް ނާޅާނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ މި މަހުގެ 17ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި 3 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިސްލާހު ގައި، ގާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދަޢުވަތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު ތިން ދުވަހަށް ބަދަލުކޮށް އަދި އެ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމުގައި ކަނޑައަޅާފައިވާ މުއްދަތު 10 ދުވަހަށް ވަނީ ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން 100 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ޕްރައިވެޓް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުމަށް ކަނޑައަޅާފައިވާ މުއްދަތު މަދުވެގެން ހަތް ދުވަސް ކުރިން ފޮނުވަން ޖެހޭގޮތަށް ބަދަލުކޮށް، އެ މާއްދާގެ (2) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ، މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ކަނޑައަޅާފައިވާ މުއްދަތުވެސް މަދުވެގެން ހަތް ދުވަސް ކުރިން ނޯޓިސް ފޮނުވަން ޖެހޭ ގޮތަށް ވަނީ ބަދަލު ކޮށްފަ އެވެ.
މި އިސްލާހު ގައި މި ގާނޫނުގެ 113 ވަނަ މާއްދާގެ (ށ) ގައި ކޮންމެ ޕަބްލިކް ކުންފުންޏެއް ގައި މަދުވެގެން ދެ ޑިރެކްޓަރުން ތިބެންވާނެ ކަމަށާއި މި މާއްދާގެ (ނ) ގައި، ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެހެން ގާނޫނެއް ގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދު ގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރުމަށް މި މާއްދާ ހުރަސް ނާޅާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި މި ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާގޮ ތަށް ރަޖިސްޓަރާގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން އައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މައުލޫމާތާއެކު ރަޖިސްޓްރާ އަށް އަންގަން ޖެހޭނެ ކަމަށް ކަނޑައަޅައި އަދި މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތަށް ރަޖިސްޓަރާގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި މެނޭޖިން ޑިރެކްޓަރެއް އައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މައުލޫމާތާއެކު ރަޖިސްޓްރާ އަށް އަންގަން ޖެހޭނެ ކަމަށް ކަނޑައަޅައިފައިވެ އެވެ.
މިއީ މަޖިލީހުން ވަރަށް އަވަސް އަރުވާލައިގެން ހުރިހާ މަރުހަލާއެއް ނިންމާ ފާސްކޮށްފައިވާ އިސްލާހުތަކެކެވެ.